qmIkqs qnaCqnep qTqnamrayaTir qsqviDqlOm

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ (އެމް.އާރު.ޕީ.އެސް) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ޗަންދާއެއް ނަގައިގެން، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. އެމް.އާރު.ޕީ.އެސް އަށް، ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7( ދެ ފަރާތުން ޖުމްލަ %14 ) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސްއިން ޕެންޝަންގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅިގެން ދަނީ، ރިޓަޔަރ ކުރާއިރު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގގެ ގޮތުގައި ޖަމާވެފައި ހުރި ޢަދަދެއްގެ މައްޗަށެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ޢުމުރުން 16 އަހަރާ 65 އަހަރާ ދެމެދުގެ ދިވެހިން އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލާޒިމް ކަމެކެވެ. މިސްކީމުގެ މަޤުޞަދަށްޓަކައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ބެލެވެނީ ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭގޮތަށް މަސައްކަތްކުރާ ކޮންމެ މީހެކެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި ދަނޑުވެރިން އަމިއްލަ އިޚްތިޔާރުގައި ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެމް.އާރް.ޕީ.އެސްގައި މުވައްޒަފުން ބައިވެރިކޮށް ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނީ ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން، ސްކީމްގައި މުވައްޒަފުން ރަޖިސްޓްރީކޮށް، މަހުން މަހަށް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހޭ ސްޓޭޓްމަންޓްތައް ހުށަހަޅައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެކެވެ. އަމިއްލަ މަސައްކަތްކުރާ ކުރާ މީހެއް ނަމަ ސްކީމުގައި ބައިވެރިވެ ކޮންޓްރިބިއުޝަން ދެއްކުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރާނީ އެމީހަކު އަމިއްލައަށެވެ.

މުވައްޒަފަކު އެމް.އާރް.ޕީ.އެސްއަށް ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އެންމެ މަދު ޢަދަދު ކަމުގައި ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައި ވަނީ އެމުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ %7 އެވެ. ވަޒީފާދޭ ފަރާތުންވެސް މިއާއެއްވަރުގެ ޢަދަދެއް މުވައްޒަފުގެ ފަރާތުން ކޮންމެ މަހަކު ސްކީމަށް ދެއްކުމަށް ޕެންޝަނާބެހޭ ޤާނޫނުން ލާޒިމު ކުރެއެވެ. ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތުން ސްކީމަށް ދެއްކުން ޤާނޫނުން ލާޒިމްވާ %14 ގެ އިތުރުން އަމިއްލަ އިޚްތިޔާރުގައި ސްކީމަށް ފައިސާ ދެއްކުމުގެ ފުރުޞަތު މި ދެފަރާތަށް ވެސް އޮވެއެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތެއް ނަމަ ސްކީމަށް ފައިސާ ދައްކާނެ ދުވަހާއި މިންވަރު ކަނޑައަޅާނީ އެމީހަކަށް ލިބޭ އާމްދަނީ އަށް ބިނާކޮށް އެމީހަކު އަމިއްލަ އަށެވެ. މުވައްޒަފުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރަކަށް އެންމެ ގިނަވެގެން ސްކީމަށް ދެއްކޭނީ ފާއިތުވި އަހަރު، ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބުނު މީހާގެ، ޕެންޝަނަށް ބަލާ މުސާރައިގެ،އަހަރީ މުސާރައިގެ %14 އަށް ވުރެ އިތުރު ނޫން ޢަދަދެކެވެ.

ޕެންޝަނަށް ބަލާ މުސާރަ އަކީ ޕެންޝަން އޮފީހުގެ ބޯޑުން ކަނޑައަޅާ ޢަދަދެކެވެ. 1 މެއި 2010 އިން މިހާތަނަށް ޕެންޝަނަށް ބަލާ މުސާރަ ކަމުގައި ކަނޑައަޅާފައި ވަނީ މުވައްޒަފުގެ އަސާސީ މުސާރައެވެ.

އެމް.އާރް.ޕީ.އެސްގެ މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވޭ ފައިސާގެ ތަފްސީލް ހިމެނޭ ސްޓޭޓްމަންޓް (ރިޓަޔަރމަންޓް ސޭވިންގ އެކައުންޓް ސްޓޭޓްމަންޓް) އިންޓަރނެޓް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިކަމަށް ބޭނުން ކުރާނެ ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ ތައްޔާރުކުރެވިފައެވެ. މީގެ އިތުރުން ޕްރިންޓް ކޮށްފައިވާ ސްޓޭޓްމަންޓެއް ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުން ސްޓޭޓްމަންޓް ޕްރިންޓް ކޮށްދެވޭނެއެވެ.

  • ޕެންޝަނަށް ޖަމާކުރެވިފައިވާ ފައިސާގެ ޖުމްލަ ބެލުން
  • ވަޒީފާދޭ ފަރާތުން ގަވާއިދުން ޕެންޝަން ކޮންޓްރިބުއުޝަން ދައްކަމުންދޭތޯ ބެލުން
  • ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް އަންނަ ބަދަލުތައް ބެލުން
  • ސްޓޭޓްމަންޓްގައި ހިމެނިފައިވަނީ ރަނގަޅު އަދި އެންމެ ފަހުގެ މަޢުލޫމާތުތޯ ބެލުން

އާންމު އުޞޫލެއްގެ ގޮތުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މެންބަރެއްގެ ޢުމުރުން 65 އަހަރު ފުރުމުންނެވެ. މީގެ އިތުރުން އަރލީ ޕެންޝަން ވިތްޑްރޯވަލްއަށް ޝަރުޠު ހަމަވާ މެންބަރުންނަށް، އެމެންބަރެއްގެ ޢުމުރުން (މީލާދީ ގޮތުން) 55 އަހަރު ފުރުމުން ނުވަތަ އޭގެ ފަހުގެ ކޮންމެ ތާރީޚެއްގައި ވެސް ޕެންޝަނަށް އެދެވިދާނެއެވެ. އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުޠު ހަމަވާނީ، ޢުމުރުން 55 އަހަރު ފުރޭއިރު ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެފައިހުރި ފައިސާ 22 އަހަރަށް ބަހާލުމުން، މަހެއްގެ މައްޗަށް، އެއިރެއްގައި ދެވޭ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ޢަދަދުގެ ދެ ގުނަ އަށް ވުރެ ބޮޑު ޢަދަދެއް ޖެހޭ މެންބަރުންނެވެ.

ޢުމުރުން 55 އަހަރުގައި ޕެންޝަން ލިބުމަށް ޝަރުޠު ހަމަވާ މެންބަރުންނަށް (އަރލީ ޕެންޝަން ވިތްޑްރޯވަލްއަށް ޝަރުޠު ހަމަވާ މެންބަރުންނަށް) މީލާދީ ގޮތުން ޢުމުރުން 55 އަހަރު ފުރުމުން ނުވަތަ އޭގެ ފަހުގެ ކޮންމެ ތާރާޚެއްގައި ވެސް ޕެންޝަނަށް އެދި ހުށަހެޅިދާނެއެވެ. އެނޫނުން މެންބަރުންނަށް މީލާދީ ގޮތުން ޢުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން، ނުވަތަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައިވެސް ޕެންޝަނަށް އެދެވިދާނެއެވެ. ޕެންޝަނަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް 'ޕެންޝަނަށް އެދޭފަރާތުގެ މަޢުލޫމާތު ފޯމް' ފުރިހަމަކޮށް، ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމް ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

  • އުމުރުން 65 އަހަރު ފުރޭއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ 14 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދު ކޮންމެ މަހަކު ދޫކުރުން
  • އާރލީ ޕެންޝަން ވިތްޑްރޯލް ނުވަތަ ޢުމުރުން 55 އަހަރުގައި ޕެންޝަނަށް އެދޭ ނަމަ މެންބަރުގެ އުމުރުން 55 އަހަރު ފުރޭއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ 22 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދު ކޮންމެ މަހަކު ދޫކުރުން
  • އެމީހެއްގެ ނަމުގައި އެމް.އާރު.ޕީ.އެސްއަށް ޖަމާކުރެވިފައި ހުރި ފައިސާ ހުސްވުން.
  • ޕެންޝަނުގެ ގޮތުގައި ދޭ މިންވަރު ހިސާބުކުރާ އުސޫލަށް ބަދަލު އައުން.
  • ދިވެހިރާއްޖޭގެ ލައިފް އެކްސްޕެކްޓީންސީ (ޑަބްލިޔު އެޗްއޯއިން ކަނޑައަޅާ) އަށް ބަދަލުއައުން.
  • އެމް.އާރު.ޕީ.އެސްއިން ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެވުން.

ސްކީމުގެ މެންބަރަކަށް ޕެންޝަންގެ ގޮތުގައި ދޭންޖެހޭ ޢަދަދަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އިތުރަށް ދެވުނު ފައިސާ ހަމަވަންދެން ، އެމީހަކަށް މަހެއްގެ މައްޗަށް ލިބެންޖެހޭ ޢަދަދުން ބައެއް އުނިކުރަމުން ގޮސް އިތުރަށް ދެވުނު ފައިސާ ހަމަ ކުރެވޭނެއެވެ. އަދި، މެންބަރަކަށް ޕެންޝަންގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ ޢަދަދަށްވުރެ މަދުން ފައިސާ ދެވިފައިވާ ނަމަ ވިދިގެން އަނަނަ މަހުގެ ޕެންޝަން ފައިސާ ޖަމާކުރާއިރު، ފާއިތުވި މަސްތަކުގައި ޕެންޝަނުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވިހުރި ފައިސާ އެއްކޮށް ޖަމާކޮށްދެވޭނެއެވެ.

އެމް.އާރު.ޕީ.އެސްގެ ބައިވެރިންނާއި ވަޒީފާދޭ ފަރާތްތަކުން ސްކީމަށް ޖަމާކުރާ ފައިސާ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން އިންވެސްޓު ކުރެވޭނެއެވެ. މި ގޮތުން، އިންވެސްޓް ކޮށްގެން ލިބޭ ފައިދާއާއި ގެއްލުން ބަހާލެވޭނީ ސްކީމުގެ ބައިވެރިންގެ މެދުގައެވެ. އިންވެސްޓް ކުރުމުގައި އެންމެ އިސްކަމެއް ދެވޭ ކަންތައްތަކަކީ:

  • އިންވެސްޓްމަންޓް ތަކުގެ ރައްކާތެރިކަން
  • އިންވެސްޓްމަންޓްތަކުގެ ޑައިވާސިޓީ
  • އިންވެސްޓްމަންޓްތަކުގެ ރިސްކާ އެކަށީގެންވާ ފައިދާ އެއް ލިބޭގޮތުގެމަތިން އިންވެސްޓްކުރުން
  • ލިކުއިޑިޓީ
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ލައިސަންސް ލިބިގެން ހިންގާ ބޭންކް ޑިޕޮސިޓް
  • ސަރުކާރުން ގެރެންޓީ ކޮށްފައިވާ މިންވަރަކަށް، ސަރުކާރުގެ ފަރާތުން ދޫކުރާ ސެކިއުރިޓީސް
  • ލައިސަންސް ލިބިގެން ހިންގޭ ސްޓޮކް އެކްސްޗޭންޖެއްގައި، ރަސްމީކޮށް ވިއްކަމުންގެންދާ، ވިޔަފާރިތަކުގެ ސެކިއުރިޓީސް
  • ދިވެހިރާއްޖޭގައި ހުއްދަލިބިގެން ހިންގޭ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑް

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސް ކުރުމުގައި ޢަމަލުކުރަނީ ޕެންޝަން އޮފީހުގެ ބޯޑުގެ 3 މެންބަރުންގެ މައްޗަށް އެކުލެވޭ އިންވެސްޓްމަންޓް ކޮމިޓީއިން އެކުލަވައި ބޯޑުން ފާސްކުރާ ސްޓޭޓަމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕްލްސްގައި ހިމެނޭ ސިޔާސަތުތަކާ އެއްގޮތަށެވެ. މިގޮތުން އެކުލަވާލެވި ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށް ފެބްރުއަރީ 2013 ގައި ޝާއިއު ކޮށްފައިވާ އެސް.އޯ.އައި.ޕީގެ ދަށުން މިވަގުތު ޕެންޝަން ފައިސާ އިންވެސްޓްކުރެވެނީ އަންނަނިވި ތަންތަނުގައެވެ.

  • ބެންކުތަކުގެ ފިކްސްޑް ޑިޕޮޒިޓް
  • ޓްރެޜަރީ ބިލް/ބޮންޑ
  • ހިއްސާ އަދި ބޮންޑްސް
  • ޝަރީޢާ ހުއްދަކުރާ މުޢާމަލާތްތައް

ރިޓަޔަރމަންޓް ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ސްކީމުގެ ބައިވެރިންގެ އަތުން އެޑްމިނިސްޓްރޭޝަން ފީ އެއް ނެގެއެވެ. ސްކީމު ހިންގުމުގެ ޚަރަދު ތަކުގެ ތެރެގައި ހިސާބު ބެލެހެއްޓުމުގެ ޚަރަދާއި، އިންވެސްޓް ކުރުމުގެ ކަންކަމަށްދާ ޚަރަދާއި، މާލީގޮތުން ކުރެވޭ މުޢާމަލާތް ތަކާގުޅިގެން ހިނގާ ޚަރަދާއި، ކަސްޓޯޑިއަންގެ ޚަރަދާއި، އޯޑިޓް ކުމުމާއި، އަދި އެފަދަ އެހެނިހެން ޚަރަދުތައް ހިމެނެއެވެ. އެޑްމިނިސްޓްރޭޝަން ފީ އަކީ ކޮންމެ އަހަރަކު މުޠާލިޔާ ކުރެވޭ ފީއެކެވެ. މި ހިނގާއަހަރު އެޑްމިނިސްޓްރޭޝަން ފީ އަކީ، %0.80 (އަހަރަކު ކޮންމެ ސަތޭކަ ރުފިޔާ އަކަށް 80 ލާރި) އެވެ. އެޑްމިނިސްޓްރޭޝަން ފީ ނެގެނީ މަހެއްގެ މައްޗަށް ބަހާލައިގެން އެމައެއްގައި މެމްބަރަކު ސްކީމުގައި ހޭދަ ކުރި ނިސްބަތުން ނެވެ. އެޑްމިނިސްޓްރޭޝަން ފީ ހިސާބުކުރާ ގޮތް ތިރީގައި އެވަނީ އެވެ.
މަސްނިމުނު އިރު މެންބަރުގެ ބެލެންސް x %0.80 /12 x މެންބަރ އެމަހެއްގައި ސްކީމުގައި ހޭދަކުރި ދުވަސްތައް /މަހުގައި ހިމެނޭދުވަސް ތައް

އެމް.އާރު.ޕީ.އެސް އަށް ޖަމާކުރެވޭ ފައިސާ އިންވެސްޓް ކުރުމަށްޓަކައި ޝަރީއާ ފަންޑަކާއި އިންވެސްޓްމަންޓް ފަންޑެއް ޤާއިމް ކުރެވި ތަފާތު ދެގޮތަކަށް އިންވެސްޓް ކުރެވެއެވެ. މިގޮތުން ޝަރީއާ ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެނީ ހަމައެކަނި ޝަރީއާގެ ޢުޞޫލުތަކާ އެއްގޮތްވާ ގޮތަށް ފަރުމާ ކުރެވިފައިވާ އިންސްޓްރޫމަންޓަތަކުގައެވެ. އަދި އިންވެސްޓްމަންޓް ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެމުން ދަނީ ކޮންވެންޝަނަލް މާލީ އިންސްޓްރޫމަންޓްތައް ކަމުގައިވާ ޓީބިލާއި، ބޮންޑާއި، ބޭންކް ޑެޕޮސިޓް އަދި ކުންފުނިތަކުގެ ހިއްސާގައެވެ. ޝަރީޢާ ޕޯރޓްފޯލިއޯގައި އިންވެސްޓް ކުރެވެނީ ސްކީމުގެ މެންބަރުންގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފައިސާއެވެ.

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއަކު ޕެންޝަން ލިބޭ ޢުމުރު ހަމަވުމުގެ ކުރިން ނުވަތަ ސްކީމަށް ޖަމާކުރި ފައިސާ ހުސްވުމުގެ ކުރިން ނިޔާވެއްޖެނަމަ އެމެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ ވެގެން ދާނީ އެމީހެއްގެ ވާރުތަ މުދަލަށެވެ. އެހެންކަމުން، މިފައިސާ ހޯދުމަށްޓަކައި އެމީހެއްގެ ވާރިޘުން ޝަރުޢީ ކޯޓެއް މެދުވެރިކޮށް ހުށަހެޅުމުން ކޯޓު މެދުވެރިކޮށް އެފައިސާ ވާރިޘުންނަށް ލިބިދެވޭނެއެވެ.