qsqnavalew qnaziTis awinIs

ސިނިއަރ ސިޓިޒަން އެލަވަންސްއަކީ އުމުރުން 65 އަހަރު ފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް ދައުލަތުން ޕެންޝަންގެ ގޮތުގައި ދޭ ޢިނާޔަތްތަކުގެ ޖުމްލަ ޢަދަދު 5000.00ރ އަށް ވުރެ ކުޑަނަމަ، އެޢަދަދު 5000.00ރ އާ ހަމައަށް ބޮޑުކޮށް ދިނުމުގެ މަޤްޞަދުގައި ދައުލަތުން ދޭ އެލަވަންސެކެވެ. މި އެލަވަންސް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

  • ދިވެހި ރައްޔިތެއް ކަމުގައި ވުން.
  • މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން.
  • ދައުލަތުގެ ޚަރަދުގައި ފުލްޓައިމް ކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއްސާބިތުވުމުގެ ސަބަބުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން.
  • ދައުލަތުން ދެވޭ ޕެންޝަނެއްގެ ގޮތުގައި 5000 ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ލިބޭ މީހެއްކަމުގައި ނުވުން.

މި އެލަވަންސް ހޯދުމަށް ވަކި ފޯމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. މި އެލަވަންސް ޙައްޤުވާ ފަރާތްތަކަށް ތިރީގައިވާ ޕެންޝަންތަކުން ޕެންޝަނެއް ޙައްޤުވާނަމަ، އެޕެންޝަނެއް ލިބެން ފެށުމުން މިއެލަވަންސް ފޯރުކޮށްދޭން ފަށާނެއެވެ.

  • އަސާސީ ޕެންޝަން
  • ރިޓަޔަރމަންޓް ޕެންޝަން
  • ދައުލަތުގެ އެހެނިހެން ޕެންޝަން

ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިގެން ދެވޭ ޕެންޝަންތަކުގެ ތެރެއިން ޕެންޝަނެއް ލިބޭ ފަރާތަކަށް ޕެންޝަންގެ ގޮތުގައި ލިބޭ ޢަދަދު 5000 ރ އަށްވުރެ މަދު ނަމަ އެޢަދަދު 5000 ރ ހަމަކުރުމަށް ބޭނުންވާ ޢަދަދު ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ޖަމާކުރެވޭނެއެވެ.

ސީނިއަރ ސިޓިޒަން އެލަވަންސް ޕެންޝަނަރުގެ ބެންކު އެކައުންޓަށް ޖަމާކުރާނީ ކޮންމެ މަހެއްގެ އެންމެފަހު ހަފްތާގެ ތެރޭގައި އެމަހެއްގައި ޕެންޝަނަރަށް ލިބޭ އެހެނިހެން ޕެންޝަންތަކާއެކުގައެވެ.

  • އަސާސީ ޕެންޝަނާއި، ދައުލަތުން ދެވޭ އެހެނިހެން ޕެންޝަންގެ ގޮތުގައި ލިބޭ ޖުމްލަ ޢަދަދު 5000 ރުފިޔާ ހަމަނުވާ ފަރާތްތަކަށް، އެޢަދަދު 5000 ރުފިޔާއަށް ހަމަކުރުމަށް ބޭނުންވާ ޢަދަދު ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ދެވޭނެއެވެ.
  • އަސާސީ ޕެންޝަން ނުލިބޭ، ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި އަސާސީ ޕެންޝަނުގެ ދެގުނަ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއް ލިބޭ ނަމަވެސް ޕެންޝަންގެ ގޮތުގައި 5000 ރުފިޔާ އަށްވުރެ މަދުން ލިބޭ ފަރާތް ތަކަށް، 5000 ރުފިޔާ ހަމަކޮށް ދިނުމަށް ބެނުންވާ ޢަދަދު ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ދެވޭނެއެވެ.
  • އަސާސީ ޕެންޝަން ނުވަތަ ދައުލަތުގެ އެހެން ޕެންޝަނެއް ނުލިބޭ ފަރާތްތަކަށް، ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ލިބޭނެއެވެ.
  • ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހަމަޔަށް އެއްވެސް މަހެއްގައި ޖަމާކޮށްފައި ނުވާނަމަ ވިދިގެން އަންނަ މަހުގެ ޕެންޝަން ފައިސާއާ އެކު ފާއިތުވި މަހު ނުވަތަ މަސްތަކުގައި ޖަމާކޮށްނުދެވި ހުރި ފައިސާ ޕެންޝަނަރުގެ ބެންކު އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
  • ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ޢަދަދަށްވުރެ އިތުރަށް ޕެންޝަނަރުގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކުރެވިފައިވާނަމަ އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަން ވާނެއެވެ.

ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ޕެންޝަނަރުގެ ބެންކު އެކައުންޓަށް ޖަމާކުރެވޭފައިސާ އަނބުރާ ހޯދުމަށް 2 ގޮތަކަށް ޢަމަލު ކުރެވެއެވެ. އެއީ :

  • އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ހޯދުމަށްޓަކައި ކުރިޔަށް އޮތް މަސްތަކުގައި ޕެންޝަނަރަށް ލިބެންޖެހޭ ފައިސާއިން ބައެއް އުނިކުރަމުން ގޮސް އިތުރަށް ޖަމާކުރެވުނު ފައިސާ ހަމަކުރެވޭނެއެވެ.
  • އިތުރަށް ދެވިފައިވާ އަދަދަކީ ކުރިޔަށް އޮތް މަސްތަކުގައި ޕެންޝަނަރަށް ލިބެންޖެހޭ ފައިސާއިން އުނިކުރަމުންގޮސް ކުރުމުއްދަތެއްގެ ތެރޭގައި ހަމަކުރެވޭ ވަރަށްވުރެ ބޮޑުއަދަދެއް ނަމަ އެފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދެއްކުމަށް ޕެންޝަނަރަށް އެންގޭނެއެވެ. އަދި އެފައިސާ އަނބުރާ ނުދައްކައިފިނަމަ އިތުރަށް ޖަމާކުރެވުނު ފައިސާ ހަމަވަންދެން ޕެންޝަނަރަށް ޕެންޝަން ފޯރުކޮށްދިނުން މެދުކަނޑާލެވޭނެއެވެ.
  • ސީނިއަރ ސިޓިޒަން އެލަވަންސް ލިބޭ މީހަކު ނިޔާވެއްޖެކަމުގެ މަޢުލޫމާތު ޕެންޝަން އޮފީހަށް ލިބޭ މަހުން ފެށިގެން އެމީހެއްގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލެވޭނެއެވެ.
  • އެމަހެއްގެ ސީނިއަރ ސިޓިޒަން އެލަވަންސް ޕެންޝަނަރުގެ ބެންކުއެކައުންޓަށް ޖަމާކުރުމުގެ ކުރިން ޕެންޝަނަރު ނިޔާވެއްޖެ ނަމަ ނިޔާވިމަހުގެ ސީނިއަރ ސިޓިޒަން އެލަވަންސްގެ ފައިސާ ހޯދުމަށް ޕެންޝަނަރުގެ ވާރިސުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
  • ޕެންޝަނަރު ނިޔާވުމުން މަރު ސާބިތުކުރިކަން އަނގައިދޭ ލިޔުމުގެ ކޮޕީއެއް ޕެންޝަނަރުގެ އާއިލާގެ ފަރާތުން ޕެންޝަން އޮފީހަށް ހުށަހަޅަންވާނެއެވެ.
  • ޕެންޝަނަރު ނިޔާވިކަން ޕެންޝަން އޮފީހަށް ނާންގައި އޮތުމުގެ ސަބަބުން ޕެންޝަނަރުގެ ބެންކުއެކައުންޓަށް އިތުރަށް ފައިސާ ޖަމާކުރެވިއްޖެ ނަމަ އެފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަންވާނެއެވެ.
  • ސީނިއަރ ސިޓިޒަން އެލަވަންސާ ބެހޭގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާނަމަ އެންމެ ފުރަތަމަ ޕެންޝަން އޮފީހުގެ ނަންބަރު 1441 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު މައްސަލަ ހުށަހަޅާށެވެ.
  • ފޯނު މެދުވެރިކޮށް މައްސަލަ ހުށަހަޅާތާ 3 ދުވަސް (އޮފީސް ބަންދު ނޫން) ތެރޭ، މައްސަލަ ހައްލު ނުކުރެވޭ ނަމަ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ލިޔުމުން މައްސަލަ ހުށަހަޅާށެވެ.
މިސާލު 1

ނަން: އައިޝަތު އަލީ | އުމުރު : 66 އަހަރު

އެހެން ޕެންޝަން ސްކީމުތަކުން ލިބޭ ޕެންޝަން

20 އަހަރުގެ ޕެންޝަން : 2300 ރުފިޔާ
ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރުމުން ލިބޭ ޕެންޝަން : 7000 ރުފިޔާ
ޖުމްލަ: 7000 + 2300 = 9300 ރުފިޔާ

ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ލިބޭނެ ޢަދަދު: އެއްވެސް ޢަދަދެއް ނުލިބޭނެ

ސަބަބު: ދައުލަތުގެ ބަޖެޓުން ޙަރަދު ޕެންޝަން ތަކުން 5000 ރުފިޔާ އަށް ވުރު ބޮޑު އަދަދެއް ލިބެމުން ދިއުން (9300>5000)

މިސާލު 2

ނަން: އިބްރާހިމް މުޙައްމަދު | އުމުރު : 75 އަހަރު

އެހެން ޕެންޝަން ސްކީމުތަކުން ލިބޭ ޕެންޝަން

ރިޓަޔަރމަންޓް ޕެންޝަން ސްކީމު : 2500 ރުފިޔާ
ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރުމުން ލިބޭ ޕެންޝަން : 1000 ރުފިޔާ
އަސާސީ ޕެންޝަން : 550 ރުފިޔާ
ދައުލަތުގެ ބަޖެޓުން ޙަރަދު ކޮއްގެން ދެވޭ ޕެންޝަންތަކުގެ ޖުމްލަ : 1000 + 550 = 1550 ރުފިޔާ

ސީނިއަރ ސިޓިޒަން އެލަވަންސްގެ ގޮތުގައި ލިބޭނެ ޢަދަދު : 3450 ރުފިޔާ

ހިސާބު ކުރި ގޮތް : 1550 - 5000 = 3450
ސީނިއަރ ސިޓިޒަން ހިސާބުކުރުމުގައި ޕެންޝަނަރަށް ލިބޭ އެހެނިހެން ޕެންޝަންތަކުގެ ޖުމްލަ ހޯދާނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭ އަދަދު ނުހިމަނައެވެ.