މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ތައާރަފް

ދިވެހިރައްޖޭގެ ޕެންޝަން ނިޒާމު އިސްލާހުކުރުން

2009 ވަނަ އަހަރު ރާއްޖެއަށް ގެނެވިފައިވާ އާޕެންޝަން ނިޒާމަކީ، 2006 ވަނަ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ހުށަހެޅި ''ސޯޝަލް ޕްރޮޓެކްޝަން އިންދަ މޯލްޑިވްސް: އޮޕްޝަންސް ފޯ ރިފޯރމިންގ ޕެންޝަން އެންޑް ސޭފްޓީ ނެޓްސް" ރިޕޯޓާއި ގުޅިގެން، އެރިޕޯޓުގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކާއި ގުޅިގެން ދިވެހިރާއްޖޭ ޕެންޝަން ނިޒާމު އިސްލާހު ކުރުމަށްޓަކައި ގެނެވިފައިވާ ޕެންޝަން ނިޒާމެކެވެ.

މިގޮތުން 13 މެއި 2009 ވަނަ ދުވަހު "ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނު" ވުޖޫދަށް އައުމުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި-ޓަޔަރ ޕެންޝަން ނިޒާމެއް ގާއިމް ކުރެވުނެވެ. މިނިޒާމުގެ ދަށުން 65 އަހަރުވާ ކޮންމެ ދިވެހި ރައްތިޔަތަކަށް އަސާސީ ޕެންޝަން ދޭން ފެށި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ފައިސާ ދައްކައިގެން ރިޓަޔަރމަންޓް ހަރަދު ބެލެހެއްޓޭ "ޑިފައިންޑް ބެނެފިޓް" ޕެންޝަން ނިޒާމެއް ގާއިމް ކުރެވުނެވެ. އަލަށް ގާއިމް ކުރެވުނު ޕެންޝަން ނިޒާމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގައި ވަޒީފާ އަދާކުރާ ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުން ލާޒިމް ކުރެއެވެ. 

މިނިޒާމް އައުމުގެ ކުރީގައި ރާއްޖޭގައި އޮތީ ވަޒީފާގައި ވަކި މުއްދަތެއް ވުމުން ޕެންޝަނަށް ޝަރުތު ހަމަވާ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ހިންގުނު ޕެންޝަން ނިޒާމެކެވެ.

އަސާސީ ޕެންޝަން ސްކީމް

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ވެފައިވާ އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަންގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ދެވޭނީ ދައުލަތުން ކަނޑައަޅާފައިވާ އަދަދެކެވެ. މިގޮތުން 2019 މާރިޗުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވެނީ 5000 ރުފިޔާއެވެ.

އަސާސީ ޕެންޝަން ހިސާބުކުރެވޭއިރު އެހެން ޕެންޝަން ސްކީމްތަކުން ލިބޭ އަދަދަށް ރިއާޔަތް ކުރެވޭނެއެވެ. އެގޮތުން މޯލްޑީވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ޖަމާވާ ކަމުގައިވާނަމަ އަސާސީ ޕެންޝަން ހިސާބު ކުރާއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ކޮންމެ މަހަކު ލިބޭ އަދަދުގެ 50% އަސާސީ ޕެންޝަންގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ. އަދި ހަމައެޔާއެކު ދައުލަތުގެ އެހެން ޕެންޝަނެއް ލިބޭކަމަށްވާނަމަ އެ ޕެންޝަނުގެ ގޮތުގައި ޖަމާކުރެވޭ އަދަދު (100%) އަސާސީ ޕެންޝަނުގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ.

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް)

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ފައިސާ ދައްކައިގެން ރިޓަޔަރމަންޓް ހަރަދު ބެލެހެއްޓޭ "ޑިފައިންޑް ބެނެފިޓް" ޕެންޝަން ނިޒާމެކެވެ. ޕެންޝަން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޖުމްލަ (%14) ކޮންމެ މަހަކު ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ޕެންޝަން އޮފީހަށް ޖަމާކުރަމުން ގެންދަން ވާނެއެވެ. އެމްއާރުޕީއެސްގައި ޕަބްލިކް ސެކްޓަރުންނާއި ޕްރައިވެޓް ސެކްޓަރުގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި ރައްޔިތަކު ވެސް ބައިވެރިވުމަކީ ޕެންޝަން ޤާނޫނު ލާޒިމްކުރާ ކަމެކެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް ވެސް މިސްކީމްގައި ބައިވެރި ވެވިދާނެއެވެ.

މިނިޒާމަކީ ޑިފައިންޑް ބެނެފިޓް އުސޫލުން ހިންގޭ ނިޒާމެއް ކަމުގައި ވުމުން މިނިޒާމުގެ ދަށުން ރިޓަޔަރ ކުރާއިރު ލިބޭ ޕެންޝަންގެ އަދަދު ކަނޑައެޅިގެންދާނީ ވަޒީފާ އަދާކޮށްފައިވާ މުއްދަތަށާއި، އެމުއްދަތުގައި ޕެންޝަނުގެ ގޮތުގައި ޖަމާކުރަމުން ގެންގޮސްފައިވާ މިންވަރަށާއި އަދި މިފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ ފައިދާގެ ނިސްބަތަށެވެ.