ޕެންޝަން ފައިސާ އިންވެސްޓް ކުރެވޭ ގޮތް

އެމްއާރުޕީއެސް އިދާރީގޮތުން ހިންގުމުގެ އެންމެހާ ކަމެއް ބަލަހައްޓާ ފަރާތަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. މިގޮތުން ޕެންޝަނަށް ޖަމާކުރެވޭ ފައިސާ ދުވަހުން ދުވަހަށް އިންވެސްޓް ކުރުމުގެ އެންމެހާ ކަންކަން ކުރަމުން ގެންދަނީ އެކަމަށް ހާއްސަކޮށް ޕެންޝަން އޮފީހުގައި ގާއިމް ކުރެވިފައިވާ އިންވެސްޓްމަންޓްސް އެންޑްފައިނޭންޝަލް މެނެޖްމަންޓް ޑިވިޜަނުންނެވެ. 

މިޑިވިޜަން އިން ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގައި ގެންގުޅެންޖެހޭ އެންމެހާ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ފަރާތަކީ ޕެންޝަން އޮފީހުގެ ބޯޑުގެ އިންވެސްޓްމަންޓް ކޮމެޓީއެވެ. މިގޮތުން އިންވެސްޓްމަންޓް ކޮމެޓީން ވަނީ، އިންވެސްޓް ކުރުމުގެ އެންމެހާ އުސޫލުތައް ބަޔާން ކުރާ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލް (އެސްއޯއައިޕީ)" އެއް ފާސްކޮށްފައެވެ. އެސްއޯއައިޕީގައި ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގެ މަގުސަދުތަކާއި، ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑިތަކާއި، ރިސްކު މެނެޖްމަންޓާއި އަދި ހިންގުމާއި ރިޕޯޓް ކުރުމުގެ އެންމެހައި ކަންތައްތައް ބަޔާން ކުރެވިފައި ވެއެވެ.

އިންވެސްޓްމަންޓް ފަލްސަފާ

އެމްއާރުޕީއެސްގެ އިންވެސްޓް ކުރުމުގެ ފަލްސަފާއަކީ، ޑައިވާސިފައި ކުރެވިފައިވާ ޕޯޓްފޯލިއޯ ތަކުގައި އިންވެސްޓް ކޮށްގެން ޕެންޝަން ފަންޑަށް ޖަމާކުރެވޭ ޕެންޝަން ކޮންޓްރިބިއުޝަންގެ އަގު ހިފެހެއްޓުމާއި މަތި ކުރުމެވެ. މިގޮތުން އެމްއާރުޕީއެސްގެ ފަންޑުތަކުގެ އަމާޒަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިއަރަމުންދާ ނިސްބަތަށް ވުރެ ކުޑަނުވާ މިންވަރަށް ފަންޑުގެ ކުރިއެރުން ދެމެހެއްޓުމާއި އިންފްލޭޝަނަށް ވުރެ މަތީ އިންވެސްޓްމަންޓް ފައިދާއެއް ހޯދުމެވެ. 

ހުއްދަކުރެވިފައިވާ އިންވެސްޓްމަންޓް ތަކާއި އިންވެސްމަންޓްތަކަށް ހުއްދަ ދިނުމުގެ އުސޫލުތަކާއި މަރުހަލާތައް

މަތީގައިވާ ތާވަލުން ދައްކާފައިވާ ފަދައިން، ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ ފަރާތަކީ ޕެންޝަން އޮފީހުގެ ބޯޑެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ސަބް-ކޮމެޓީއެއް ކަމުގައިވާ އިންވެސްޓްމަންޓް ކޮމެޓީގެ ޒިންމާއަކީ، ޕެންޝަން ފައިސާ އިންވެސްޓް ކުރެވޭނެ އާންމު އުސޫލުތައް ހަދައި، ގަވާއިދުން މުރާޖައާކޮށް އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމަށް މަސައްކަތް ކުރުމެވެ. މިގޮތުން، އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމަށްޓަކައި އިންވެސްޓްމަންޓް ކޮމެޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ދިރާސާ ކުރުމާއި، ޕެންޝަން އޮފީހަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރުން ހުށަހެޅޭ ތަފާތު އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް ދިރާސާކޮށް ޕެންޝަން އޮފީހުގެ ބޯޑަށް ހުށަހަޅައި ލަފާ ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވެސް އެމްއާރުޕީއެސްގެ ފައިސާ އިންވެސްޓް ކުރުމުގެ ހުއްދަވަނީ ޕެންޝަން ޤާނޫނުން ލިބިދީފައެވެ. އެމްއާރުޕީއެސް ގެ ފައިސާ ރާއްޖެއިން ބޭރުގައި އިންވެސްޓް ކުރާނަމަ، އިންވެސްޓް ކުރަން އެކަށީގެންވާ ގައުމުތައް ކަނޑައަޅަން ވާނީ ޕެންޝަން ރެގިއުލޭޓާރ ކަމުގައިވާ ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީންނެވެ.

ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް ދިރާސާ ކުރުމުގައި އިންވެސްޓްމަންޓް ކޮމެޓީން ބަލާ ކަންތައްތައް

ޕެންޝަން ގާނޫނުގައި ޕެންޝަން ފައިސާ އިންވެސްޓް ކުރުމަށް ހުއްދަ ކުރެވިފައިވާ މާލީ ސެކިއުރިޓީޒްގެ ގޮތުގައި ހިމެނޭ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ މާލީ ސެކިއުރިޓީޒް އާއި ރާއްޖޭގައި ހިންގާ މިއުޗުއަލް ފަންޑުތަކާއި އިންވެސްޓްމަންޓް ފަންޑު ތަކަކީ ޕްރައިވެޓް ސެކްޓަރުން، ޕެންޝަން ފަންޑު މެދުވެރިކޮށް ތަފާތު މަޝްރޫއު ތަކަށް ފައިނެންސް ކުރެވިދާނެ ދެގޮތެވެ. ތިރީގައި އެވަނީ، އިންވެސްޓްމަންޓް ޕްރޮޕޯސަލްތައް ދިރާސާ ކުރުމުގައި ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓް ކޮމެޓީން ބަލާ ކަންތައްތައް ދައްކައިދޭ ޗާޓަކެވެ.

އިންވެސްޓްމަންޓް ރިސްކް މެނެޖްމަންޓް

ކޮންމެ އިންވެސްޓްމަންޓަކީ ވެސް އޭގައި ރިސްކުތަކެއް ހިމެނޭ އިންވެސްޓްމަންޓް ތަކެކެވެ. މިގޮތަށް ދިމާވާ ސަބަބަކީ، އިންވެސްޓްމަންޓް ފައިދާ އާއި އިންވެސްޓްމަންޓް ތަކުގެ އަގު ހިފެހެއްޓުން ބިނާވެފައި ވަނީ އިގްތިސާދީ ކުރިއެރުމަށާއި ބާޒާރުގައި ފައިނޭންޝިއަލް އިންސްޓްރޫމަންޓްތަކަށް ލިބޭ ފައިދާ އަށް ކަމުގައި ވުމުންނެވެ. އެހެން  ނަމަވެސް، މިފަދަ އިންވެސްޓްމަންޓް ރިސްކުތައް ކުޑަކުރުމަށާއި ބެސްޓް ޕްރެކްޓިސް އަށް އަމަލު ކުރުމުގެ ގޮތުން ޕެންޝަން އޮފީހުގައި ވަނީ ރިސްކު މެނެޖްމަންޓް ނިޒާމުތަކެއް ގާއިމް ކުރެވިފައެވެ. 

އެތެރޭގެ ކޮންޓްރޯލްތައް

ޕެންޝަން ފައިސާ އިންވެސްޓް ކުރުމުގެ އެންމެހާ ކަންކަން މޮނިޓަރ ކުރުމަށްޓަކައި ޕެންޝަން އޮފީހުގެ ތެރޭގައި މިނިވަންކަމާއި އެކު މަސައްކަތް ކުރާ އިންޓާނަލް އޮޓިޑް އެންޑް އިންވެސްޓްމަންޓް ކޮންޕްލަޔަންސް ޑިޕާޓްމަންޓެއް ގާއިމް ކުރެވިފައި ވެއެވެ. މިޑިވިޜަން އިން ދުވަހުން ދުވަހަށް ނިންމާ އިންވެސްޓްމަންޓް ނިންމުންތައް މޮނިޓަރ ކޮށް ސީދާ ޕެންޝަން އޮފީހުގެ ބޯޑަށާއި ޕެންޝަން ފަންޑުގެ ރެގިއުލޭޓަރަށް ރިޕޯޓް ކުރަމުން ގެންދެވެއެވެ. އަދި މީގެ އިތުރުން ވެސް ޕެންޝަން ޤާނޫނުގައިވާ ގޮތަށް ޕެންޝަން ފަންޑުގެ އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތައް ވެސް ކޮންމެ އަހަރަކު އެއްފަހަރު އާންމު ކުރެވި ޕެންޝަން ފަންޑުގެ ރެގިއުލޭޓަރާއި ކޮންމެ ކުއާޓަރަކު އެއްފަހަރު ފަންޑުގެ މާލީ ހިސާބުތައް ދަނީ ހިއްސާ ކުރެވެމުންނެވެ. މީގެ އިތުރުން ވެސް ޕެންޝަން އޮފީހުގެ ބޯޑުން ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮޑިޓް ފާމްތައް މެދުވެރިކޮށް ޕެންޝަން ފަންޑުގެ ތަފާތު އޮޑިޓްތައް ކުރަމުން ގެންދެއެވެ.

އެހެނިހެން ކޮންޓްރޯލްތައް

ޕެންޝަން ފަންޑުގެ ރެގިއުލޭޓަރ ކަމުގައިވާ ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ކޮންމެ އަހަރަކު ވެސް ޕެންޝަން ފަންޑުގެ އޮން-ސައިޓް އަދި އޮފް-ސައިޓް އިންސްޕެކްޝަންތަކެއް ކޮށް ރަގަޅު ކުރަން ފެންނަ ކަންކަން ޕެންޝަން އޮފީހަށް އަންގަމުން ގެންދެއެވެ. މީގެ އިތުރުން ވެސް ފަންޑުގެ ރެގިއުލޭޓަރގެ ހައިސިއްޔަތުން، ސީއެމްޑީއޭއިން އިސްނަގައިގެން ފަންޑުގެ ހާއްސަ އޮޓިޓްތައް ވެސް ކުރުމުގެ ބާރު ވެސް ޕެންޝަން ޤާނޫނުން އެފަރާތަށް ލިބިދެއެވެ.

ޕެންޝަން ޖަމާކުރާނެ ފަންޑެއް އިހުތިޔާރުކުރުން

އެމްއާރުޕީއެސް އަށް ފައިސާދައްކާ ބައިވެރިންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ދެ ފަންޑެއް އިހުތިޔާރު ކުރެވިދާނެއެވެ. މިގޮތުން އިހުތިޔާރު ކުރެވޭނީ: 

  1. އެމްއާރުޕީއެސް އިންވެސްޓްމަންޓް ފަންޑު

ޕެންޝަން ފައިސާ ޖަމާކުރާނެ ވަކި ފަންޑެއް އިހުތިޔާރު ނުކުރައްވާ މެންބަރުންގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާ ޑީފޯލްޓް ފަންޑަކީ އެމްއާރުޕީއެސް އިންވެސްޓްމަންޓް ފަންޑެވެ. މި ފަންޑުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން ހުއްދަކުރާ އަދި ދިވެހިރާއްޖޭގައި އިންވެސްޓް ކުރަން ފުރުސަތު އޮތް ތަފާތު މާލީ ސެކިއުރިޓީސްގައި އިންވެސްޓްކޮށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިއަރަމުންދާ ނިސްބަތަށް ވުރެ ކުޑަނުވާ މިންވަރަށް ފަންޑުގެ ކުރިއެރުން ދެމެހެއްޓުމާއި އިންފްލޭޝަނަށް ވުރެ މަތީ އިންވެސްޓްމަންޓް ފައިދާއެއް ހޯދުމެވެ. އިންވެސްޓްމަންޓް ފަންޑުން ވަނީ ރާއްޖޭގައި ލިބެން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ތެރެއިން ތަފާތު މާލީ ސެކިއުރިޓީސް ތަކެއްގައި އިންވެސްޓް ކޮށްފައެވެ. މިގޮތުން މިވަގުތު މިފަންޑުން އިންވެސްޓުކުރެވިފައިވާ މާލީ ސެކިއުރިޓީސްގެ ތެރޭގައި ޓްރެޒަރީ ބިލާއި، ޓްރެޒަރީ ބޮންޑާއި، ކޯޕަރޭޓް ބޮންޑާއި، ކުންފުނި ތަކުގެ ހިއްސާއާއި އަދި ބޭންކު ޑެޕޮޒިޓް ހިމެނެއެވެ. 

  1. އެމްއާރުޕީއެސް ޝަރީއާ ފަންޑު 

ޕެންޝަން ފައިސާއިން ޝަރީއާއިން ހުއްދަކުރާ މާލީ ސެކިއުރިޓީސްގައި އިންވެސްޓްކުރަން ބޭނުންވާ ބައިވެރިންނަށް ޝަރީއާ ފަންޑު އިހުތިޔާރު ކުރެވިދާނެއެވެ. ޕެންޝަން އޮފީހުން ވަކި ވަކި މާލީ ސެކިއުރިޓީސްގެ ތެރެއިން ޝަރީއާ ހުއްދަކުރާ މާލީ ސެކިއުރިޓީއެއްގެ ގޮތުގައި ކަނޑައަޅާނީ، ދިވެހިރާއްޖޭގައި ހުއްދަ ލިބިގެން ހިންގާ ޝަރީއާ އޮތޯރިޓީއަކުން ޝަރީއާ ކޮންޕްލަޔަންޓް މާލީ ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ސެކިއުރީޓީސްތަކެވެ. މި ފަންޑުގެވެސް މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓަށްވުރެ ބޮޑު ފައިދާއެއް ހޯދުމާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުން ހުއްދަކުރާ އަދި ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭ އެސެޓްތަކުގައި އިންވެސްޓުކޮށް ޕެންޝަނަށް ޖަމާކުރާ ފައިސާގެ އަގު ހިފެހެއްޓުމެވެ. މިފަންޑުން މިހާރު އިންވެސްޓުކުރެވިފައިވަނީ ޖީއައިއޭ (ޝަރީއާ ބޭންކް ޑެޕޮޒިޓް) އަދި ސުކޫކު (ޝަރީއާ ބޮންޑް) ގައެވެ.

އެމްއާރުޕީއެސްގެ ބައިވެރިންގެ ތެރެއިން ރިޓަޔަކުރާ ބައިވެރިންގެ ފައިސާ، އެހެން ދެފަންޑަކަށް ބަދަލު ކުރެވޭނެއެވެ. މިގޮތުން ފައިސާ ބަދަލު ކުރެވޭ ފަންޑުތަކުން އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދާނީ، ޕެންޝަން ލިބެމުންދާ މުއްދަތުގައި ފަންޑުތަކުގެ ލިކުއިޑިޓީ ދެމެހެއްޓުމަށްޓަކައި ކުރުމުއްދަތުގެ މާލީ ސެކިއުރިޓީސްގައި އިންވެސްޓްކޮށްގެން ރަގަޅު ފައިދާއެއް ރިޓަޔަރީންނަށް ލިބޭނެ ގޮތަކަށް އިންވެސްޓް ކުރުމަށެވެ.

ރިޓަޔަރީންގެ ފައިސާ އިންވެސްޓް ކުރެވޭ ހާއްސަ ފަންޑުތައް

އިންވެސްޓްމަންޓް ފަންޑުގެ ބައިވެރިން ރިޓަޔަރވުމުން އެމެންބަރުންގެ ފައިސާ ބަދަލު ކުރެވޭނީ ކޮންޒަވޭޓިވް ފަންޑަށެވެ. މި ފަންޑުގައި އާންމު ގޮތެއްގައި ވަކިވަރަކަށް ނަގުދު ފައިސާ ބަހައްޓާ އަދި ޓްރެޒަރީ ބިލާއި ފިކްސްޑް ޑެޕޮޒިޓްތަކުގައި އިންވެސްޓްކުރެވެއެވެ. ޝަރީއާ ފަންޑުގެ ބައިވެރިން ރިޓަޔަރ ކުރުމުން އެމެންބަރުންގެ ފައިސާ ބަދަލުކުރެވޭނީ ޝަރިއާ ރިޓައަރީސް ފަންޑަށެވެ. މި ފަންޑުގައިވެސް އާންމު ގޮތެއްގައި ވަކިވަރަކަށް ނަގުދު ފައިސާ ބަހައްޓާ އަދި ޖީ.އައި.އޭގައި އިންވެސްޓްކުރެވެއެވެ.