ސުވާލާއި ޖަވާބު

1. އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ ކޮބާ؟

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރުން މަތީގެ ދިވެހިރައްޔިތުންގެ ތެރެއިން އަންނަނިވި ޝަރުތުތައް ހަމަވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަނެކެވެ. ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތެއް ކަމުގައި ވުން
  • މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން
  • ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައި ވުން
  • ދައުލަތުގެ ޚަރަދުގައި ފުލްޓައިމް ކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުން ގެންދާ މީހެއްކަމުގައި ނުވުން 
  • ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ އެހެން ޕެންޝަނަކުން 5000 ރުފިޔާ އަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން
  • މޯލްޑީވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މަހަކު 10،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ލިބޭ މީހަކަށް ނުވުން

2. އަސާސީ ޕެންޝަންގެ ގޮތުގައި ދެނީ ކިހާވަރެއް؟

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު ހަތަރުވަނަ އިސްލާހާ ގުޅިގެން، 2019 މާރޗުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވެނީ 5000 ރުފިޔާއެވެ.

އަސާސީ ޕެންޝަން ފިޔަވައި އެހެން ޕެންޝަން ސްކީމަކުން ޕެންޝަން ލިބޭ މީހެއް ނަމަ އެމީހަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭނެ އަދަދު ހިސާބުކުރެވޭއިރު އެހެން ޕެންޝަން ސްކީމްތަކުން ލިބޭ ޕެންޝަނަށް ރިއާޔަތް ކުރެވޭނެއެވެ. އެގޮތުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބޭ މީހެއްނަމަ އަސާސީ ޕެންޝަން ހިސާބު ކުރާއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭ އަދަދުގެ 50% އަސާސީ ޕެންޝަންގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ. އަދި ހަމައެޔާއެކު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ  އެހެން ޕެންޝަނެއް ލިބޭ މީހެއްނަމަ އެ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދު (100%) އަސާސީ ޕެންޝަނުގެ 5000 ރުފިޔާއިން އުނިކުރެވޭނެއެވެ.

3. އަސާސީ ޕެންޝަނަށް އެދޭނީ ކޮންއިރަކު؟

މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން ނޫންނަމަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ. އަސާސީ ޕެންޝަން ފޯރުކޮށް ދޭނީ ޕެންޝަން ލިބޭ އުމުރު ހަމަވެ ޕެންޝަނަށް އެދި ފޯމު ހުށަހަޅާ ތާރީޚުން ފެށިގެންނެވެ. 

4. އަސާސީ ޕެންޝަނަށް އެދޭނީ ކިހިނެއް؟

އަސާސީ ޕެންޝަނަށް އެދޭނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމް (ޕެންޝަނަށް އެދޭ ފޯމް) ފުރިހަމަކޮށް، އެ ފޯމު ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. ލޯކަލް ކައުންސިލް އިދާރާތައް މެދުވެރިކޮށްވެސް މި ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. 

މިފޯމު ޕެންޝަން އޮފީހުގެ ރިސެޕްޝަނުންނާއި ލޯކަލް ކައުންސިލްތަކުގެ އިދާރާތަކުން ލިބެން ހުންނާނެއެވެ. އަދި ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ.

5. އަސާސީ ޕެންޝަނަށް އެދޭފަރާތްތަކުން "ޕެންޝަނަށް އެދޭ ފޯމް" ގެ އަސްލު ޕެންޝަން އޮފީހަށް ފޮނުވަން ޖެހޭނެތޯ؟

ޕެންޝަނަށް އެދޭ ފޯމުގައި ޕެންޝަން ފައިސާ ޖަމާކުރުމަށް ދޭ ބެންކު އަކައުންޓަކީ ސިންގަލް އެކައުންޓެއް ނަމަ "ޕެންޝަނަށް އެދޭ ފޯމް'' ފުރިހަމަކޮށް، އެ ފޯމު ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެވިދާނެއެވެ. ނަމަވެސް ޖޮއިންޓް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ފަރާތްތަކުން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

6. އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ލިބޭނެތޯ؟

އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރާނީ ޕެންޝަން އެދޭ ފޯމުގައި ޕެންޝަނަށް އެދޭ ފަރާތުން ދީފައިވާ ބެންކު އެކަޓަށެވެ. މިއެކައުންޓަކީ ޕެންޝަން ލިބޭ މީހާގެ ނަން ހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް އެކައުންޓަކަށް ވާންވާނެއެވެ. އަދި، މިއެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ދިވެހި ފައިސާގެ އެކައުންޓަކަށް ވެސް ވާން ޖެހޭނެއެވެ.

7. އަސާސީ ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވުމަށް ފަހު ފޯމު ހުށަނާޅާ ފާއިތުވާ މުއްދަތުގެ ފައިސާ ދޫކުރާނެ ހެއްޔެވެ؟

1 ޖަނަވަރީ 2015 އިން ފެށިގެން ޕެންޝަނަށް ނޭދި ފާއިތުވާ މުއްދަތަށް ޕެންޝަނުގެ ފައިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ. މިތާރީޚުގެ ފަހުން، އުމުރުން 65 އަހަރު ފުރުމަށްފަހު ޕެންޝަނަށް އެދޭ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭނީ ޕެންޝަނަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ.

8. ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ނުވަތަ އެނޫންވެސް މަޢުލޫމާތެއް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އަމަލުކުރާނީ ކިހިނެއް؟

ޕެންޝަން ލިބޭފަރާތަކުން ޕެންޝަން އޮފީހަށް ދީފައިވާ ބޭންކް އެކައުންޓް ބަލަދުކުރުމަށް ހުށަހަޅާނީ ''ބޭންކު އެކައުންޓް ބަދަލުކުރުމަށް އެދޭ ފޯމް'' މެދުވެރިކޮށެވެ. ބެންކު އެކައުންޓާ ގުޅޭ މައުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ބަދަލުކުރުމަށް ހުށަހަޅާނީ ''މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމު'' މެދުވެރިކޮށެވެ. މި ދެފޯމު ޕެންޝަން އޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

1. އެމް.އާރް.ޕީ.އެސް ގައި މުވައްޒަފުން ބައިވެރިކޮށް، ކޮންޓރިބިއުޝަން ދެއްކުމަށްޓަކައި ވަޒީފާދޭ ފަރާތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އެމް.އާރް.ޕީ.އެސް ގައި މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

2. އެމް.އާރް.ޕީ.އެސް ގައި ރަޖިސްޓަރީވެ ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ފައިސާ ދެއްކުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހެނީ ކޮން ކަމެއް؟

އެމް.އާރް.ޕީ.އެސް ގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުން. މިފޯމް ހުށަހެޅުމުން، ޕެންޝަން އޮފީހުގެ ކޮށާރު ޕޯޓަލްއަށް ވަނުމަށް ވަޒީފާދޭ ފަރާތަށް އެމްޕްލޯޔަރ އައިޑީއަކާއި ޕާސްކޯޑެއް ދެވޭނެއެވެ.

3. މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރާނީ ކިހިނެތް؟

އެމް.އާރް.ޕީ.އެސް ގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައި، ލިބިލައްވާ އެމްޕްލޯޔަރ އައިޑީއާއި ޕާސްކޯޑްގެ އެހީގައި ޕެންޝަން އޮފީހުގެ ކޮށާރު ޕޯޓަލް މެދުވެރިކޮށް މުވައްޒަފުންނާއި ބެހޭ މަޢުލޫމާތު (އެސް.ޕީ ސީ 300) އަޕްލޯޑް ކުރެއްވުމުން މުވައްޒަފުން އެމް.އާރް.ޕީ.އެސް ގައި ބައިވެރި ކުރެވުނީއެވެ.

4. އެމް.އާރް.ޕީ.އެސް އަށް ކޮންޓްރިބިއުޓް ކުރާނީ ކިހިނެތް؟

ކޮންމެ މަހަކު އެއްފަހަރު ސްޓޭޓަމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަންސް (އެސް.ޕީ.ސީ 101) އަޕްލޯޑް ކޮށް، އަޕްލޯޑް ކުރުމުން ލިބޭ ރިސިޕްޓްގައިވާގޮތުގެ މަތިން އެމަހަކަށް ދައްކަން ޖެހޭފައިސާ ދެއްކައިގެންނެވެ. އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޕެންޝަން ކޮންޓްރިބިއުޝަން ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

5. ކޮންމެ މަހަކު އެމް.އާރް.ޕީ.އެސް އަށް ދައްކާ ކޮންޓްރިބިއުޝަން ދެއްކުމުގެ ފަހު ތާރީޚަކީ ކޮބާ؟

އެމް.އާރް.ޕީ.އެސް އަށް ދައްކާ ކޮންޓްރިބިއުޝަން ދައްކާނީ ޖެހިގެންއަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކަށެވެ.

6. ކަނޑައެޅިފައިވާ މުއްދަތުގައި އެސް.ޕީ.ސީ ހުށަނާޅާ، ޕެންޝަން ކޮންޓްރިބިއުޝަން ނުދައްކާނަމަ އަޅާނީ ކޮން ފިޔަވަޅެއް؟

ކަނޑައެޅިފައިވާ މުއްދަތުގައި އެސް.ޕީ.ސީ ހުށަނާޅާ، ޕެންޝަން ކޮންޓްރިބިއުޝަން ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ.

7. ޕެންޝަނަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭ މުޅި ޖުމްލަ އަދަދު (އަސާސީ މުސާރައިގެ %14) ވަޒީފާދޭފަރާތަށް ދެއްކިދާނެތަ؟

ދެއްކިދާނެއެވެ. ވަޒީފާދޭފަރާތުން އެއްބަސްވާނަމަ މުވައްޒަފުގެ އަތުން ސްކީމަށް ފައިސާނުނަގާ ގޮތަށް، ހަމައެކަނި ވަޒީފާދޭފަރާތުން މުވައްޒަފުގެ ޕެންޝަނަށްބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން އަދަދަކަށް ސްކީމަށް ފައިސާ ދައްކާގޮތަށް ހަމަޖެއްސުމަކަށް ޕެންޝަނާބެހޭ ޤާނޫނު ހުރަހެއްނާޅައެވެ.

8. މުވައްޒަފަކު ނެތް ކުންފުނި، ފިހާރަ، ނުވަތަ އެފަދަ ތަންތަން މިސްކީމުގައި ރަޖިސަޓްރީ ކުރަންޖެހޭނެތަ؟

މުވައްޒަފަކު ނެތް ކުންފުނި، ފިހާރަ ނުވަތަ އެފަދަ ތަންތަން ޕެންޝަން ސްކީމުގައި ރަޖިސްޓްރީކުރުން ލާޒިމެއް ނޫނެވެ. ނަމަވެސް، މިފަދަ ތަނަކުން މީހަކަށް ވަޒީފާދީފިނަމަ ވީ އެންމެއަވަސް މުއްދަތެއްގައި އެމް.އާރް.ޕީ.އެސް ގައި ރަޖިސްޓްރީކޮށް އެމުވައްޒަފަކު ނުވަތަ މުވައްޒަފުން ސްކީމުގައި ބައިވެރިކުރަން ވާނެއެވެ.

9. އެމް.އާރް.ޕީ.އެސް ގައި ބިދޭސީން ބައިވެރި ކުރުމަކީ މަޖްބޫރު ކަމެއްތަ؟

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙާ ގުޅިގެން ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.

1. އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ކޮބާ؟

އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤުވުމުގެ ކުރިން، ޕެންޝަން ނުވަތަ ރިޓަޔަރމަންޓް ބެނެފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން އުމުރުން 65 އަހަރުނުވާ މުވައްޒަފުންނަށް ދެވުނު އިނާޔަތްތަކެވެ.

2. އެކްރޫޑް ޕެންޝަން ރައިޓްސް ދިނީ ކޮން ބަޔަކަށް؟

އެކްރޫޑް ޕެންޝަން ރައިޓްސް ދީފައިވަނީ، 13 މެއި 2009 ގައި ދައުލަތުގެ ވަޒީފާގައި ތިބި މީހުންގެ ތެރެއިން އެތާރީޚާ ހަމަޔަށް އުމުރުން 65 އަހަރު ނުފުރޭ  މީހުންނަށެވެ.

3. އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރު ހިސާބު ކުރަނީ ކިހިނެއް؟

އެކްރޫޑް ޕެންޝަން ރައިޓްސް ހިސާބުކުރާނީ ތިރީގައި މިވާ ފޯމިއުލާ ބޭނުން ކޮށްގެންނެވެ.

އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރަކީ = 

13 މެއި 2009 ގައި ލިބުނު އަސާސީ މުސާރަ %93 × %14 × 30 އެޕްރިލް 2010 ގެ ނިޔަލަށް ޙިދުމަތް ކުރި މުއްދަތު 

13 މެއި 2009ގައި ލިބުނު އަސާސީ މުސާރައިގެ އެންމެ މަތީމިންވަރެއްކަމުގައި ބަލާނީ -/20500 ރުފިޔާއެވެ.

1. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ ކިހިނެއް؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ގެދޮރު ގަތުމަށްޓަކައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ލޯން ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޑައުންޕޭމަންޓްގެ ބަދަލުގައި، ޕެންޝަން ފައިސާ ރަހުނުގެ ގޮތުގައި ބަހައްޓައި އިމާރާތް ގަތުމަށް ބޭނުންވާ ފައިސާ ލޯނުގެ ދޫކޮށްގެންނެވެ.

2. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވެނީ ކޮން ކަހަލަ އިމާރާތެއް ގަތުމަށް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭ އިމާރާތްކޮށް ނިންމި، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެ، އެޕާރޓްމަންޓް، ރޯހައުސް ފަދަ އާންމު ދިރިއުޅުމަށް ގަންނަ އިމާރާތްތައް ގަތުމަށެވެ. 

3. ގެދޮރު އިމާރާތް ކުރުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓް ދެއްކުމަށް މި ސްކީމުން ފުރުސަތު ލިބޭނެތޯ؟

މިވަގުތު ހަމަޖެހިފަ އޮތް އުސޫލުގެ ދަށުން މި ސްކީމުގެ ދަށުން ފުރުސަތު ހުޅުވާ ލެވިފައިވަނީ  އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތް ގަތުމަށްޓަކައި ނެގޭ ލޯނުތަކަށް އެކަންޏެވެ.

4. މި ސްކީމުގެ ދަށުން ދިވެހި ރާއްޖޭގެ ކޮންމެ ސަހަރަހައްދަކުން ވެސް ގޮދޮރުގަތުމަށް ފުރުސަތު އޮންނާނެތޯ؟

މި ސްކީމުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ސަރައްދަކުންވެސް އާންމުކޮށް ހުޅުވާލައިގެން ވިއްކާ އިމާރާތްތައް ގަނެވޭނެއެވެ.

5. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ކޮން ބެންކު ތަކަކުންތޯ؟

ބެންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)،  މޯލްޑިވްސް އިސްލާމިކް ބެންކު (އެމް. އައި.ބީ)، ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑި.އެފް.ސީ)، ކޮމާޝާލް ބޭންކް އޮފް މޯލްޑިވްސް (ސީ.ބީ.އެމް)، އަދި މޮރިޝަސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (އެމް.ސީ.ބީ) އިން ގެދޮރުގަތުމަށް ލޯނު ހަމަޖެއްސުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ. 

6. ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ކިހިނެއް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ މިކަމަށްޓަކައި ޕެންޝަން އޮފީހާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށް އެކަމުގެ ހުއްދަ ލިބިފައިވާ ލޯނުދޭ މާލީ މުއައްސަސާއަކުން ލޯނު ނެގުމަށެވެ. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރުމަށް ހުށަހަޅާނީ ލޯނު ހަމަޖެއްސުމަށް ބެންކަށް ހުށަހަޅާ ފޯމު މެދުވެރިކޮށެވެ. 

7. ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނެއް ނުދެއްކޭ ހާލަތުގައި އަމަލުކުރާނީ ކިހިނެތް؟

ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކޮށްގެން ނަގާ ލޯނަކަށް ފައިސާ ދައްކަމުންނުދާނަމަ ލޯނު ބޭނުންކޮށްގެން ގަނެފައިވާ އިމާރާތެއް ވިއްކާލެވޭނެއެވެ. ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާ ލޯނުދޭ މުއައްސަސާއަކަށް ނެގޭނީ މިދެންނެވި އުސޫލުން އިމާރާތް ވިއްކާލައިގެން ލޯނުގެ އަދަދު ހަމަނުކުރެވޭ ނަމަ، ލޯނުގެ އަދަދު ހަމަކުރުމަށް ބޭނުންވާ މިންވަރަށެވެ.

8. ލޯނެއް ނެގުމަށް އެކަކަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެތޯ؟

ލޯނުދޫކުރާ ފަރާތުން ލޯނުގެ ކޯއެޕްލިކެންޓުންގެ ގޮތުގައި ލޯނުގައި ބައިވެރިވެވޭނޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ޕެންޝަންފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ. 

9. ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާއަށް ވާނީ ކިހިނެއް؟

ލޯނު އަނބުރާ ދައްކާ ނިމުމުން ކޮލަޓަރަލައިޒް ކުރެވޭ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގް އެކައުންޓަށް އަނބުރާ ޖަމާކުރެވޭނެއެވެ.