މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމަންޓް ސެމިނަރ

2016-09-26 06:00

ޕެންޝަން އޮފީހާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު ގުޅިގެން 3 ވަނަ މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމަންޓް ސެމިނަރ ބާއްވައިފިއެވެ. ސެމިނަރ ބޭއްވުނީ 25 ސެޕްޓެންބަރު 2016 ވަނަ ދުވަހު ހޮޓެލް ޖެން ގައެވެ. 2014 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން ބާއްވަމުން އަންނަ މިސެމިނަރ މިއަހަރު އަމާޒު ކުރެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ދިވެހިރާއްޖޭގެ މާލީ ބާޒާރުތައް މެދުވެރިކޮށް ޕެންޝަން ފަންޑުން ދިގު މުއްދަތުގެ ފައިނޭންސް ހޯދިދާނެ ގޮތްތަކުގެ މައުލޫމާތު ދިނުމަށެވެ. މިސެމިނާގައި މައުލޫމާތު ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖުރިބާކާރުން ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. މިސެމިނާގައި ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނި ތަކުގެ އިތުރުން، ބޭންކްތަކާއި، އޮޑިޓް ފާރމްތަކާއި، ލޯފާރމްތަކާއި އަދި ކަމާއިގުޅޭ ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޕެންޝަން ފަންޑުގެ މެންބަރުން، މިފަންޑަށް ޖަމާކުރަމުންދާ ފައިސާއަށް އެންމެ އެދެވޭ ނަފާ ހޯދައި ދިނުމަކީ ޕެންޝަން އޮފީހުގެ ވަރަށް ބޮޑު އަމާޒެކެވެ. އެހެން ކަމުން މިއަމާޒު ހާސިލް ކުރުމަށްޓަކައި ސަރުކާރާއި މާލީ ދާއިރާގެ އެންމެހާ ފަރާތްތަކާއި އެކު ޕެންޝަން އޮފީހުން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ޕެންޝަން ފަންޑުގެ އެންމެހާ ބައިވެރިންނަށް އަރުވަމެވެ.