އިންޓަރ ސްކޫލް ޕެންޝަން ކުއިޒް 2017

2017-04-03 15:32

އިންޓަރ ސްކޫލް ޕެންޝަން ކުއިޒް 2017 ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޓެލެވިޒަން މޯލްޑިވްސް ގުޅިގެން ސްކޫލްތަކުގެ މެދުގައި ބާއްވާ ކުއިޒެކެވެ. މި ކުއިޒަކީ މާލޭ ސްކޫލްތަކުގައި ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް(ގްރޭޑް 8 ން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް) އަމާޒުކޮށްގެން ބޭއްވޭ ކުއިޒެކެވެ. ޕެންޝަން ކުއިޒް އެޕްރީލް 16 ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.

ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ބާއްވަން ގަސްތުކުރާ ޕެންޝަން ކުއިޒްގެ މަގްޞަދަކީ ވަޒީފާއަށް ވަންނަ ޢުމުރަށް ދާންވާއިރަށް ދަރިވަރުންނަށް ޕެންޝަން ސްކީމާއިބެހޭ ރަގަޅު މަޢުލޫމާތު ލިބިފައި ހުރުމެވެ. އަދި ޕެންޝަން އޮފީހާއި ސްކޫލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޕެންޝަން އޮފީހުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ސްކޫލު ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ބާރުއެޅުމެވެ. މީގެ އިތުރުން މިފަދަ ޕްރޮގަރާމްތަކުގެ އެހީގައި ޢާންމުންނަށް ޕެންޝަނާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ކުއިޒްގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން މިހިނގާ އެޕްރީލްމަހުގެ 10 ވާ ހޯމަ ދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން ޕެންޝަން އޮފީހަށް އެޕްލިކޭޝަން ފޯމާއި، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް [email protected] އަށް އީމެއިލް ކުރުން އެދެމެވެ. މި ކުއިޒުގެ ގަވާޢިދާއި އިތުރު މަޢުލޫމާތު މިއޮފީހުގެ ވެބްސައިޓު www.pension.gov.mv  ން ލިބެންހުންނާނެެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ މިއޮފީހުގެ ފޯން ނަންބަރ 1441 އަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ފޯމު

އިންޓަރ ސްކޫލް ޕެންޝަން ކުއިޒް 2017 ޤަވާއިދު