ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުން

2017-07-18 09:48

ތަޢާރަފު:

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުން، ގެދޮރު ގަތުމަށް ނަގާ ލޯނުގެ ޑައުންޕޭމަންޓުގެ ގޮތުގައި އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގްސް (އާރް.އެސް.އޭ) ގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ދިރިއުޅުމަށްޓަކައި ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ގެދޮރު ގަތުމަށޤވެސް މި ފުރުޞަތުގެ ބޭނުން ކުރެވިދާނެއެވެ.

  • ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން ދިރިއުޅުމަށްޓަކައި ގެދޮރު ގަތުމަށް މި ފުރުޞަތުގެ ބޭނުން ކުރެވިދާނެއެވެ. މިސްކީމުގެ ދަށުން، ގަންނަން ހުށަހަޅާ ގެދޮރަކީ އާންމުކޮށް ހުޅުވާލައިގެން ބާޒާރުގައި ވިއްކާ އެޕާރޓްމަންޓް، ފުލެޓް ، ރޯހައުސް ފަދަ ޢިމާރާތަކަށް ވާން ވާނެއެވެ.
  • ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނަކީ، މިސްކީމުގެ ދަށުން ލޯނު ދޫކުރުމަށް، ޕެންޝަން އޮފީހާ އެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ފަރާތަކުން، ނަގާ ލޯނަކަށް ވާންވާނެއެވެ.
  • މިސްކީމް ގެދަށުން ލޯނުނެގުމަށް އެއްފަރާތަށް ވުރެ ގިނަފަރާތް ތަކުގެ އާރް.އެސް.އޭ ކޮލެޓަރަލައިޒް ކުރެވިދާނެއެވެ. މިގޮތުން ލޯނުގައި ބައިވެރިވާ ފަރާތް ތަކަކީ ލޯނު ދޫކުރާ ފަރާތުން ކޯއެޕްލިކަންޓްގެ ޝަރުޠު ހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
  • މިސްކީމުގެ ދަށުން ދޫކުރާ ލޯނަކީ ގެދޮރު ގަންނަން އެދޭ ލޯނުގެ ޖުމްލަ އަގުގެ %100 އެވެ.
  • ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނެ މިންވަރު ބިނާވެފައި ވަނީ މެންބަރުންގެ އުމުރު ފުރާއަށެވެ.

 

ކޮލެޓަރަލައިޒް ކުރުމަށް ޝަރުޠު ހަމަވާ މެންބަރުން

އެމް.އާރް.ޕީ.އެސްގެ މެންބަރެއް ކަމުގައި ވުން

ދިވެހިރައްޔިތަކު ކަމުގައިވުމާއި، ޢުމުރުން މީލާދީ ގޮތުން 60 އަހަރުން ދަށުގެ މީހަކަށްވުން

އެމް.އާރު.ޕީ.އެސްއިން ޕެންޝަން ލިބެމުންދާ ފަރާތަކަށް ނުވުން

އުމުރުން 65 އަހަރު ވުމުގެ ކުރިން ލޯނު ދައްކާ ޚަލާސް ކުރެވޭނެ ފަރާތެއް ކަމުގައިވުން

ސްކީމުގައި ބައިވެރިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން ގެދޮރުގަތުމަށް ލޯނު ހަމަޖެހިފައިވާ ފަރާތަކަށް ވުން

އާރް.އެސް.އޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ އިއުތިރާޒެއް ނެތް ފަރާތަކަށްވުން

 

ލޯން އަދާނުކުރާ ފަރާތްތަކާމެދު ޢަމަލު ކުރެވޭނެ ގޮތް

އާރް.އެސް.އޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމަށްފަހު  ނެގޭ ލޯނެއް އަދާނުކޮށްފިނަމަ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ފައިސާ ހޯދުމަށްޓަކައި ލޯނުގެ ސެކުރިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގެދޮރު ވިއްކާލެވޭނެއެވެ. ގެދޮރު ވިއްކާލައިގެން ލޯނުގެ ޢަދަދަށް ފައިސާ ހަމަނުވާނަމަ، މަދުވާ މިންވަރު ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާއިން ލޯނު ދޫކުރި ފަރާތަށް ދޫކުރެވޭނެއެވެ. މިގޮތުން ހިސާބު ކުރެވޭ ޢަދަދަކީ، ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާގެ ޖުމްލަ އަދަދު ނުވަތަ އެއަށްވުރެ މަތީ ޢަދަދެއް ނަމަ، ލޯނު ދޫކުރި ފަރާތަށް ދޫކުރެވޭނެ އެންމެ މަތީ މިންވަރަކީ، ކޮލެޓަރަލައިޒް ކުރެވިފައިވާ ޖުމްލަ ޢަދަދެވެ. އަދި ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާ އިން ލޯނުއަދާ ކުރުމަށްފަހު ބާކީ ފައިސާ އެއް ހުރެއްޖެނަމަ، އެފައިސާ އެމެންބަރެއްގެ އާރު.އެސް.އޭ އަށް ޖަމާކުރެވޭނެއެވެ.

 

ލޯން އަދާކޮށް ނިމުމުގެ ކުރިން ޕެންޝަން ލިބޭ ޢުމުރު ހަމަވުން

މިސްކީމުގެ ދަށުން ނަގާފައިވާ ލޯނެއް ދައްކާ ނިމުމުގެ ކުރީން، ޕެންޝަން ލިބޭ ޢުމުރު ހަމަވި ނަމަވެސް، ލޯނު ދައްކާ ނިމެންދެން ، ކޮލަޓަލައިޒް ކޮށްފައިވާ ފައިސާ، ޕެންޝަންގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކަށް ދުލެއް ނުކުރާނެއެވެ.