މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އާއިއެކު ފަހުމުނާމާގައި ސޮއިކުރުން

2017-10-02 09:29

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ހިންގާ ރަންވޭލާ ކެމްޕޭނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ މި ފަހުމުނާމާގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒް ސުޖާތާ ޙަލީމެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން، 1 އޮކްޓޯބަރ 2017ގައި މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ޖަލްސާގައެވެ.

------

ރަންވޭލާ ކެމްޕޭނަކީ އާއިލާއާއި މުޖުތަމަޢުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ލިބެންޖެހޭ އަޅާލުމާއި އެހީތެރިކަން އިތުރުކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް 14 އޮގަސްޓް 2016 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފުތިތާހުކޮށް ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޚާއްޞަ ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ސެޝަންތަކެއް ރާއްޖޭގެ 3 އަތޮޅެއްގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.