ބިދޭސީ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް ބަދަލު ގެނެސްފި

2018-03-29 13:22

ބިދޭސީ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް  ބަދަލު ގެނެސްފިއެވެ. މި ބަދަލާއި ގުޅިގެން އުމުރުން 65 އަހަރު ވުމުގެ ކުރިން ރާއްޖެ ދޫކޮށް ދާއިމަށް ފުރައިގެންދާ ކޮންމެ ބިދޭސީ މުވައްޒަފަކަށްވެސް އެމުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެފައިވާ  ފައިސާ( އެކްރޫޑު ޕެންޝަންސް ރައިޓްސްފިޔަަވައި) ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިގަވާއިދަށް ބަދަލު ގެނައުމުގެ ކުރިން ރާއްޖެދޫކޮށް ދާއިމަށް ފުރައިގެންދާ ބިދޭސީ މުވައްޒަފުންނަށް ފައިސާ ދޫކޮށްފައިވަނީ 1 ޖެނުއަރީ 2015 އިން ފެށިގެން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ އަދި  1 ޖުލައި 2016 ގެ ފަހުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކޮންޓްރިބިއުޝަން ދައްކާފައި ނުވާ މީހެއްނަމައެވެ.

މިގަވާއިދުގެ ދަށުން ޕެންޝަނަށް އެދޭ ބިދޭސީއެއްނަމަ ރާއްޖެ ދޫކޮށް ފުރުމުގެ 3 މަސް ކުރިން ޕެންޝަނަށް އެދި ފޯމު ހުށަހެޅޭނެއެވެ. މިގޮތުން ފޯމު ހުށަހަޅާތާ އެންމެ ލަސްވެގެން 45 ދުވަސް ތެރޭ އެމީހެއްގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެއެވެ.

މީގެ އިތުރުން، ރާއްޖޭ ދޫކޮށް ފުރައިގެން ދިއުމުގެ ކުރިން އުމުރުން 55 އަހަރު ފުރި އާރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވެ ޕެންޝަނަށް އެދޭ ބިދޭސީންނަށް ދިވެހިންނެކޭ އެއްފަދައިން ޕެންޝަން ފައިސާ ދޫކުރެވޭނެ ކަމަށް މިގަވާއިދުގައި ވަނީ ހިމާނާފައެވެ.

އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރެވިފައިވާ ފައިސާ ދޫކުރުމަށް މިގަވާއިދުގައިވެސް ކަނޑައަޅާފައިވަނީ ކުރިއެކޭ އެއްގޮތަށް އެމުވައްޒަފެއްގެ އުމުރުން 65 ފުރި ޕެންޝަނަށް އެދި ހުށަހެޅުމުންނެވެ.