ނޫސް ބަޔާން

2018-04-16 10:27

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިކޮށްދިނުމާއި ބެހޭ

 

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ހައުސިންގ ފައިނޭންސް ކޮށްދޭ މުއައްސަސާ ތަކާއެކު މިއޮފީހުނދަނީ އެއްބަސްވުން  ގާއިމުކުރަމުންނެވެ. މިގޮތުން، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީ. ބީ.އެމް) އާއެކު ގާއިމުކުރެވޭ އެއްބަސްވުމުގައި މިއަދު، ( 16 އެޕްރީލް 2018 ގައި) މިވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމާއެކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ގެދޮރު ގަތުމަށް ސީ.ބީ.އެމް އިން ހައުސިންގ ފައިނޭންސް ހޯދާ ފަރާތްތަކަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މިއީ މިފަދަ އެއްބަސްވުމެއް މިއޮފީހުން ޤާއިމު ކުރާ 4 ވަނަ މުއައްސަސާއެވެ. ސީ. ބީ.އެމްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް (26 ޑިސެމްބަރ 2016) ، ބޭންކް އޮފް މޯލްޑިވްސް (9 އޮގަސްޓް  2016) އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ( 29 އޮގަސްޓް 2016 ) އާއިއެކު މިފަދަ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ. އެހެން ކަމުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކޮށްގެން، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ލޯނުގެ ޑައުންޕޭމަންޓް ދެއްކޭނެ އިންތިޒާމް މި ހަތަރު މުއައްސަސާ މެދުވެރިކޮށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މީގެކުރިން ސޮއިކޮށްފައިވާ މިފަދަ އެއްބަސްވުންތަކުގެ ދަށުން 74 ލޯނު ދޫކުރެވިފައިވާކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ.

ކުރިއަށް އޮތްތަނުގައި ވެސް އިތުރު މުއައްސަސާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގެ ޤާއިމުކޮށް އެމަޢުލޫމާތު ހިއްސާކުރަމުން ގެންދާނޭ ކަމުގައި ދަންނަވަމެވެ

           24 ރަޖަބް 1439 ހ،               

 16 އެޕްރީލް 2018 މ،