އިސްރަށްވެހިންނާއިއެކު ޕެންޝަން އޮފީސް މިއަހަރު ކުޅުދުއްފުށީގައި

2018-11-25 10:01

އިސްރަށްވެހިންނަށް އަމާޒުކޮށްގެން  ޕެންޝަން އޮފީހުން ތައާރަފުކޮށްފައިވާ \"އިސްރަށްވެހިންނާއިއެކު ޕެންޝަން އޮފީސް\"  ޕްރޮގްރާމުގެ ދަށުން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް 12 ޑިސެމްބަރ 2018 ވާ ބުދަދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ޕެންޝަން އޮފީހުން ދަނީ ތައްޔާރު ވަމުންނެވެ.

 

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީި މީހުންގެ ދުވަހާއި ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިއްވަރުދީ އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ އިސްރަށްވެހީންނާއި ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަމަށް މައްސައްކަތް ކުރުމުގެ މަޤްޞަދުގައި ތަޢާރަފު ކޮށްފައިވާ ޕްރޮގްރާމެކެވެ.

 

މި ޕްރޮގްރާމުގެ ދަށުން މިއަހަރު ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އެރަށުގައި ދިރިއުޅުއްވާ އިސްރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަޙުމަތްތެރިންނާއި ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި ، މުޖުުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި އަދި މިކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕްރޮގްރާމް ކުރިޔަށްގެންދާ ސަރަހައްދުގައި ޕެންޝަން އޮފީހުގެ ޚާއްސް ޑެސްކެއް ބަހައްޓައި ޕެންޝަން އޮފީހުން އިސްރަށްވެހިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

\"އިސްރަށްވެހިންނާއިއެކު ޕެންޝަން އޮފީސް\" ޕްރޮގްރާމް ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ މިދިޔަ އަހަރު އައްޑު އަތޮޅުގެ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ސ.ގަމުގެ އީކުއޭޓަރ ވިލެޖުގައެވެ. މިޕްރޮގްރާމަށް އައްޑުއަތޮޅުގެ އިސްރަށްވެހިންގެ ފަރާތުން  ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ.