ފަރުޟު ޙަައްޖުގެ އަޅުކަން އަދާ ކުރުމަށް ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުން ފައިސާ ދޫކުރެވޭގޮތަށް ޕެންޝަނާ ބެހޭ ޤާނޫނުނަށް ގެނައި އިސްލާހު ތަސްދީޤު ކުރައްވައިފި

2019-03-12 11:19

 

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންނަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާއިން ބައެއް ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދޫކުރެވޭ ގޮަތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.

މިއިސްލާހުގައި ވާ ގޮތުން ހައްޖަށް ދިއުމަށް ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައިވާ ފައިސާ ދޫކުރެވޭނީ ފަރުޟު ހައްޖު އަދާ ކޮށްފައިނުވާ މީހުންނަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމަށް އެދޭ އިރު، ޕެންޝަނުގެ ގޮތުގައި މަހަކު 2000ރ ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ފައިސާ ޖަމާކުރެވިފައި ހުންނަން ޖެހެއެވެ.  

ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ އުސޫލުތައް ކަނޑައަޅައި އާންމު ކުރުމަށް ތިން މަސްދުވަހުގެ މުއްދަތު ޕެންޝަން އޮފީހަށް ވަނީ ދީފައެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5،000ރ. ދިނުމަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. އަދި ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި 5000ރ އަށްވުރެ މަދު އަދަދެއް ލިބޭ މީހެއް ނަމަ އަސާސީ ޕެންޝަނާއި ދައުލަތުގެ ޕެންޝަނުގެ ގޮތުގައި އެމީހަކަށް ލިބޭނީ ޖުމްލަ 5000 ރ ހަމަވާ މިންވަރަށް ކަމަށްވެސް މި އިސްލާހުގައި ވެއެވެ.