8 ވަނަ ފައިނޭންސް ފޯރަމް އޭޕްރީލް މަހު ބާއްވަނީ

2019-04-15 13:18

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމް މި އަހަރުގެ  އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ޕެންޝަން އޮފީހުން ދަނީ ތައްޔާރުވަމުންނެވެ.

 

ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މި އަހަރުގެ ތީމަކީ، "އިޖުތިމާއި އަދި އިޤްތިސާދީ ތަރައްޤީގައި ޕްރައިވެޓް ސެކްޓަރގެ ދައުރު" އެވެ. މިފަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ،ސަރުކާރާއި ފައިނޭންޝަލް ސެކްޓަރ ގުޅިގެން ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ހަރުދަަނާ ކުރުމަށް ކުރެވެން ހުރިކަންތައްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ޕްރައިވެޓް ސްކްޓަރ ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައި ދިނުމާ ގުޅޭގޮތުން  ފުޅާ ދާއިރާއެގައި މައުލޫމާތު ބަދަލުކޮށް މަޝްވަރާ ކުރެވޭނެއެވެ.

 

ރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ މިފޯރަމްގައި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާއި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.