އިޢުލާން - ފަރުޟު ހައްޖު ވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދާ ގުޅޭ

2019-05-28 14:55

 

އިޢުލާން


ނަންބަރު: 216-MPAO/IUL/2019/18

ފަރުޟު ހައްޖު ވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދާ ގުޅޭ:


ފަރުޟު ހައްޖު ވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ގެޒެޓުކޮށް 28 މޭ 2019 އިން ފެށިގެން ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މިގަވާއިދުގެ ދަށުން، ހައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ހައްޖު އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ބެލެންސްގެ ގޮތުގައި  336,000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހުށަހަޅާފަރާތަކީ މިގަވާއިދުގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް މިއޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ފަރާތަކުން ހައްޖަށް ދިއުމަށް ކޯޓާ ހަމަޖެހިފައިވާ މީހަކަށްވުމާއި ގެދޮރުގަތުމަށް ޕެންޝަން އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ކޮލެޓަރަލައިޒު ކުރުމުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރިފައިސާ ހިފެހެއްޓިފައި ނުވާ  މީހަކަށް ވާންޖެހޭނެ ކަމުގައި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

މިގަވާއިދުގެ ދަށުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވަނީ ފައިސާ ދޫކުރުމަށް އެދޭ ފަރާތް ހައްޖަށް ދިއުމަށް ހުށަހަޅާ އަހަރު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ %50 އެވެ.

ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް  ބޭނުންކުރެވެން ހުރި އަދަދު އެމެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައި އެޕްލިކޭޝަނުން ބަލާލެވޭނެއެވެ. އަދި މިސްކީމުގެ ދަށުން މީހުން ހައްޖަށް ގެންދިއުމަށް މިއޮފީހާއެކު އެއްބަސްވުން ޤާއިމުކޮށްފައިވާ ފަރާތްތަކުގެ ނަންތަށް މިއޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ.

ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމަށް އެދި  ހުށަހަޅާނީ އެމީހަކު ހައްޖަށް ގެންދާ ޖަމާއަތް/ކުންފުނިން އެކަމަށް ކަނޑައަޅާ ފޯމު މެދުވެރިކޮށް އެތަނަކަށެވެ. އަދި އެޖަމާއަތް/ކުންފުނިން މި މައުލޫމާތު ޕެންޝަން އޮފީހާ ހިއްސާކުރުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ މެންބަރެއްތޯ ކަށަވަރުކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތެއްނަމަ ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގުގެ %50 އެމެންބަރަކު ހައްޖަށް ގެންދާ ފަރާތާ ހަވާލުކުރެވޭނެއެވެ.

މިގަވާއިދު ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ގަވާއިދާ ގުޅޭ އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1441 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

23 ރަމަޟާން 1440

28 މޭ 2019