ޕެންޝަން އޮފީހާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ދެމެދު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

2019-06-18 14:48

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން ޕެންޝަން އޮފީހާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ދެމެދު 18 ޖޫން 2019 ވީ އަންގާރަ ދުވަހު  އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދުއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ފަރުޟު ޙައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ހުށާހަޅާނީ ހައްޖުކޯޕަރޭޝަން ލިމިޓެޑަށެވެ. މިކަމަށްއެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނުން ޕެންޝަން އޮފީހާ ހިއްސާކުރުމުން ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ޝަރުޠު ހަމަވާ ބައިވެރިންގެ ފައިސާ، ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރެވޭނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް، އަމިއްލަ ގޮތުން ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ %50 ދައްކާފައިވާ ބައިވެރިއެއްގެ ޖާގަ ރިޒާވް ކުރުމަށް އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބޭނުންކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336,000 ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެންހުރި އަދަދު އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން  ބެލޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރުމަށް ޝަރުޠު ހަމަވޭތޯ ޕެންޝަން އޮފީހުގެ ވެބްސައިންޓުން (https://www.pension.gov.mv/dv/hajj-eligibility)  ބެލޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

15 ޝައްވާލް 1440

18 ޖޫން 2019