އައިއެސްއޯ 27001 ގެ މިންގަނޑަށް ޕެންޝަން އޮފީސް ސަރޓިފައި ކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފި

2019-08-20 08:06

 

އައިއެސްއޯ 27001 ގެ މިންގަނޑަށް ޕެންޝަން އޮފީހުގެ މަސައްކަތްތައް ސަރޓިފައި ކުރުމަށް ޕެންޝަން އޮފީހާ ކޭޕީއެމްޖީއާ ދެމެދު ކޮންސަލްޓަންސީ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން މި ސްޓޭންޑަރޑް އިން ގަބޫލުކުރާ ފެންވަރަށް، ޕެންޝަން އޮފީހުގެ އިންފޮމޭޝަން ސެކިއުރިޓީ މެނޭޖް ކުރުމާއި، އެއާގުޅޭ އެންމެހާ ކަންތައްތައް ރާވާ ބައްޓަންކުރެވި ހަރުދަނާ ކުރެވިގެންދާނެއެވެ.

 

އައިއެސްއޯ 27001 އަކީ އިންފޮމޭޝަން ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމްސް އަދި ސެކިއުރިޓީ ކޮންޓްރޯލްތަކަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރެވޭ ފެންވަރުގެ ސެކިއުރިޓީ ގައިޑްލައިން ފްރޭމްވޯކެކެވެ. އައިއެސްއޯ 27001 އަށް ސަރޓިފައިވުމާއެކު ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ މައުލޫމާތު ބެލެހެއްޓުމުގައި ދެމެހެއްޓޭނެ އިތުބާރާ ޔަގީންކަމެވެ. 

 

ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު އަދި ކޭޕީއެމްޖީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕާރޓްނަރ ސަލިޔަރ ޖަޔަވީރާ އެވެ.

 

އައިއެސްއޯ 27001 ގެ މިންގަނޑަށް ޕެންޝަން އޮފީހުގެ މަސައްކަތްތައް ރާވާ ހިންގުމުގެ ކޮންސަލްޓަންސީ އެއްބަސްވުން ގާއިމު ކުރެވުނު ކޭޕީއެމްޖީއަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑުތަކަށް ކުންފުނިތަކާ އިދާރާތަކުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.

 

19 ޛުލްޙިއްޖާ 1440

20 އޮގަސްޓް 2019