މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް

2016-06-01 03:03

1. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް(އެމް.އާރު.ޕީ.އެސް) އަކީ ކޮބާ؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، ވަޒީފާއިން މުސްކުޅި ކުރުމަށްފަހު ޕެންޝަން ލިބިދިނުމަށްޓަކައި ގާއިމް ކުރެވޭ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ. 

މިޕެންޝަން ސްކީމް ހިންގޭނީ ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާ މީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ނަގާ ފައިސާ އާއި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިންނެވެ.

 

 2. ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ކޮބާ؟

ޑިފައިން ކޮންޓްރިބިއުޝަން ސިސްޓަމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ މީހުންގެ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ހިންގޭ ޕެންޝަން ސްކީމަކަށް ކިޔާނަމެކެވެ. 

 

3. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަށް ކޮންޓރިބިއުޝަންގެ ގޮތުގައި ދައްކަން ޖެހެނީ ކިހާވަރެއް؟

އެމް.އާރް.ޕީ.އެސް އަށް ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކަން ޖެހޭ ޢަދަދަކީ މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %14 ( އެއީ ވަޒީފާދޭފަރާތުން ދައްކަންޖެހޭ %7 އާއި ވަޒީފާ އަދާކުރާ މީހާ ދައްކަން ޖެހޭ %7 ) އެވެ. 

 

4. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީ ކިހިނެތް؟

މިސްކީމުގެ ދަށުން ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރު ކަނޑައަޅާނީ ޕެންޝަނަށް ބަލާ ޢުމުރުކަމުގައިވާ 65 އަހަރު ހަމަވާއިރު އެމީހެއްގެ ރިޔަޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާއެއްގެ މައްޗަށް ބިނާކޮށެވެ.

 

5. ޕެންޝަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅުމަށް ބަލާ މުސާރަ (ޕެންޝަނަށް ބަލާ މުސާރަ ) އަކީ ކޮބާ؟

ޕެންޝަނަށް ބަލާ މުސާރަ އަކީ އެމީހެއްގެ އަސާސީ މުސާރަ އެވެ. އަސާސީ މުސާރައަކީ ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަކަމަށް ބަޔާން ކޮށްފައިވާ ދިވެހި ރުފިޔާގެ ޢަދަދެވެ.

 

4. ޕެންޝަން ސްކީމުގައި ބައިވެރިވާންޖެހެނީ ކޮން ބައެއްތޯ؟

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ދިވެހިން މިސްކީމުގައި ބައިވެރިވުމަކީ ލާޒިމް ކަމެކެވެ.

 

5. މުވައްޒަފެއް ނުވަތަ ވަޒީފާ އަދާކުރާ މީހެއް ކަމުގައި ބެލެވެނީ ކޮން ފަރާތްތަކެއް؟

"ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް މާނަ ކުރެވެނީ، ވަޒީފާދޭ ފަރާތުން އުޖޫރަދޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސައްކަތްކުރާ ނުވަތަ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަސައްކަތްކުރާ ކޮންމެ ފަރުދަކަށެވެ. މި މާނަކުރުމުގައި ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުންވެސް ހިމެނެއެވެ.

 

 6. އެމް.އާރް.ޕީ.އެސް ގައި ބައިވެރި ވުމަށްޓަކައި މުވައްޒަފަކު އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނީ ވަޒީފާދޭފަރާތުންނެވެ.

 

7. އެމް.އާރް.ޕީ.އެސް ގައި މުވައްޒަފުން ބައިވެރިކޮށް، ކޮންޓރިބިއުޝަން ދެއްކުމަށްޓަކައި ވަޒީފާދޭ ފަރާތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އެމް.އާރް.ޕީ.އެސް ގައި މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެކެވެ.

 

8. އެމް.އާރް.ޕީ.އެސްގައި ރަޖިސްޓަރީވެ، ސްކީމުގައި މުވައްޒަފުން ބައިވެރިކޮށް، މަހުން މަހަށް ފޮނުވަންޖެހޭ ސްޓޭޓްމަންޓްތައް ފޮނުވައި، ސްކީމަށް ފައިސާ ދެއްކުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހެނީ ކޮން ކަމެއް؟

އެމް.އާރް.ޕީ.އެސްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުން. މިފޯމް ހުށަހެޅުމުން، ޕެންޝަން އޮފީހުގެ ޕޯޓަލްއަށް ވަނުމަށް ވަޒީފާދޭ ފަރާތަށް އެމްޕްލޯޔަރ އައިޑީއަކާއި ޕާސްކޯޑެއް ދެވޭނެއެވެ.

 

9. މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރި ކުރާނީ ކިހިނެތް؟

އެމް.އާރް.ޕީ.އެސްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅުމުން، ލިބިލެއްވި އެމްޕްލޯޔަރ އައިޑީއާއި ޕާސްކޯޑްގެ އެހީގައި ޕެންޝަން އޮފީހު ގެ ޕޯޓަލް މެދުވެރިކޮށް މުވައްޒަފުންނާއި ބެހޭ މަޢުލޫމާތު (އެސް.ޕީ ސީ 300) ފޮނުވައި އެފަރާތްތައް ސްކީމްގައި ބައިވެރި ކުރުން.

 

10. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ކޮންޓްރިބިއުޓް ކުރާނީ ކިހިނެތް؟

ކޮންމެ މަހަކު އެއްފަހަރު ސްޓޭޓަމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަންސް (އެސް.ޕީ.ސީ 101) އަޕްލޯޑް ކޮށް، އެ އަޕްލޯޑް ކުރުމުން ލިބޭ ރިސިޕްޓް ނޯޓިސް ހިފައިގެން ބޭންކަށް ގޮސް އެމަހަކަށް ދައްކަން ޖެހޭފައިސާ ދެއްކުން. އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްވެސް ޕެންޝަނަށް ފައިސާ ދެއްކޭނެއެވެ.

 

11. ކޮންމެ މަހަކު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ކޮންޓްރިބިއުޝަން ދެއްކުމުގެ ފަހު ތާރީޚަކީ ކޮބާ؟

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ކޮންޓްރިބިއުޝަން ދައްކާނީ ޖެހިގެންއަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗަކަށެވެ.

 

12. ކަނޑައެޅިފައިވާ މުއްދަތުގައި އެސް.ޕީ.ސީ ހުށަނާޅާ، ޕެންޝަން ކޮންޓްރިބިއުޝަން ނުދައްކާނަމަ އަޅާނީ ކޮން ފިޔަވަޅެއް؟

ކަނޑައެޅިފައިވާ މުއްދަތުގައި އެސް.ޕީ.ސީ ހުށަނާޅާ، ޕެންޝަން ކޮންޓްރިބިއުޝަން ނުދައްކާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެއެވެ.

 

 13. ޕެންޝަނަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭ މުޅި ޖުމްލަ ޢަދަދު (އަސާސީ މުސާރައިގެ %14) ވަޒީފާދޭފަރާތަށް ދެއްކިދާނެތަ ؟

އާނއެކެވެ ! ވަޒީފާދޭފަރާތުން އެއްބަސްވާނަމަ މުވައްޒަފުގެ އަތުން ސްކީމަށް ފައިސާނުނަގާ ގޮތަށް، ހަމައެކަނި ވަޒީފާދޭފަރާތުން މުވައްޒަފުގެ ޕެންޝަނަށްބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން ޢަދަދަކަށް ސްކީމަށް ފައިސާ ދައްކާގޮތަށް ހަމަޖެއްސުމަކަށް ޕެންޝަނާބެހޭ ޤާނޫނު ހުރަހެއްނާޅައެވެ.

 

14. މުވައްޒަފަކު ނެތް ކުންފުނި/ ފިހާރަ ފަދަތަންތަން މިސްކީމުގައި ރަޖިސަޓްރީކުރަންޖެހޭނެތަ؟

މުވައްޒަފަކު ނެތް ކުންފުނި/ ފިހާރަ ފަދަ ތަންތަން ޕެންޝަން ސްކީމުގައި ރަޖިސްޓްރީކުރުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، މިފަދަ ކުންފުންޏެއް /ފިހާރަ ނުވަތަ ވަޒީފާގެ ފުރުސަތު އޮތް ކޮންމެ ތަނަކުން މީހަކަށް ވަޒީފާދީފިނަމަ ވީ އެންމެއަވަސް މުއްދަތެއްގައި ސްކީމުގައި ރަޖިސްޓްރީކޮށް އެމުވައްޒަފަކު ނުވަތަ މުވައްޒަފުން ސްކީމުގައި ބައިވެރިކުރަންވާނެއެވެ.

 

 15. އެމް އާރް ޕީ އެސް ގައި ބިދޭސީން ބައިވެރި ކުރުމަކީ މަޖްބޫރު ކަމެއްތަ ؟ 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙާ ގުޅިގެން ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.

 

 16. ސްކީމުގެ ބައިވެރިއަކު މަރުވެއްޖެ ނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަގައި ހުރި ފައިސާ އަށް ވާނީ ކިހިނެތް؟

ޕެންޝަން ސްކީމުގެ ބައިވެރިއަކު މަރުވެއްޖެނަމަ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ގަނޑުކޮށް އެމީހެއްގެ ވާރިސުންނަށް ޝަރުޢީ ކޯޓެއް މެދުވެރިކޮށް ދޫކުރެވޭނެއެވެ.

 

17. އެއްވަޒީފާއިން އަނެއް ވަޒީފާ އަށް ބަދަލުވުމުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ އަށް ވާނީ ކިހިނެތް؟

އެއްވަޒީފައިން އަނެއްވަޒީފާއަށް ބަދަލުވިކަމުގައި ވިޔަސް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަކަށް ބަދަލެއް ނާންނާނެއެވެ. ވަޒީފާ ބަދަލުވުމަށް ފަހު އަލަށް ގުޅޭ ތަނަކުން އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ފައިސާ ޖަމާކުރަމުން ގެންދާނެއެވެ.

 

18. ބަލިވެއްޖެ ހިނދެއްގައި ނުވަތަ ނުކުޅެދުންތެރިވެއްޖެ ޙާލަތެއްގައި ބޭސްފަރުވާ ކުރުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ ނެގިދާނެ ތޯ؟

ބޭސްފަރުވާ ކުރުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާ ނެގޭނެ އުޞޫލެއް އަދި ނެތެވެ.

 

19. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް އެނގޭނީ ކިހިނެތް؟

-މިހާރުވަނީ ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގެ ތަފްސީލް ބެލޭނެއިންތިޒާމް ހަމަޖެހިފައެވެ.

-އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގެ ތަފްސީލް ޗާޕްކޮށްފައިވާ ކަރުދާހެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، އެޚިދުމަތް ދެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

-އަމިއްލަ ފުޅަށް ވަޑައި ނުގެންނެވޭނެނަމަ އައިޑީ ކާޑް ދެއްވާފައި އެހެންބޭފުޅެއް ފޮނުއްވިނަމަވެަސް އެޚިދުމަތް ލިބޭނެއެވެ.

 

20. ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާ ކުރަނީ ކޮން ފަރާތަކުން؟

މިވަގުތު ޕެންޝަން އެސެޓް އިންވެސްޓް ކުރުމުގެ ޒިންމާ އަދާކުރާ ފަރާތަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. މިކަމަށްޓަކައި އެސެޓް މެނޭޖަރުން އައްޔަން ކުރުމުގެ އިޚްތިޔާރުވެސް ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.

 

21. ޕެންޝަން އެސެޓް އިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ކޮން ފަރާތެއްގެ މަސްއޫލިއްޔަތެއް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވޭ ގޮތް ބެލުމަކީ ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

22. ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ކޮން ގޮތަކަށް؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ޕެންޝަނާބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، މިސްކީމުގެ ބައިވެރިންނަށާއި ބެނެފިޝަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެ މަތިންނެވެ.

 

23. ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީކޮންކޮން ތަންތަނެއްގައި؟

ޕެންޝަން އެސެޓް އިންވެސްޓް ކުރެވެނީ ވިޔަފާރިކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ލައިސަންސް އޮންނަ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓް ކުރެވިފައިވާ ސެކިއުރިޓީސް ތަކުގައާއި ، ކަމާ ބެހޭ ފަރާތްތަކުން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ސެކިއުރޓީސް ތަކުގެ އިތުރުން ސަރުކާރުން ދޫކުރާ ސެކިއުރިޓީސް ތަކުގައެވެ.

 

24. ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުން ބަލަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބާ؟

ޕެންޝަން އެސެޓްތައް އިންވެސްޓް ކުރުމުގައި ޕެންޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުން އަންނަނިވި ކަންތައްތަކަށް ބަލަންޖެހެއެވެ.

  • އެސެޓްގެ ރައްކާތެރިކަން
  • އިންވެސްޓްމަންޓްތަކުގެ ޑައިވަރސިޓީ
  • އެސެޓް ގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓްސް ތަކުގައި އިންވެސްޓް ކުރުން.
  • އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން

 

25. ޕެންޝަން ކޮންޓްރިބިއުޝަން ގެ ގޮތުގައި ދައްކާ ފައިސާގެ ރައްކާތެރިކަމާ މެދު އޮތީ ކިހާވަރެއްގެ ޔަގީން ކަމެއް ތޯ؟

ޕެންޝާނާބެހޭ ޤާނޫނުން މި ފައިސާގެ ރައްކާތެރިކަމަށްޓަކައި އެތަކެއް ކަންތައްތަކެއް ބެލުމަށް ލާޒިމް ކޮށްފައިވެއެވެ. މިގޮތުން

  • ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރުން ސްކީމް ހިންގުމުގެ ނުވަތަ ޕެންޝަން އެސެޓް މެނޭޖް ކުރުމާއި ތަސައްވަރުކުރުމުގެ އިޚްތިޔާރުލިބިފައިވާ ކޮންމެފަރާތަކީ މިޤާނޫނުގެ ދަށުން ސްކީމް ގެ ބެނެފިޝަރީންގެ ކުރިމަތީގައި ފައިޑިއުޝަރީންކަމުގައި ބެލެވޭނެ އެވެ.
  • އަދި ޕެންޝަން އެސެޓް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަސްޓޯޑިއަނުން އައްޔަން ކުރުމުގެ އިތުރަށް ޕެންޝަން އެސެޓް އިންވެސްޓް ކުރެވެމުން ދަނީ ޕެންޝަން ގާނޫނާއި، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އާ އެއްގޮތައްތޯ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ބަލަމުންގެންދާނެއެވެ.
  • މިގޮތުން ޕެންޝަން އޮފީހާއި ޕެންޝަން އެސެޓް ގެ ކަސްޓޯޑިއަނުން ގެ މަސައްކަތްތައް ދާ ގޮތް ބެލުމުގެ އިޚްތިޔާރު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިގެން ވެ އެވެ.
  • މީގެ އިތުރުން އަހަރަކު އެއްފަހަރު އޮޑިޓް ކޮށްފައިވާ އަހަރީ ހިސާބު ޕެންޝަން އޮފީހުން ޢާންމުކޮށް ޝާއިއު ކުރަންޖެހެއެވެ.

 

26. ރިޓަޔަރމަންޓް ޕެނަޝަން ސްކީމުގެ ދަށުން އެސްކީމުގެ ބައިވެރިއަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ކިހިނެތް؟

  • ޕެންޝަނަށް ބަލާ ޢުމުރު ހަމަވުމުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެ ފައިސާ ގެ ޢަދަދު ބިނާ ވާނީ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ފައިސާއެއްގެ މައްޗަށެވެ.
  • މިގޮތުން އިންތިގާލީ މަރުހަލާގައި ސްކީމް ގެ ބައިވެރި އަކަށް މަހެއްގެ މައްޗަށް ލިބޭނެ ޢަދަދަކީ އެމީހެއްގެ އުމުރުން 65 އަހަރު ވާއިރު އޭނާގެ ރިޓަރަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ، ދިވެހިރާއްޖޭގައި އެއިރެއްގެ ލައިފް އެކްސްޕެކްޓެންސީ (ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އުމުރު) އިން 65 ކެނޑުމުން އަންނަ މުއްދަތުގެ މައްޗަށް ބަހާލުމުން އަންނަ ޢަދަދެކެވެ.
  • މިވަގުތު ރާއްޖޭގައި 65 އަހަރު ފުރިފައިވާ މީހަކު ދުނިޔޭގައި ހުންނާނެކަމަށް ލަފާކުރެވެނީ އެމީހެއްގެ އުމުރުން 79 އަހަރު ވަންދެނެވެ. އެހެންކަމުން މިވަގުތު ޕެންޝަން ސްކީމުގެ ބައިވެރިއަކަށް މަހަކު ލިބޭނެ އަދަދަކީ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ 14 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދެކެވެ.

 

 27. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ވާ ފައިސާ ލިބޭނީ ކިހިނެތް؟

އުމުރުން 65 އަހަރު ވުމުން، ނުވަތަ އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވުމުން، "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމުު" ފުރިހަމަ ކުރުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުމުން.

 

28. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ވާ ފައިސާ ނެގޭނީ ކޮންއިރަކުންތޯ؟

އުޞޫލެއްގެ ގޮތުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ނެގޭނީ އުމުރުން 65 އަހަރު ފުރުމުން މަހުން މަހަށް ލިބޭ ޕންޝަނެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވާ ފަރާތްތަކަށް އުމުރުން 55 އަހަރު ގައި ވެސް ޕެންޝަނަށް އެދެވިދާނެއެވެ.

 

29. ކުޑަ ދުވަސްކޮޅަކަށް ޕެންޝަން ސްކީމަށް ފައިސާ ދެއްކުމަށްފަހު ވަޒީފާއިން ވަކިވެއްޖެނަމަ އެފައިސާ ލިބޭނީ ކޮން ދުވަހަކުތޯ؟

ފައިސާ ލިބޭނީ އުމުރުން 65 އަހަރުވުމުންނެވެ.

 

30. 65 އަހަރަށްވުރެ ކުރިން އެމީހެއްގެ ރިޓަޔަރމަން ސޭވިންގ އެކައުންޓްގައި ހުރި ފައިސާ ލިބިދާނެތޯ؟

65 އަހަރަށްވުރެ ކުރިން ޕެންޝަންގެ ގޮތުގައި ޖަމާކުރި ފައިސާ ލިބުމަށް އެދެވިދާނެ ހަމައެކަނި ހާލަތަކީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންޝަން އޮފީހުން ޕެންޝަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުން ކޮންމެމަހަކަށް ލިބޭ ޕެންޝަންގެ އަދަދު، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދުގެ ދެގުނައަށްވުރެ ބޮޑު ވާނަމަ، ސްކީމްގެ ދަށުން ބެނިފިޓް ލިބުމަށް އެމީހަކަށް އެދެވިދާނެއެވެ.

 

31. ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ އެއްފަހަރާ ގަނޑުކޮށް ލިބޭނެތަ؟

އެއްފަހަރާ ހުރިހާ ފައިސާއެއް ނުލިބޭނެއެވެ. ފައިސާ ލިބޭނީ ކޮންމެ މަހަކު ކަނޑައެޅޭ ވަކި މިންވަރަކަށެވެ.

 

32. ވަޒީފާގައި އުޅޭތާ 18 އަހަރު ވެފައިވާ މުވައްޒަފެއް، އޭގެ 2 އަހަރު ފަހުން، ކުރިން ޕެންޝަން ދެއްވަމުން ގެންދެވި އުސޫލުން 20 އަހަރުވުމުން ލިބޭ ޕެންޝަން ލިބޭނެތޯ؟

ސަރުކާރު ވަޒީފާ އަދާކުރާތާ 20 އަހަރު ވުމުން ކުރިން ދެއްވަމުން ގެންދެވި ޕެންޝަން، 1 މޭ 2010 ން ފެށިގެން ވަނީ ދިނުން ހުއްޓާލާފައެވެ.

 

33. ޕެންޝަން ގާނޫނު އައުމުގެ ކުރިން ދައުލަތަށް ޚިދުމަތް ކުރި މުއްދަތުގެ ޕެންޝަނާ ގުޅޭ ގޮތުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ؟

ޤާނޫނަށް ޢަމަލުކުރަން ފަށިއިރު (13 މެއި 2009) އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންޝަން ޙައްޤުތައް ސަރުކާރުގެ ރިކޮގްނިޝަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓަށް ޖަމާކުރެވޭނެއެވެ.

 

 34. ރިޓަޔަރމަންޓް ޕެންޝަން ގެ ފައިސާ ޖަމާ ކުރެވޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަން ޕެންޝަނުގެ ގޮތުގައި ދޫކުރެވޭ ފައިސާ ޖަމާކުރެވޭނީ ޕެންޝަން ލިބޭ މީހާގެ ނަންހިމެނޭ ގޮތަށް ހުޅުވާފައިވާ ސިންގަލް ނުވަތަ ޖޮއިންޓް ބޭންކު އެކައުންޓަކަށެވެ. އަދި މިއެކައުންޓަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ބެންކެއްގައި ހުޅުވިފައިވާ ދިވެހި ރުފިޔާ އެކައުންޓަކަށް ވާންޖެހޭނެ އެވެ.

 

35. ތަފާތު ޕެންޝަން ސްކީމް ތަކުން ޕެންޝަންގެ ގޮތުގައި ލިބޭފައިސާ،އެކިއެކައުންޓް ތަކަށް ޖަމާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނާނެ ތޯ؟

ތަފާތު އެކި ސްކީމުތަކުން ޕެންޝަން ލިބެމުން ދިޔަކަމުގައި ވިޔަސް، ޕެންޝަން އޮފީހުން ބަލަހައްޓަމުން ގެންދާ ޕެންޝަން ސްކީމުތަކުން ލިބޭ ހުރިހާ ޕެންޝަން ފައިސާއެއްވެސް ޖަމާކުރުމަށް ހަމަޖެހިފައިވަނީ، ޕެންޝަން ލިބޭ މީހާގެ ނަމުގައި ހުޅުވާފައިވާ ކޮންމެވެސް އެއް ބޭންކް އެކައުންޓަކަށެވެ.

 

 36. އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވިދާނެ ހާލަތްތަކަކީ ކޮބާ؟

އަރލީ ޕެންޝަން ވިތްޑްރޯވަލް ނުވަތަ 55 އަހަރުގައި ޕެންޝަނަށް އެދެވޭނީ އުމުރުން 55 އަހަރު ފުރުމަށް ފަހު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގައި ހުރި ޖުމްލަ ޢަދަދު އެއިރެއްގެ ލައިފް އެކްސްޕެކްޓަންސީ އަށް ބިނާ ކޮށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭ ޢަދަދަކީ އެއިރެއްގައި ދެވޭ އަސާސީ ޕެންޝަން ގެ ދެގުނަ އަށް ވުރެ ބޮޑު ޢަދަދަކަށް ވާނަމަ އެވެ.