ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުލް ހަލީމް ޢަބްދުލް ލަތީފް ޕެންޝަން އޮފީހުގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައްޔަނު ކުރެއްވީ 15 މާރޗް 2021 ގައެވެ. ހަލީމް މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކްރޯވް މޯލްޑިވްސް އެޑްވައިޒަރީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެއްގެ މަޤާމުގައެވެ. ސްޓްރެޓެޖީ ފޯމިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް، އިންވެސްޓްމަންޓް އޮޕަރޭޝަންސް އެންޑް މެނޭޖްމަންޓް، ވެލުއޭޝަން، ރިސްކް އަދި ފައިނޭންޝަލް ޕްލޭނިންގ އެންޑް ކޮންޓްރޯލް ފަދަ ދާއިރާތަކުގައި މަސައްކަތްކޮށް ހަލީމް ވަނީ ތަޖުރިބާ ހޯއްދަވާފައިވެއެވެ.
2010 ގައި ޕެންޝަން އޮފީހާއި ގުޅިވަޑައިގެންނެވުމަށް ފަހު ސީނިއަރ މެނޭޖްމަންޓްގެ އެކިރޯލްތައް ހަލީމް ވަނީ އަދާކުރައްވާފައެވެ. މިގޮތުން 2018 ވަނަ އަހަރު ޕެންޝަން އޮފީހާއި ވަކިވެ ވަޑައިގެންނެވުމުގެ ކުރިން ސީ.އެފް.އޯ ގެ ހައިސިއްޔަތުން ހަލީމް ވަނީ އޮފީހުގެ އެޑްމިނިސްޓްރޭޝަން އަދި އިންވެސްޓްމަންޓް މެނޭޖްމަންޓް އޮޕަރޭޝަންސް ބިނާ ކުރުމާއި ފައިނޭންްސް ޓީމް މެނޭޖްކޮށް ކުރިއެރުވުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައެވެ
ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ތަކުގެ އިސްމަޤާމުތައްވެސް ހަލީމް ފުރުއްވިއެވެ. މިގޮތުން، ބޭންކް އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ސީއެފްއޯގެ މަޤާމާއި މޮރިޝަސް ކޮމާރޝަލް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގެ މަޤާމް އަދި ސޮލަރެލް އިންޝުއަރެންސް ގެ ޑެޕިއުޓީ ސީއީއޯ ގެ މަޤާމް ވަނީ ފުރުއްވާފައެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ގަވަރނިންގ ބޯޑުގެ ޓްރެޝަރަރ ގެ މަޤާމް 2015 އިން 2018 ފުރުއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ އިކޮނޮމީ، ފައިނޭންޝަލް ސިސްޓަމްސް އަދި ސޯޝަލް ސެކިޔުރިޓީ އާއި ގުޅުންހުރި ރިސާރޗްތައް ހައްދަވާ ޕަބްލިޝް ކުރެއްވުމުގެ އިތުރުން، ހަލީމް ދަނީ 'މޯލްޑިވްސް އިކޮނޮމިކް ރިވިއު' އަށް ރެގިއުލަރ ކޮށް ކޮންޓްރިބިއުޓް ކުރައްވަމުންނެވެ.
ހަލީމް ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިން އެކައުންޓިން ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލް ކުރައްވާފައެވެ. އަދި ހަލީމަކީ ޗާޓަރޑް އެކައުންޓެންޓެއްގެ އިތުރުން، ޔޫކޭގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީމާ) ގެ މެންބަރެކެވެ. މީގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އެކަޑެމިކް ކޮމިޓީގެ މެމްބަރުކަން ވެސް ދަނީ ކުރައްވަމުންނެވެ.