ސުޖާތާ ހަލީމް
އެކްޓިންގ ސީއީއޯ / ޗީފް އޮޕަރޭޓިންގ އޮފިސަރ
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީސް އުފެދުމުގެ އަސްލު ކަމުގައިވާ ވޯލްޑް ބޭންކުން ޚަރަދުކޮށްގެން 6 އަހަރު ދުވަހުގެ މުއްދަތަށް ހިންގެވި ޕްރޮޖެކްޓް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޕެންޝަން ރިފޯމް ޕްރޮސެސް ހިންގާ ކުރިއެރުވުމުގައި ސުޖާތާ ހަލީމް މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ.
ކާމިޔާބު ކަމާއިއެކު 2015 ވަނަ އަހަރު މިޕްރޮޖެކްޓް ނިންމާލުމަށްފަހު، ސުޖާތާ ވަނީ ޕެންޝަން އޮފީހާއި ގުޅިވަޑައިގެން ޕެންޝަން އޮފީހުގެ ޑައިރެކްޓަރ، ޕްރޮގްރާމްސްގެ މަޤާމު ފުރުއްވުމަށްފަހު 2018 ވަނަ އަހަރުން ފެށިގެން ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމު އަދާކުރައްވަން ފައްޓަވާފައެވެ. މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމާއި، ޤާޢިމްކުރުމާއި، ކުރިއެރުވުން ހިމެނެއެވެ. އަދި މުޅި އޮފީހުގައި ހިނގާ މަސައްކަތްތަކުގެ މިންވަރުބެލުމުގެ އިތުރުން، ޕެންޝަން އޮފީހުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ޒިންމާ ހިމެނެއެވެ. ޖުލައި 2016 ގައި ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ، ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފައިނޭސް ދާއިރާގައި ސުޖާތާ 10 އަހަރަށް ވުރެ ގިނަ މުއްދަތުގައި ވަޒީފާއަދާކޮށް މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ނޭޝަނަލް ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ ގައި އިސް މަޤާމްތަކެއް ފުރުއްވައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ސުޖާތާ ހަލީމް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވަރސިޓީއިން މަތީ ތަޢުލީމް ހާޞިލް ކުރައްވައި ފައިނޭންސް އެންޑް މާކެޓިންގ ގެ ރޮންގުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި ފައިނޭންސްގެ ރޮނގުން ބެޗެލަރ އޮފް ކޮމާސް ހާސިލްކުރައްވާފައިވެއެވެ.