ޕެންޝަން ސްކީމްގެ ބައިވެރިންނަށް ކޮމާޝަލް ބޭންކް މެދުވެރިކޮށް ގެދޮރުގަތުމުގެ ފުރުޞަތު ހުޅުވާލައިފި

16 އޭޕްރީލު 2018

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއިއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޕެންޝަން އޮފީހުގައި  ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ  ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކު އެވެ. އަދި ކޮމާޝަލް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ޑިލަން ރާޖަޕަކްސެ އެވެ. 

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެދޮރު ގަތުމަށް ހައުސިންގ ލޯނު ނަގާ ފަރާތްތަކަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައިހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.  

ކޮމާޝަލް ބޭންކުގެ އިތުރުން ޕެންޝަން އޮފީހުންވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއިއެކުވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.  

މިހާތަނަށް މިސްކީމުގެ ދަށުން 125 މެންބަރުންގެ ޕެންޝަން ފައިސާ ކޮލެޓަރަލައިޒްކޮށް 74 ލޯނު ވަނީ ދޫކުރެވިފައެވެ.