ރިޓަޔަރަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރުގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހާއި މޮރިޝަސް ކޮމާޝަލް ބޭންކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި.

20 ޖޫން 2018

 

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޕެންޝަން އޮފީހާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 

މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ  ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކު އެވެ. އަދި މޮރިޝަސް ކޮމާޝަލް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ މެނޭޖިނގް ޑައިރެކްޓަރ ޑެޒިރޭ ލިއޯ އެވެ.

 

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން މޮރިޝަސް ކޮމާޝަލް ބޭންކް މެދުވެރިކޮށް ގެދޮރު ގަތުމަށް ހައުސިންގ ލޯނު ނަގާ ފަރާތްތަކަށް ލޯނުގެ ޑައުންޕޭމަންޓު ނުވަތަ އޯނާރސް އިކުއިޓީގެ ގޮތުގައި އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައިހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

 

މޮރިޝަސް ކޮމާޝަލް ބޭންކުގެ އިތުރުން ޕެންޝަން އޮފީހުންވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި އެކުވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.  

 

މިހާތަނަށް މިސްކީމުގެ ދަށުން 183 މެންބަރުންގެ ޕެންޝަން ފައިސާ ކޮލެޓަރަލައިޒްކޮށް 124 ލޯނު ވަނީ ދޫކުރެވިފައެވެ.   މިގޮތުން ކޮލެޓަރަލައިޒް ކުރެވިފައިވާ ޖުމްލަ އަދަދަކީ 28,800,039.92 ރުފިޔާއެވެ.

އެންމެ ފަހުގެ މަޢުލޫމާތު