މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ 02 މެންބަރުން ޢައްޔަންކުރުމާބެހޭ

24 އޮކްޓޯބަރު 2021

ޓަރމްސް އޮފް ރިފަރެންސް

ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް

މި އޮފީހުގެ ނަންބަރު: (12 އޮކްޓޫބަރު 2021) އިޢުލާނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ އިތުރު އެއް މެންބަރެއްގެ މަޤާމު މިހާރުވަނީ ހުސްވެފައެވެ. އެހެންކަމުން، މި އިޢުލާނުގެ ދަށުން  ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ  ބޯޑު މެންބަރުންގެ 02 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މި އޮފީހުގެ ނަންބަރު: (12 އޮކްޓޫބަރު 2021) އިޢުލާނާއި ގުޅިގެން ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުގެ މަޤާމަށް މިހާތަނަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ. 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.

ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ ނަންތައް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާއެވެ.  

 ފެންވަރު ނުވަތަ ޝަރުޠުތައް

  1. ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
  2. މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ޙިއްޞާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.

އިސްވެ ބަޔާންކުރި ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ. 

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.

  • ބޯޑު މެމްބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ).
  • ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓްގައި އިޢުލާނާއިއެކު ހިމަނާފައި).
  • ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.
  • މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.
  • ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް.

ވީމާ، އިސްވެ ދަންނަވާފައިވާ މަޤާމަށް ކުރިމަތިލައްވަން ޝަޢުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 1 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ޕެންޝަން އޮފީހުގެ ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،

އެލައިޑް ބިލްޑިންގ (8 ވަނަ ފަންގިފިލާ)، 

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް: [email protected]

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްޢޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.