އިސްރަށްވެހިންގެ ވާހަކަ - ކަނބުލޮގެ ހަވީރު

8 ފެބްރުއަރީ 2022

އާދައިގެ މަތިން ކަނބުލޮ އާއި އޭނާގެ ތިން ރަޙްމަތްތެރިން ހަވީރު ފިންޏަށް ނުކުމެ ރަށުގެ ބަނދަރު ސަރަހައްދުގައި އެމީހުން ތިބޭ ބިޔަ ނިކަގަސް ދަށުގައި އިށީންތަން ފެނުނެވެ. މާގިނަ އިރެއްނުވެ ތާސްކުޅެން ފަށައިފިއެވެ. ގިނައިރު ވީވީހެން ކުޅިވަރުގެ ފޯރިގަދަވެ ހީ ސަމާސާކުރުމުގެ އަޑު ގަދަވަމުން ދިޔައެވެ. އެކިދިމަދިމާލުން ރައްޓެހިންނާއި ތިމާގެ މީހުން އައިސް ގަސްދޮށަށް ޖަމާވެ ކުޅިބަލާ އޮޅިއެއްވެސް އެއްވެއްޖެއެވެ. ކުޅިވަރުގެ ފޯރީގައި އެތައް ވަގުތެއް ފާއިތުވެ އިރު އޮއްސުމާ ކައިރިވެއްޖެއެވެ. ތާސްގަނޑު ނިންމާލުމަށްފަހު ކަނބުލޮ އިންތަނުން ތެދުވެ "އެންމެން ނަމާދަށް ދާންވީ"އޭ ބުނެ ހިނގައިގަންނަން އުޅުމުން ހިނގައިގަނެވޭ ގޮތެއް ނުވިއެވެ. އުނަގަނޑުގައި އަތްކާއްތާލާފައި އަނެއްކާވެސް އިށީންދެއްޖެއެވެ. ކުޅިބަލަން ތިބި މީހުންގެ ތެރެއިން ޒުވާން އުމުރުގެ ފިރިހެން ކުއްޖަކު އެތާ ހުރި ސައިކަލަކަށް އަރައި ސައިކަލު އިސްޓާޓު ކޮށްލުމުން އެތާގައި ތިބި އެފުރައިގެ އެހެން ދެ ކުއްޖަކު އައިސް ކަނބުލޮ ނަގާ ސައިކަލުގެ ފަހަތު ސީޓުގައި ބޭންދިއެވެ. ސައިކަލު ދުއްވަން އިން ކުއްޖާ "މާމާ، މިދުވާއްލަނީ، ބާރަށް ހިފަހައްޓައިގެން އިންނާތި އިނގޭ" އޭ ބުނެ ސައިކަލު ދުއްވާލިއެވެ. ކަނބުލޮ ހިނިގަނޑެއް ޖަހަލާފައި "ދަނީ"އޭ ބުނެ އެތާ ތިބި މީހުންނާ ދިމާލަށް އަތްހޫރަމުން ގޮސް އޮބާލައިފިއެވެ. ފެންނަ ފެނުމަށް އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ ކަނބުލޮގެ މިއުފާވެރި ހަވީރު ފެނި އަހަރެން އާޝޯޚުވިއެވެ. ރަށްފުށުގެ ސާފު ވެށްޓާއި އަމިއްލަ ގެދޮރުގައި މާމަދަރިންނާއި ރަޙުމަތްތެރިންނާއެކު ދޮށީ އުމުރު ވޭތުކުރުމުގެ ފުރުސަތު ލިބުމަކީ ހާދަ ބޮޑު ނަސީބެކޭ ހިތައް އެރިއެވެ.

ނަމަވެސް، މިއަދު ކަނބުލޮފަދަ ނަސީބުވެރިން ފެންނަލެއް މަދެވެ. ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަރައިގެން ދިއުމާއެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ އެތައް ބަދަލުތަކެއް އައިސްފައެވެ. ތައުލީމާއި، ބޭސްވެރިވެރިކަމާއި، ވަޒީފާގެ ބޭނުމުގައި އަމިއްލަ ރަށާއި ޤައުމު ދޫކޮށް ޒުވާން ޖީލު ހިޖުރަ ކުރަމުންދާއިރު ރަށްފުށުގައި އެތައް މައިންބަފައިންނެއް ދަނީ އެކަނިވެރިކަންމަތީ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންނެވެ. އަދި އަމިއްލަ ގެދޮރާއި ވަޒަން ދޫކޮށް ދަރިންނާއެކު ހިޖުރަކުރިނަމަވެސް ދިރިއުޅުމާއިގެން އަވަދިނެތި އުޅެމުންދާ ދަރިންގެ ފުށުން މާބޮޑު އުފަލެއް ނުލިބި ދޮށީއުމުރުގެ މީހުން ބިކަވަމުން ދާތަން ފެންނަލެއް މަދެއް ނޫނެވެ. 

ކަން މިހެން އޮތުމާއެކު ދޮށީ އުމުރުގައި ތިމާގެ ދިރިއުޅުން އޮންނާނެ ގޮތަކާއިމެދު ވިސްނައި އުފާވެރި ރިޓަޔަރމަންޓަކަށް ތައްޔާރުވުމަކީ މިއަދުގެ ޒުވާނުން ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. ދޮށީ އުމުރަކީ ހަމައެކަނި ބަލިއެނދުގައި ހޭދަކުރާ މަދު ދުވަސްކޮޅެއް ނޫންކަން ޤަބޫލުކޮށް، ރައްޓެހިންނާއެކު ކުޅިވަރު ކުޅެލާ ހިތްއުފާކޮށްލުމަށް އެކިތަންތަނަށް ދަތުރުކޮށްލުން ފަދަ ކަންކަމަށް މިއަދު ހިތްއެދޭ ފަދައިން، ދޮށީ އުމުރުގައި ވެސް މިކަންކަމަށް ތިމާގެ ހިތް އެދި ގޮވާނެކަން ޤަބޫލު ކުރަންޖެހެއެވެ. މިއަދު ވަޒީފާއާއި އާއިލީ ޒިންމާތަކުން އަވަދިނެތި އުޅުނަސް ދޮށީއުމުރުގައި އެކަންކަމަށް ހުސްވަގުތު ލިބޭނެކަން ޔަޤީނެވެ. 

އެހެންކަމުން ކަނބުލޮ ފަދައިން، އުފާވެރި ރިޓަޔަރމަންޓަކަށް އެދޭ ކޮންމެ މީހަކު ޒުވާން އުމުރުގައި ރިޓަޔަރމަންޓަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި އެއަށް ވާސިލުވުމަށް މަސައްކަތް ފެށުމަކީ މުހިއްމު ކަމެކެވެ.