ޕެންޝަނަށް ފައިސާ ރައްކާކުރަންވީ ކީއްވެ؟

20 ފެބްރުއަރީ 2022

އުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް އަސާސީ ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ދިނުމަށް ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާއިރު އަމިއްލަ ފަރުދުން ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ބޭނުމަކީ ކޮބާއިތޯ ވަރަށް ގިނައިން  ސުވާލު ކުރެވެއެވެ. މީގެ ޖަވާބު ހޯދުމަށް ރާއްޖޭގެ ޕެންޝަން ނިޒާމު ފަރުމާކުރެވިފައިވާގޮތް އެނގުން މުހިންމެވެ. 

ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމެވެ. މީގެ ތެރެއިން އަސާސީ ޕެންޝަނަކީ ދޮށީ އުމުރުގެ މީހުންގެ އަސާސީ ބޭނުންތަކަށް ދައުލަތުން ދޭ ޕެންޝަނެކެވެ. މިއާ ޚިލާފަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ވަޒީފާއަދާކުރާ މުއްދަތުގައި ޕެންޝަނަށް ފައިސާ ރައްކާކޮށް އެފައިސާ އިންވެސްޓްކޮށްގެން އެއްކުރެވޭ ފައިސާއިން ޕެންޝަން ފޯރުކޮށްދޭ ސްކީމެކެވެ. އަސާސީ ޕެންޝަނުގެ ގޮތުގައި މީހަކަށް މަހަކު 5،000 ރުފިޔާ ލިބޭއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭނެ އަދަދު ކަނޑައަޅަނީ ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވާއިރު އެމީހެއްގެ ޕެންޝަނަށް ޖަމާކުރެވިފައިވާ އަދަދަކަށް ބިނާކޮށެވެ. 

މިގޮތަށް ޕެންޝަން ނިޒާމު ފަރުމާކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަޤުޞަދުގައެވެ. ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއްގެ އެންމެ އަސާސީ އެއްސިފައަކީ ޕެންޝަން ލިބޭ އުމުރުހަމަވެ ސްކީމުން ޕެންޝަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ރޭވި ހަމަޖެހިފައި އޮތުމެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލައި މުސްތަގުބަލުގައި އަސާސީ ޕެންޝަން ދިނުމަށް ދައުލަތުން ކުރާނެ ޚަރަދު އިތުރުވެގެންދާނެ މިންވަރު އަންދާޒާ ކުރާނަމަ 2050 ވަނަ އަހަރާ ހަމަޔަށް ދާއިރު ރާއްޖޭގެ އާބާދީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް %16 އަށް އުފުލި 65 އަހަރުން މަތީގެ މީހުންގެ އަދަދު  88 ހާހަށް ވުރެ މަތިވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މި އާބާދީއަށް 5،000 ރުފިޔާގެ ރޭޓުގައި އަސާސީ ޕެންޝަން ދިނުމަށް ބެލިކަމުގައިވިޔަސް މަހެއްގެ މައްޗަށް 445 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން މިއާބާދީއަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ދުރާލައި ހޯދާނެ ގޮތްތަކެއް ނެތްނަމަ އޭގެ ބުރަ ދައުލަތުން އުފުލަންޖެހޭނެއެވެ.  

މިފަދަ ހާލަތެއް އަޔަނުދިނުމަށް ރާއްޖޭގެ ޕެންޝަން ނިޒާމުގެތެރެއިން ހޯދައި ދީފައިވާ ފަރުވާއަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް ދުރާލާ ޕެންޝަނަށް ފައިސާ ރައްކާ ކުރުމެވެ. މި ސްކީމަކީ ރިޓަޔަރކުރާ ފަރާތްތަކަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ރައްކާކުރެވޭނެ މަގު ފަހިކޮށްދޭ ސްކީމެއްްގެ އިތުރުން ރިޓަޔަރ ކުރުމަށްފަހު ވަޒީފާއަދާ ކުރަމުން ދިޔައިރާ ދާދިއެއްވަރެއްގައި ދިރިއުޅުމުގެ ފެންވަރުން ހިފެހެއްޓޭ ވަރުގެ ޕެންޝަނެއް ލިބުމުގެ ފުރުސަތު ސްކީމުގެ މެންބަރުންނަށް ތަނަވަސް ކޮށްދޭ ސްކީމެކެވެ.  

ކަންމިހެން އޮތުމާއެކު ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު ކުޑަކޮށް މުސްތަޤްބަލުގެ ޖީލުތަކަށްވެސް ފައިދާ ކުރާނެފަދަ ހަރުދާނެ ޕެންޝަން ނިޒާމެއް ގާއިމުވެފައި އޮތުމާއި، ދޮށީ އުމުރުގައި ކަނޑައެޅޭ ޕެންޝަނެއް ލިބެނޭ ގޮތް ކަށަވަރުވެފައި އޮތުމާއި، ރިޓަޔަރމަންޓަށްފަހު ދިރިއުޅުމުގެ ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ވަކިވަކި ފަރުދުން ޕެންޝަނަށް ފައިސާ ރައްކާކުރުން މުހިންމެވެ.