ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި އަމިއްލަ ފަރުދުންގެ ދައުރު

3 މާރިޗު 2022

ރާއްޖޭގައި ޕެންޝަނަށް ފައިސާ ރައްކާކުރުން އާންމުކޮށް ފެށިފައިވަނީ 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ފާސްކުރެވި އާ ޕެންޝަން ނިޒާމެއް ވުޖޫދަށް އައުމާ ހަމައިންނެވެ. މިނިޒާމުގެ ދަށުން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުން ރިޓަޔަމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާކުރުން މަޖުބޫރުކަމެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި ހަމަ އެއާއެކުއެކީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ޕެންޝަނަށް ރައްކާކުރި ފައިސާއިން އެކަށީގެންވާ ޕެންޝަނެއް ނުލިބޭ މީހުން ދޮށީއުމުރުގައި ފަޤީރު ހާލަތުން ސަަލާމަތްކުރުމުގެ މަޤްސަދުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަސާސީ ޕެންޝަން ފޯރުކޮށްދޭން ފެށުނެވެ. 

މިނިޒާމަށް އަމަލުކުރަންފެށިއިރު އުމުރުން 65 އަަހަރު ހަމަވެފައިވާ ގިނައަދަދެއްގެ މީހުންނަކީ ޕެންޝަން ނިޒާމެއްގެ ތެރެއިން ފައިސާރައްކާކުރުމުގެ ފުރުސަތު ހޯދައިދެވިފައިވާ ބަޔަކަށް ނުވާތީ 65 އަހަރުން މަތީގެ ގިނަބަޔަކު ވެގެންދިޔައީ އަސާސީ ޕެންޝަނަށް ޝަރުތު ހަމަވާ މީހުންކަމުގައެވެ. މީގެ ސަބަބުން ގިނަބަޔަަކަށް އަސާސީ ޕެންޝަން ތައާރަފުވެގެން ދިޔައީ އެއްވެސް ވަރަކަށް ރިޓަޔަރމަންޓަށް ފައިސާރައްކާކުރުމަކާއިނުލައި ލިބޭ އިނާޔަތެއްގެ ގޮތުގައެވެ. 

ނަތީޖާއަކަށް ވެގެންދިޔައީ، ޕެންޝަނަށް ފައިސާރައްކާކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަމުގައި ގިނަބަޔަކު ދެކެން ފެށުމެވެ. ޕެންޝަން އޮފީހުން 2017 ވަނަ އަހަރު ހަދާފައިވާ ސާވޭގެ ބައިވެރިންގެ ތެރެއިން %53 މީހުން ބުނެފައިވަނީ ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައެވެ. މިއީ 2010 ވަނަ އަހަރު އެއޮފީހުން ހެދި ބޭސްލައިން ސާރވޭގެ ނަތީޖާއަށް ބަލާނަމަ ވަރަށް ބޮޑު ތަން އިތުރު މިންވަރެކެވެ. 2010 ވަނަ އަހަރުގެ ސާރވޭގައި ރިޓަޔަރމަންޓަށް ފައިސާރައްކާކުރުމީ ދައުލަތުގެ ޒިންމާއެއްކަމުގައި ދެކޭ ކަމަށް ބުނެފައިވަނީ އެންމެ %18 މީހުންނެވެ. 

ޕެންޝަނަށް ފައިސާރައްކާކުރުމާމެދު އާންމުރައްޔިތުންގެ ވިސްނުމާ ފިކުރު މިގޮތަށް ބަދަލުވެފައިވާއިރު ދިވެހިރާއްޖެއަކީ މިސަރަހައްދުގެ ނިސްބަތުން އެންމެ ބޮޑު އަދަދެއް އަސާސީ ޕެންޝަންގެ ގޮތުގައި ފޯރުކޮށްދޭ އެއް ގައުމެވެ. ކަންމިހެން އޮތްއިރު ރާއްޖޭގެ އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އުފުލެމުން ދިއުމާއެކު އަސާސީ ޕެންޝަން ދިނުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ދާނީ އިތުރުވަމުންނެވެ. އެހެންކަމުން، އާބަދީއަށް އަންނަ މިބަދަލަށް ބަލައި ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ދުރާލާ ރާވަންޖެހެއެވެ. 

މިކަމަށްޓަކައި އެޅެންއޮތް އެންމެ ހަރުދަނާ އެއްފިޔަވަޅަކީ ރިޓަޔަރމަންޓް ޕެންޝަން ސްކީމު ފަދަ ސްކީމުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ރިޓަޔަރމަންޓަށް ތައްޔާރުވުމެވެ. މިކަމުގައި އަމިއްލަ ފަރުދުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އެގޮތުން، ކުރެވިދާނެ 3 ކަމައް ފާހަގަ ކޮށްލާނަމެވެ.  

1.xޒުވާން އުމުރުގައި ޕެންޝަނަށް ފައިސާ ރައްކާކުރަން ފެށުން 

ރިޓަޔަރމަންޓް ޕެންޝަން ސްކީމު ފަދަ ސޭވިންގ ސްކީމުތަކުން ކުރާ މައިގަނޑު އެއް މަސައްކަތަކީ ފަހަށް ރައްކާކުރާ ފައިސާ އިންވެސްޓްކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރުމާއި ފައިސާގެ އަގުހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ.  އިންވެސްޓު ކުރުމުގެ އާންމު އުސޫލުތަކަށް ބަލާނަމަ އިންވެސްޓްމަންޓްތަކުގެ މަންފާ އެންމެ ފުރިހަމަގޮތުގައި ލިބެނީ ދިގުމުއްދަތަކަށް ފައިސާއިންވެސްޓް ކޮށްގެންނެވެ. އެގޮތުން، ޒުވާން އުމުރުގައި ސްކީމަށް ފައިސާޖަމާކުރަން ފަށާ މީހުންނަށް ސްކީމަށް އަމިއްލައަށް ޖަމާކުރެވޭ އަދަދު އިތުރުވުމާ އެކުއެކީ ދިގުމުއްދަތަކަށް އެފައިސާ އިންވެސްޓްކޮށް ލިބޭ ނަފާ އިތުރުކުރުމުގެ ފުރުސަތުވެސް ބޮޑެވެއެވެ. ޚާއްސަކޮށް ކޮންޕައުންޑު އިންޓްރެސްޓުގެ މަންފާ ނުވަތަ އިންވެސްޓްމަންޓުން ލިބޭ ނަފާ އަލުން އިންވެސްޓްކޮށް ދިގުމުއްދަތެއްގައި އެއަށް އިތުރު ނަފާ ހޯދަމުން ދިއުމުގެ ފުރުޞަތު ލިބެއެވެ.

2. އެހެނިހެން ބޭނުންތަކަށް ޕެންޝަން ފައިސާ ބޭނުން ކުރާނަމަ ޕްލޭނެއްގެ ދަށުން އެކަންކުރުން

ޕެންޝަން ފިޔަވައި އެހެން ބޭނުންތަކަށް ސްކީމުން ފައިސާ ނަގާނަމަ ރިޓަޔަރމަންޓާ ހަމަޔަށް ދެވޭއިރު އެކަށީގެންވާ ޕެންޝަނެއް ލިބޭ ވަރަށް ޕެންޝަން އެކައުންޓުގައި ފައިސާ ނެތުމުުގެ ފުރުސަތު ބޮޑުވެއެވެ.  ޕެންޝަން ގާނޫނުން ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައިހުރި ފައިސާ ނެގޭ ހާލަތްތަށް ވީހާވެސް މަދުކުރެވިފައިވަނީ މިސަބަބަށްޓަކައެވެ.  ޕެންޝަނާ ބެހޭ ޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ދަށުން ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ގެދޮރު ގަތުމަށާއި ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލެފައިވާއިރު މިފަދަ ބޭނުންތަކަށް ޕެންޝަން ފައިސާ ބޭނުން ކުރާނަމަ އުމުރުގެ ކުރީކޮޅު މިކަންކަމަށް ހާއްސަކޮށްގެން ސްކީމަށް ފައިސާ ދައްކަމުން ގެންދެވިދާނެއެވެ.  

3. ރިޓަޔަރމަންޓަށްފަހު ދިރިއުޅެން ބޭނުންވާ ގޮތުގެ ތަސައްވަރެއް ކަނޑައަޅައި އެކަން ހާސިލު ކުރަން މަސައްކަތް ކުރުން 

ރިޓަޔަރމަންޓަށްފަހު ދިރިއުޅެން ބޭނުންވާ ގޮތުގެ ތަސައްވަރެއް ކަނޑައަޅައި އެކަން ހާސިލު ކުރަން މަސައްކަތް ކުރުމަށް ކުރެވިދާނެ އެއްމެ މުހިންމު އެއްކަމަކީ އެކަމަށް ބޭނުންވާ ފައިސާ ރައްކާކުރުމެވެ.  އެގޮތުން ރިޓަޔަރމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް ފައިސާ ރައްކާކުރާނަމަ، ސްކީމަށް ދެއްކުން ޤާނޫނުން ލާޒިމު ކުރާ އަދަދަށް ފައިސާ ދައްކައިގެން ރައްކާކުރަން ބޭނުންވާ އަދަދަށް ފައިސާ ރައްކާ ނުކުރެވޭ ނަމަ އަމިއްލަ އިޚްތިޔާރުގައި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ގެންދެވިދާނެއެވެ. 

މިކަންކަމަށް ސަމާލުކަން ދީގެން ޕެންޝަނަށް ފައިސާ ރައްކާކުރެވިއްޖެނަމަ ދައުލަތަށް ނުވަތަ އާއިލާއަށް ބަރޯސާވުމެއްނެތި އަމިއްލަޔަށް ރައްކާކުރި ފައިސާއިން އެކަށޭނެ ޕެންޝަނެއް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.