ފާއިތުވި އަހަރު ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ފައިދާ 2020 ވަނަ އަހަރަށްވުރެ %11.6 އިތުރު

1 މޭ 2022

2021 ވަނަ އަހަރު ޕެންޝަން ފަންޑަށް އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާ ކަން ޕެންޝަން އޮފީހުގެ އަހަރީ ރިޕޯރޓުގައި ހަމާކޮށްފިއެވެ. މިއީ 2020 ވަނަ އަހަރުގެ ފައިދާއަށްވުރެ %11.6 މަތި އަދަދެކެވެ. އަދި މިއީ ކޯވިޑް 19 ގެ ކުރިން އެފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް %5 އަށް ވުރެ ވެސް މަތީ އަދަދެކެވެ. 

މީގެއިތުރުން 2021 ވަނަ އަހަރަކީ ޕެންޝަން އޮފީހުން ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާ އަހަރެއްކަން ރިޕޯރޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ފުލީ ޑިޖިޓަލް ކަސްޓަމަރ ސަރވިސަސް ޕޯރޓަލްގެ ގޮތުގައި އެއޮފީހުގެ ކޮށާރު ޕޯރޓަލް ލޯންޗްކޮށް ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންޓްރިބިއުޝަން ކަލެކްޝަންސްގެ ގޮތުގައި ޖުމްލަ 1.2 ބިލިޔަން ރުފިޔާ ފަންޑަށް ޖަމާކުރެވުން ފާހަގަކޮށްފައިވެއެވެ. އަދި ސްކީމުގެ ބައިވެރިންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެދެވޭ ކުރިއެރުންތަކެއް ހޯދި، ކުރިޔަށް އޮތް 3 އަހަރުތެރޭ އާ ޚިދުމަތްތަކެއް ތައާރަފުކުރުމަށް ތައްޔާރުވަމުން ދާކަން ފާހަގަކޮށްފައިވެއެވެ.

ޕެންޝަން ފަންޑަށް ލިބޭ މިފަދަ ކުރިއެރުންތަކަކީ ދިވެހިރައްޔިތުންނަށް ދޮށީއުމުރުގައި މާލީގޮތުން މިނިވަން އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ރާއްޖޭގެ ޕެންޝަން ނިޒާމުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން ދާކަން ރަމްޒުކޮށްދޭ ކަމެކެވެ.

އެންމެ ފަހުގެ މަޢުލޫމާތު