މޯލްޑިވްސް ފައިނޭންސް ފޯރަމް 2022 ފަށައިފި

16 ނޮވެމްބަރު 2022

ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިއަދު ( 16 ނޮވެންބަރު 2022) ހެނދުނު 9.00 ގައި ކުރުނބާ މޯލްޑިވްސްގައި ވަނީ ފެށިފައެވެ. މި އިވެންޓުގެ ޝަރަފުވެރި މެހެމާނަކީ މޯޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރ އަލްފާޟިލް ޢަލީ ހާޝިމް އެވެ. 

ފައިނޭންސް ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. 2022 ވަނަ އަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މަޢުޟޫޢަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުން" މި މަޢުޟޫއެވެ. މިފޯރަމްގައި ބައިވެރިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރި، އިގްތިސާދު، ސިޔާސީ، ޢިލްމީ، އިޖްތިމާޢީ ދާއިރާގެ އިސް ބޭފުޅުންނެވެ. 

މިއަހަރުގެ ފޯރަމްގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ މިހާރު އެކުލެވިފައިވާގޮތާއި، ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގަމުންދާ އަދި ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމާއި، ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށް ރައްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްޤީއާއި ކުރިއެރުންތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ދާއިރާގެ އެކިފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދާ މި އިވެންޓްގެ މެއިން ސްޕޮންސަރަކީ ބެންކް އޮފް މޯލްޑިވްސް އެެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް އިސްލާމިކް ބެންކާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ އެވެ. ޓެލެކޮމް ޕާޓްނަރަކީ އޫރިދޫ މޯލްޑިވްސް އެވެ. އޮންލައިން ނިއުސް ޕާރޓްނަރަކީ "އަދަދު" އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޮރިޝަސް ކޮމާޝަލް ބެންކެވެ.