މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް

ލީފްލެޓް ޑައުންލޯޑް ކުރުމަށް: www.pension.gov.mv/publication

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރު.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. އެމް.އާރު.ޕީ.އެސް އަށް، ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސްއިން ޕެންޝަންގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅިގެން ދަނީ، ރިޓަޔަރ ކުރާއިރު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގގެ ގޮތުގައި ޖަމާވެފައި ހުރި ޢަދަދެއްގެ މައްޗަށެވެ.

އެމް.އާރް.ޕީ.އެސްގައި ބައިވެރިވުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ޢުމުރުން 16 އަހަރާ 65 އަހަރާ ދެމެދުގެ ދިވެހިން އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލާޒިމް ކަމެކެވެ. މިސްކީމުގެ މަޤުޞަދަށްޓަކައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ބެލެވެނީ ވަޒީފާދޭ ފަރާތުގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނިގެން މަހު މުސާރަދެވޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީ ވާންޖެހޭގޮތަށް މަސައްކަތްކުރާ ކޮންމެ މީހެކެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ މީހުންނާއި މަސްވެރިންނާއި ދަނޑުވެރިން އަމިއްލަ އިޚްތިޔާރުގައި ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެމް.އާރް.ޕީ.އެސްގައި މުވައްޒަފުން ބައިވެރިކޮށް ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނީ ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން، ސްކީމްގައި މުވައްޒަފުން ރަޖިސްޓްރީކޮށް، މަހުން މަހަށް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހޭ ސްޓޭޓްމަންޓްތައް ހުށަހަޅައި، ސްކީމަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ އެކެވެ. އަމިއްލަ މަސައްކަތްކުރާ ކުރާ މީހެއް ނަމަ ސްކީމުގައި ބައިވެރިވެ ކޮންޓްރިބިއުޝަން ދެއްކުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރާނީ އެމީހަކު އަމިއްލައަށެވެ.

ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

މުވައްޒަފަކު އެމް.އާރް.ޕީ.އެސްއަށް ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އެންމެ މަދު ޢަދަދު ކަމުގައި ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައި ވަނީ އެމުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ %7 އެވެ. ވަޒީފާދޭ ފަރާތުންވެސް މިއާއެއްވަރުގެ ޢަދަދެއް މުވައްޒަފުގެ ފަރާތުން ކޮންމެ މަހަކު ސްކީމަށް ދެއްކުމަށް ޕެންޝަނާބެހޭ ޤާނޫނުން ލާޒިމު ކުރެއެވެ. ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތުން ސްކީމަށް ދެއްކުން ޤާނޫނުން ލާޒިމްވާ %14 ގެ އިތުރުން އަމިއްލަ އިޚްތިޔާރުގައި ސްކީމަށް ފައިސާ ދެއްކުމުގެ ފުރުޞަތު މި ދެފަރާތަށް ވެސް އޮވެއެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތެއް ނަމަ ސްކީމަށް ފައިސާ ދައްކާނެ ދުވަހާއި މިންވަރު ކަނޑައަޅާނީ އެމީހަކަށް ލިބޭ އާމްދަނީ އަށް ބިނާކޮށް އެމީހަކު އަމިއްލަ އަށެވެ. މުވައްޒަފުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރަކަށް އެންމެ ގިނަވެގެން ސްކީމަށް ދެއްކޭނީ ފާއިތުވި އަހަރު، ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބުނު މީހާގެ، ޕެންޝަނަށް ބަލާ މުސާރައިގެ، އަހަރީ މުސާރައިގެ %14 އަށް ވުރެ އިތުރު ނޫން ޢަދަދެކެވެ.

ޕެންޝަނަށް ބަލާ މުސާރަ

ޕެންޝަނަށް ބަލާ މުސާރަ އަކީ ޕެންޝަން އޮފީހުގެ ބޯޑުން ކަނޑައަޅާ އަދަދެކެވެ. 1 މެއި 2010 އިން މިހާތަނަށް ޕެންޝަނަށް ބަލާ މުސާރަ ކަމުގައި ކަނޑައަޅާފައި ވަނީ މުވައްޒަފުގެ އަސާސީ މުސާރައެވެ.

ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގެ ބެލެންސް ބެލުން

ޕެންޝަން އޮފީހުގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ތަފްސީލް ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ޚުލާސާ ޕްރިންޓް ކުރެވިފާ ސްޓޭޓްމަންޓެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހުގެ ވެބްސައިޓުން އަދި މޯބައިލް އެޕުން ޑައުންލޯޑުކުރެވޭނެއެވެ. އަދި މިވީހާ ތަނަށް ޕެންޝަނަށް ޖަމާކުރި ފައިސާގެ ތަފްސީލް ވެސް ބައްލަވާލައްވާ އެމައުލޫމާތުވެސް ޑައުންލޯޑު ކުރެވޭނެއެވެ. 

އަދި ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ތަފްސީލް ޕްރިންޓް ކުރެވިފާ ސްޓޭޓްމަންޓުގެ ގޮތުގައި ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަމިއްލަފުޅަށް ވަޑައިނުގެންނެވޭނެނަމަ ސްޓޭޓްމަންޓް ކަނޑައެޅޭ ވަކި ފަރާތަކާ ހަވާލުކުރުމަށް ސިޓީއަކުން ހުށަހެޅިދާނެއެވެ.

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ސްޓޭޓްމަންޓް ބެލުމަށް ބޭނުންކުރާ ލިންކް:

https://members.pension.gov.mv

މޯބައިލް އެޕްލިކޭޝަންގެ ލިންކް: 

https://play.google.com/store/apps/details?id=mv.gov.pension.app&hl=en&gl=US

ރިޓަޔަރމަންޓް ސޭވިންގ އެކައުންޓް ސްޓޭޓްމަންޓް ބެލުމުގެ ބައެއް މުހިންމު ބޭނުންތަކަކީ:

 • ޕެންޝަނަށް ޖަމާކުރެވިފައިވާ ފައިސާގެ ޖުމްލަ ބެލުން
 • ވަޒީފާދޭ ފަރާތުން ގަވާއިދުން ޕެންޝަން ކޮންޓްރިބުއުޝަން ދައްކަމުންދޭތޯ ބެލުން
 • ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް އަންނަ ބަދަލުތައް ބެލުން
 • ސްޓޭޓްމަންޓްގައި ހިމެނިފައިވަނީ ރަނގަޅު އަދި އެންމެ ފަހުގެ މަޢުލޫމާތުތޯ ބެލުން

އެމް.އާރު.ޕީ.އެސް އަށް ޖަމާކުރާ ފައިސާ ނެގޭނީ ކޮންއިރަކު؟

އާންމު އުޞޫލެއްގެ ގޮތުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މެންބަރެއްގެ ޢުމުރުން 65 އަހަރު ފުރުމުންނެވެ. މީގެ އިތުރުން އަރލީ ޕެންޝަން ވިތްޑްރޯވަލްއަށް ޝަރުޠު ހަމަވާ މެންބަރުންނަށް، އެމެންބަރެއްގެ ޢުމުރުން (މީލާދީ ގޮތުން) 55 އަހަރު ފުރުމުން ނުވަތަ އޭގެ ފަހުގެ ކޮންމެ ތާރީޚެއްގައި ވެސް ޕެންޝަނަށް އެދެވިދާނެއެވެ. އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުޠު ހަމަވާނީ، ޢުމުރުން 55 އަހަރު ފުރޭއިރު ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެފައިހުރި ފައިސާ 22 އަހަރަށް ބަހާލުމުން، މަހެއްގެ މައްޗަށް، އެއިރެއްގައި ދެވޭ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ޢަދަދުގެ ދެ ގުނަ އަށް ވުރެ ބޮޑު ޢަދަދެއް ޖެހޭ މެންބަރުންނެވެ.

ޕެންޝަނަށް އެދި ހުށަހެޅުން

ޢުމުރުން 55 އަހަރުގައި ޕެންޝަން ލިބުމަށް ޝަރުޠު ހަމަވާ މެންބަރުންނަށް (އަރލީ ޕެންޝަން ވިތްޑްރޯވަލްއަށް ޝަރުޠު ހަމަވާ މެންބަރުންނަށް) މީލާދީ ގޮތުން ޢުމުރުން 55 އަހަރު ފުރުމުން ނުވަތަ އޭގެ ފަހުގެ ކޮންމެ ތާރާޚެއްގައި ވެސް ޕެންޝަނަށް އެދި ހުށަހެޅިދާނެއެވެ. އެނޫނުން މެންބަރުންނަށް މީލާދީ ގޮތުން ޢުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން، ނުވަތަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައިވެސް ޕެންޝަނަށް އެދެވިދާނެއެވެ. ޕެންޝަނަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް 'ޕެންޝަނަށް އެދޭފަރާތުގެ މަޢުލޫމާތު ފޯމް' ފުރިހަމަކޮށް، ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމް ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

ޕެންޝަންގެ ގޮތުގައި ލިބޭނެ އަދަދު

 • އުމުރުން 65 އަހަރު ފުރޭއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ 14 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދު ކޮންމެ މަހަކު ދޫކުރުން
 • އާރލީ ޕެންޝަން ވިތްޑްރޯލް ނުވަތަ ޢުމުރުން 55 އަހަރުގައި ޕެންޝަނަށް އެދޭ ނަމަ މެންބަރުގެ އުމުރުން 55 އަހަރު ފުރޭއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ 22 އަހަރަށް ބަހާލުމުން މަހަކަށް ޖެހޭ ޢަދަދު ކޮންމެ މަހަކު ދޫކުރުން

ޕެންޝަންގެ ގޮތުގައި ލިބެމުންދާ ޢަދަދަށް ބަދަލު އައިސްދާނެ ހާލަތްތައް

 • އެމީހެއްގެ ނަމުގައި އެމް.އާރު.ޕީ.އެސްއަށް ޖަމާކުރެވިފައި ހުރި ފައިސާ ހުސްވުން.
 • ޕެންޝަނުގެ ގޮތުގައި ދޭ މިންވަރު ހިސާބުކުރާ އުސޫލަށް ބަދަލު އައުން.
 • ދިވެހިރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ (ޑަބްލިޔު.އެޗް.އޯ އިން ކަނޑައަޅާ) އަށް ބަދަލުއައުން.
 • އެމް.އާރު.ޕީ.އެސްއިން ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެވުން.

ސްކީމުގެ މެންބަރަކަށް ޕެންޝަންގެ ގޮތުގައި ދޭންޖެހޭ ޢަދަދަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، އިތުރަށް ދެވުނު ފައިސާ ހަމަވަންދެން، އެމީހަކަށް މަހެއްގެ މައްޗަށް ލިބެންޖެހޭ ޢަދަދުން ބައެއް އުނިކުރަމުން ގޮސް އިތުރަށް ދެވުނު ފައިސާ ހަމަ ކުރެވޭނެއެވެ. އަދި، މެންބަރަކަށް ޕެންޝަންގެ ގޮތުގައި ފޯރުކޮށްދޭންޖެހޭ ޢަދަދަށްވުރެ މަދުން ފައިސާ ދެވިފައިވާ ނަމަ ވިދިގެން އަންނަ މަހުގެ ޕެންޝަން ފައިސާ ޖަމާކުރާއިރު، ފާއިތުވި މަސްތަކުގައި ޕެންޝަނުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވިހުރި ފައިސާ އެއްކޮށް ޖަމާކޮށްދެވޭނެއެވެ. މިގޮތަށް ފައިސާ ޖަމާކޮށްދީފައި ނުވާނަމަ ޕެންޝަން ލިބޭ ފަރާތުން އެކަން ޕެންޝަން އޮފީހަށް ހުށަހަޅަން ވާނެއެވެ.

ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުން

އެމް.އާރު.ޕީ.އެސްގެ ބައިވެރިންނާއި ވަޒީފާދޭ ފަރާތްތަކުން ސްކީމަށް ޖަމާކުރާ ފައިސާ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން އިންވެސްޓް ކުރެވޭނެއެވެ. މި ގޮތުން، އިންވެސްޓް ކޮށްގެން ލިބޭ ފައިދާއާއި ގެއްލުން ބަހާލެވޭނީ ސްކީމުގެ ބައިވެރިންގެ މެދުގައެވެ. އިންވެސްޓް ކުރުމުގައި އެންމެ އިސްކަމެއް ދެވޭ ކަންތައްތަކަކީ:

 •  އިންވެސްޓްމަންޓް ތަކުގެ ރައްކާތެރިކަން
 • އިންވެސްޓްމަންޓްތަކުގެ ޑައިވާސިޓީ
 • އިންވެސްޓްމަންޓްތަކުގެ ރިސްކް އާއި އެކަށީގެންވާ ފައިދާ އެއް ލިބޭގޮތުގެމަތިން އިންވެސްޓްކުރުން
 • ލިކުއިޑިޓީ

ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ފައިސާ އިންވެސްޓް ކުރެވޭނެ ތަންތަން

 • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ލައިސަންސް ލިބިގެން ހިންގާ ބޭންކް ޑިޕޮސިޓް
 • ސަރުކާރުން ގެރެންޓީ ކޮށްފައިވާ މިންވަރަކަށް، ސަރުކާރުގެ ފަރާތުން ދޫކުރާ ސެކިއުރިޓީސް
 • ލައިސަންސް ލިބިގެން ހިންގޭ ސްޓޮކް އެކްސްޗޭންޖެއްގައި، ރަސްމީކޮށް ވިއްކަމުންގެންދާ، ވިޔަފާރިތަކުގެ ސެކިއުރިޓީސް
 • ދިވެހިރާއްޖޭގައި ހުއްދަލިބިގެން ހިންގޭ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑް

ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕްލްސް (އެސް.އޯ.އައި.ޕީ)

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިން ސްކީމަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމުގައި ޢަމަލުކުރަނީ ޕެންޝަން އޮފީހުގެ ބޯޑުގެ 3 މެންބަރުންގެ މައްޗަށް އެކުލެވޭ އިންވެސްޓްމަންޓް ކޮމިޓީއިން އެކުލަވައި ބޯޑުން ފާސްކުރާ ސްޓޭޓަމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕްލްސްގައި ހިމެނޭ ސިޔާސަތުތަކާ އެއްގޮތަށެވެ. މިގޮތުން އެކުލަވާލެވި ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށް ފެބްރުއަރީ 2013 ގައި ޝާއިޢު ކޮށްފައިވާ އެސް.އޯ.އައި.ޕީގެ ދަށުން މިވަގުތު ޕެންޝަން ފައިސާ އިންވެސްޓްކުރެވެނީ އަންނަނިވި ތަންތަނުގައެވެ.

 • ބެންކުތަކުގެ ފިކްސްޑް ޑިޕޮޒިޓް
 • ޓްރެޜަރީ ބިލް/ބޮންޑް
 • ހިއްސާ އަދި ބޮންޑްސް
 • ޝަރީޢާ ހުއްދަކުރާ މުޢާމަލާތްތައް

ސްކީމުގެ ބައިވެރިންގެ އަތުން ނެގޭ ފީ

ރިޓަޔަރމަންޓް ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ސްކީމުގެ ބައިވެރިންގެ އަތުން އެޑްމިނިސްޓްރޭޝަން ފީ އެއް ނެގެއެވެ. ސްކީމު ހިންގުމުގެ ޚަރަދު ތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ޚަރަދާއި، އިންވެސްޓް ކުރުމުގެ ކަންކަމަށްދާ ޚަރަދާއި، މާލީގޮތުން ކުރެވޭ މުޢާމަލާތް ތަކާގުޅިގެން ހިނގާ ޚަރަދާއި، ކަސްޓޯޑިއަންގެ ޚަރަދާއި، އޮޑިޓް ކުރުމާއި، އަދި އެފަދަ އެހެނިހެން ޚަރަދުތައް ހިމެނެއެވެ. އެޑްމިނިސްޓްރޭޝަން ފީ އަކީ ކޮންމެ އަހަރަކު މުޠާލިޔާ ކުރެވޭ ފީއެކެވެ. މި ހިނގާއަހަރު އެޑްމިނިސްޓްރޭޝަން ފީ އަކީ، %0.60 (އަހަރަކު ކޮންމެ ސަތޭކަ ރުފިޔާ އަކަށް 60 ލާރި) އެވެ. އެޑްމިނިސްޓްރޭޝަން ފީ ނެގެނީ މަހެއްގެ މައްޗަށް ބަހާލައިގެން އެމަހެއްގައި މެމްބަރަކު ސްކީމުގައި ހޭދަ ކުރި ނިސްބަތުން ނެވެ. އެޑްމިނިސްޓްރޭޝަން ފީ ހިސާބުކުރާ ގޮތް ތިރީގައި އެވަނީ އެވެ. 

މަސް ނިމުނުއިރު މެންބަރުގެ ބެލެންސް x 0.60% /12 x މެންބަރ އެމަހެއްގައި ސްކީމުގައި ހޭދަކުރި ދުވަސްތައް / މަހުގައި ހިމެނޭދުވަސް ތައް

ޕޯރޓްފޯލިއޯ ބަދަލު ކުރުން

އެމް.އާރު.ޕީ.އެސް އަށް ޖަމާކުރެވޭ ފައިސާ އިންވެސްޓް ކުރުމަށްޓަކައި ޝަރީއާ ފަންޑަކާއި އިންވެސްޓްމަންޓް ފަންޑެއް ޤާއިމް ކުރެވި ތަފާތު ދެގޮތަކަށް އިންވެސްޓް ކުރެވެއެވެ. މިގޮތުން ޝަރީއާ ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެނީ ހަމައެކަނި ޝަރީއާގެ ޢުޞޫލުތަކާ އެއްގޮތްވާ ގޮތަށް ފަރުމާ ކުރެވިފައިވާ އިންސްޓްރޫމަންޓަތަކުގައެވެ. އަދި އިންވެސްޓްމަންޓް ފަންޑުގެ މެންބަރުންގެ ފައިސާ އިންވެސްޓް ކުރެވެމުން ދަނީ ކޮންވެންޝަނަލް މާލީ އިންސްޓްރޫމަންޓްތައް ކަމުގައިވާ ޓީބިލާއި، ބޮންޑާއި، ބޭންކް ޑެޕޮސިޓް އަދި ކުންފުނިތަކުގެ ހިއްސާގައެވެ. ޝަރީޢާ ޕޯރޓްފޯލިއޯގައި އިންވެސްޓް ކުރެވެނީ ސްކީމުގެ މެންބަރުންގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފައިސާއެވެ.

ޕެންޝަން ފައިސާ އިންވެސްޓްކުރެވޭ ޕޯރޓފޯލިއޯ ބަދަލުކުރުމަށް ހުށަހަޅާނީ ޕެންޝަން އޮފީހުގެ މެންބަރސް ޕޯރޓަލް މެދުވެރިކޮށް ނުވަތަ ޕޯރޓްފޯލިއޯ ބަދަލުކުރުމަށް އެދޭ ފޯމު މެދުވެރިކޮށެވެ. 

މެންބަރސް ޕޯރޓަލް މެދުވެރިކޮށް ޕޯރޓްފޯލިއޯ ބަދަލުކުރުމަށް ހުށަހަޅާ ލިންކް:

https://members.pension.gov.mv

ޕޯރޓްފޯލިއޯ ބަލަދުކުރުމަށް އެދޭ ފޯމު ޑައުންލޯޑް ކުރާ ލިންކް:

https://pension.gov.mv/forms

ސްކީމުގެ ބައިވެރިއަކު ނިޔާވުން

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިއަކު ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ނުވަތަ ސްކީމަށް ޖަމާކުރި ފައިސާ ހުސްވުމުގެ ކުރިން ނިޔާވެއްޖެނަމަ އެމެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ ވެގެން ދާނީ އެމީހެއްގެ ވާރުތަ މުދަލަށެވެ. އެހެންކަމުން، މިފައިސާ ހޯދުމަށްޓަކައި އެމީހެއްގެ ވާރިޘުން ޝަރުއީ ކޯޓެއް މެދުވެރިކޮށް ހުށަހެޅުމުން ކޯޓު މެދުވެރިކޮށް އެފައިސާ ވާރިޘުންނަށް ލިބިދެވޭނެއެވެ.