ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 21 މޭ 2026 ގައި ތަސްދީޤުކުރެއްވުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ޢަދަދު ވަނީ 4 އިން 5 އަށް އިތުރުވެފައެވެ. އަދި ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން 2 މަޤާމް ހުސްވެފައިވާތީ އާއި 1 މެންބަރެއްގެ ދައުރު 2 ޖުލައި 2026 ގައި ހަމަވާތީ، ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ 4 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުސޫލު ނަންބަރު: 17-G/2026 (ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލު) އާ އެއްގޮތަށެވެ.
ބޯޑު މެންބަރުންގެ ޝަރުޠުތައް
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބައިގައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތަކާއި ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަން މެންބަރުކަމަށް އައްޔަންކުރާއިރު އަދި މެންބަރުކަމުގެ މަޤާމުގައި ދެމިތިބޭއިރު ފުރިހަމަވާންވާނެއެވެ.
ދިވެހިރައްޔިތަކު ކަމުގައިވުން؛
އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން؛
އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
އަންނަނިވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ލިބިފައިވުން؛
ޕެންޝަންގެ ދާއިރާ؛
މާލީ ދާއިރާ؛
އިންވެސްޓްމަންޓްގެ ދާއިރާ؛
އޮޑިޓްގެ ދާއިރާ؛
އިޤްތިޞާދީ ދާއިރާ؛
ވިޔަފާރީގެ ދާއިރާ؛
ޤާނޫނީ ދާއިރާ؛
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ؛
ސޯޝަލް ސެކިއުރިޓީގެ ދާއިރާ؛
ޕަބްލިކް ޕޮލިސީގެ ދާއިރާ؛
ހިއުމަން ރިސޯސަސްގެ ދާއިރާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން؛
ވައްކަން، ޓެކުން، ފޭރުން، މަކަރާއި ޙީލަތް ހެދުން، ޚިޔާނާތް، ރިޝްވަތު، ނުވަތަ ކޮރަޕްޝަންގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ ފަރާތަކާ ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ފުރަތަމަ ދަރަޖައިގެ ޢާއިލީ ގުޅުމެއް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއް، އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، ނުވަތަ އެއްބަފާ މީހުން) އޮތް ކަމުގައި ނުވުން؛
ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން. އަދި ސިޔާސީ ކަންކަމުގައި ނުވަތަ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން (ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވަތަ ސިޔާސީ މަޤާމެއް އަދާކޮށްފައިވާ ފަރާތެއް، މަޤާމަށް ކުރިމަތިލީ ތާރީޚުގެ ނިޔަލަށް، ސިޔާސީ ޕާޓީން ނުވަތަ ސިޔާސީ މަޤާމުން ވަކިވެފައިވާތާ 1 (އެކެއް) އަހަރު ވެފައިވުން)؛
ޕެންޝަން އޮފީހުގެ އެސެޓް މެނޭޖަރެއްގެ ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ އޮފިޝަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުން. އަދި އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ %5 (ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްގެ ހިއްސާއެއްގެ މިލްކުވެރި ފަރާތެއް ކަމުގައި ނުވުން؛
ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ އެއް ތަނެއްގައި ވަޒީފާ އަދާކުރާ މީހަކު ކަމުގައި ނުވުން. އަދި ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ ހިއްސާވެގެން އެއްވެސް އަމިއްލަ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރާ މީހަކު ކަމުގައި ނުވުން؛
މި ޤާނޫނުގެ ދަށުން ޕެންޝަން އޮފީހާ ޙަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް ރެގިއުލޭޓްކުރުމުގެ ޤާނޫނީ ޒިންމާ އޮތް އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ އޮފިޝަލެއް ނުވަތަ މުވައްޒަފަކު ކަމުގައި ނުވުން؛
ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަމުންދާ މީހަކު ކަމުގައިވުން (މަޤާމަށް ކުރިމަތިލާ ތާރީޚުގެ ނިޔަލަށް ޕްރައިވެޓް ސެކްޓަރގައިި މަދުވެގެން 1 (އެކެއް) އަހަރު މެދުނުކެނޑި ވަޒީފާ އަދާކޮށްފައިވުން)؛
ދައުލަތުގެ ނުވަތަ ސަރުކާރުގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ އޮތް ޤާނޫނީ ޝަޚްޞެއްގެ ނުވަތަ އެފަދަ ޤާނޫނީ ޝަޚްޞަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީއެއްގެ މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ކަމުގައި ނުވުން.
ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅުއްވަން ވާނެއެވެ.
ބޯޑު މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ).
ވަނަވަރު (ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް، އަދި މަޤާމާ ގުޅޭ ދާއިރާތަކުން ލިބިފައިވާ ފަންނީ ތަޖުރިބާ އާއި ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް).
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއްނަމަ އެކްރެޑިޓްކޮށްފައި) އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.
ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަންގެ ގޫގުލް ފޯމް(https://forms.gle/cS28DFgNtQ9q7GJ67)
ވީމާ، އިސްވެދަންނަވާފައިވާ 4 މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 16 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް (https://forms.gle/rocN9hn9wCcowxcy6) އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މެންބަރުން ހޮވުމުގައި އިސްކަންދޭނެ ދާއިރާތަކާއި މާކްސް ދިނުމުގެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
