ޕެންޝަން އޮފީހުން އިންތިޒާމުކުރާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުން، 17 އޮކްޓޫބަރު 2026 ވީ ހޮނިހިރު ދުވަހު ހދ. ހަނިމާދޫގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. ކުޑަކުދިންނާއި، ޒުވާނުން އަދި ދޮށީއުމުރުގެ މީހުން އެއްތަނަކަށް ޖަމާވި މި ހަރަކާތަކީ، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުނު ޚާއްޞަ ހިނގާލުމެކެވެ.
ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ އިތުރުން ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ވާހަކަދެކެވޭނެ މާހައުލެއް ޤާއިމުކުރުމެވެ. އަދި ޢާއިލާތަކާއި މުޅި މުޖުތަމަޢު އެކުވެރިކަމާއކު އެއްތަނަކަށް ޖަމާވެ އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި އިވެންޓުގެ އެންމެ ޚާއްޞަ އެއް ބަޔަކީ 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. އެކި ޖީލުތަކުގެ މީހުން އެކުގައި ބައިވެރިވި މި ހިނގާލުމުން ރަމްޒުކޮށްދިނީ، މާލީ ގޮތުން ރައްކާތެރި، ތަނަވަސް މުސްތަޤުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުޙަލާއަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫންކަމާއި، އަދި އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރުދުވަހަށް ދެމިގެންދާ ދަތުރެއްކަމެވެ. "3ޖެން ވޯކް" އަށް ޚާއްޞަ ޓީޝާޓުތަކުގައާއި މާލީ ހޭލުންތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު، ހަނިމާދޫގެ އާބާދީގެ ބޮޑު ބައެއް ވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.
މި ހިނގާލުމަށްފަހު މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކާއި، ކުޅިވަރުތަކާއި، ތަފާތު ޙަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ހިމެނޭ އުފާވެރި ޢާއިލީ ހަވީރެކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ޕެންޝަން އޮފީހާއި ހަނިމާދޫގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެހެން އިންތިޒާމުކުރެވުނު ޚާއްސަ ހަވީރެކެވެ. މުޖުތަމަޢުގައާއި ޢާއިލާގެ ތެރޭގައި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު މި ހަވީރުން ވަނީ ފަހިކޮށްދީފައެވެ.
"3ޖެން ވޯކް" އަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ އުފާވެރި މާހައުލެއްގެ ތެރެއިން، ވިސްނުންތެރި މާލީ ނިންމުންތައް ނިންމަން ދަސްކޮށްދީ، މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުމެވެ.
