Media cover image

10-06-2026

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، 21 މޭ 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ އަސާސީ ޕެންޝަން ދިނުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބައިވެރިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ޕެންޝަން ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ.


މި ޤާނޫނަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  1.  އަސާސީ ޕެންޝަން ދިނުން: ދައުލަތުގެ ބަޖެޓުން ދެމުންދާ އަސާސީ ޕެންޝަނަކީ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ފޯރުކޮށްދެވޭ އިނާޔަތަކަށް ހެދުމަށްޓަކައި، އަންނަނިވި އިޞްލާޙުތައްވަނީ ގެނެވިފައެވެ.

    • ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މުއްދަތުގައި، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި އަސާސީ ޕެންޝަން މެދުކަނޑާލުން.

    • އަސާސީ ޕެންޝަނުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އެ ފަރާތަކަށް ސީދާ ލިބޭ އާމްދަނީ އިތުރުވާ ޙާލަތްތަކުގައި އަސާސީ ޕެންޝަން މެދުކަނޑާލުން.


  1. ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރުން: ގެދޮރު ގަތުމުގެ އިތުރުން، ގެދޮރު ބިނާކުރުމަށާއި މަރާމާތުކުރުމަށް ނަގާ ލޯނުތަކުގެ ރަހުނެއްގެ ގޮތުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. މީގެ ސަބަބުން، މާލެ ފަދަ އާބާދީ ބޮޑެތި ސިޓީތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް، ގެދޮރު އިމާރާތްކުރުމަށް ޕެންޝަން ފަންޑުގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. 


  1. ޓަރމިނަލް އިލްނަސް ތަހައްމަލް ކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރުން: ޓަރމިނަލް އިލްނަސް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް، ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިންވެސް ޤާނޫނީ އުޞޫލުތަކުގެ ތެރެއިން ޕެންޝަން ފަންޑުގައި ހުރި ފައިސާ ދޫކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ، ޕެންޝަން ފަންޑުގެ މަގުސަދަކީ ރިޓަރޔަަމަންޓަށް ފައިސާ ރައްކާ ކުރުންކަމުގައިވީ ނަމަވެސް، ޓަރމިނަލް އިލްނަސް ތަޙައްމަލުކުރަމުންދާ ފަރާތްތައް އިޚްތިޔާރު ކުރައްވާ ގޮތެއްގެ މަތިން ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ. 


  1. ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވް ކުރުމުގެ ފުރުޞަތު ހުޅުވާލުން: މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޙައްޖުގެ މުޤައްދަސް ފަރުޟުން މަޙްރޫމްވިޔަ ނުދިނުމަށްޓަކައި، ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ބޭނުމަކީ، ޕެންޝަން ފަންޑުގެ މެންބަރުން ޞިއްޙީ ގޮތުންނާއި ޖިސްމާނީ ގޮތުން އެންމެ ފުރިހަމަ ޙާލަތުގައި ހުއްޓާ މި އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދިނުމެވެ.


  1. އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ޝާމިލުކުރުން: އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި ބައިވެރިވުމުގެ ފުރުޞަތު މި އިޞްލާޙުގެ ދަށުން ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިއީ ވަޒީފާ އަދާކުރާ ފަރާތްތަކެކޭ އެއްފަދައިން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އުމުރުން ދުވަސްވާ ދުވަހު މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


  1. ފަންޑު އިންވެސްޓްކުރުމާއި ހިންގުން ހަރުދަނާކުރުން: ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި، ފަންޑުގެ އެސެޓްތައް ބެލެހެއްޓުމާއި އިންވެސްޓްކުރުމުގެ އުޞޫލުތައް މި އިޞްލާޙުގެ ދަށުން ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މީގެ އިތުރުން، ޕެންޝަން އޮފީހުގެ ހިންގުން އިތުރަށް ޒިންމާދާރުކުރުވުމުގެ ގޮތުން، ބޯޑު މެންބަރުންނާއި ސީ.އީ.އޯ އައްޔަނުކުރުމުގައި ޤާނޫނުން ކަނޑައަޅާފައިވާ އައު މިންގަނޑުތަކަށް ޢަމަލުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.


މި އިޞްލާޙު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން، 21 މޭ 2026 އިން ފެށިގެން މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. 


މި ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި އިދާރީ އިންތިޒާމުތައް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމުގެ މަސައްކަތް ޕެންޝަން އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް، އިތުރު ތަފްޞީލުތައް އާންމުންނަށް ޙިއްޞާކުރެވޭނެއެވެ.


ޤާނޫނު:https://gazette.gov.mv/gazette/7506