މައިގަނޑު މަޢުލޫމާތަށް ސީދާ ދިޔުމަށް
Media cover image

14-10-2026

ހަނިމާދޫ ސްކޫލުގެ ގްރޭޑް 11 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި ކެރިއަރ ބައްޓަންކުރުމާއި، ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރުކުރުމާއި، ސީވީ ތައްޔާރުކުރުމުގެ އިތުރުން އިންޓަވިއުއަށް ބޭނުންވާ ހުނަރުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދެވުނެވެ. އެގޮތުން، ފުރިހަމަ ސީވީއެއް އެކުލަވާލާނެ ގޮތާއި، ތިމާގެ ހުނަރާއި ތަޖުރިބާ ހުށަހަޅައިދޭނެ ގޮތާއި، ވަޒީފާއަށް އެދި ހުށަހެޅުމާއި އިންޓަވިއުއަށް ފުރިހަމައަށް ތައްޔާރުވާނެ ގޮތްތައް ދަރިވަރުންނަށް ދަސްކޮށްދެވުނެވެ.

ހަމައެއާއެކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާއި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ އަސާސީ މަޢުލޫމާތު ދަރިވަރުންނާ ޙިއްޞާކުރެވުނެވެ. އަދި މުސްތަޤުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒުވާން އުމުރުގައި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރަން ފެށުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި މިއަދު އެޅިދާނެ ފިޔަވަޅުތައް މި ސެޝަންގައި ފާހަގަކުރިއެވެ.

"ކެރިއަރ ކޮމްޕަސް" ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދަރިވަރުންނަށް މަތީ ތަޢުލީމަށާއި ވަޒީފާގެ މައިދާނަށް ބޭނުންވާ ޢަމަލީ ހުނަރުތައް ތަރައްޤީކޮށް، އެކުދިންގެ މުސްތަޤުބަލު ކާމިޔާބުކަމާއެކު ބައްޓަންކުރުމަށް ބޭނުންވާ މުހިންމު އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމަށް އަހުލުވެރިކުރުވުމަށްޓަކައި ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު ސެޝަނެކެވެ.