Media cover image

23-08-2026

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމާ އަލްފާޟިލް ޔަޒްމީދު މުޙައްމަދު މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

މި މުނާސަބަތުގައި ޕެންޝަން އޮފީހުގެ މުވައްޒަފުންގެ ފަރާތުން އައު ސީއީއޯއަށް މަރުޙަބާ ދެންނެވުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. ރަސްމިއްޔާތުގައި މުވައްޒަފުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޔަޒްމީދު ވަނީ މުވައްޒަފުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ސީއީއޯގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ އިސްކަންދެއްވާނެ މައިގަނޑު ކަންކަމުގެ މައްޗަށް ޔަޒްމީދު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ދެއްވައި، ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ، ހަރުދަނާ، އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވަމުން، އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ، ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ނެރެދިނުމަށް އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ޕެންޝަން އޮފީހަކީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ، ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ގަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރިން، ޕެންޝަން އޮފީހަކީ ހިންގުމުގެ ދާއިރާއިން ބައިނަލްއަގުވާމީ އައި.އެސް.އޯ ސެޓިފިކޭޝަނާއި ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ އިދާރާއެކެވެ.