ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ، "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމްގެ ސެޝަނެއް ހަނިމާދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.
ހަނިމާދޫ ސްކޫލުގެ 40 އަށް ވުރެ ގިނަ ދަރިވަރުންގެ ބައިވެރިވުމާއެކު ކުރިއަށްދިޔަ މި ސެޝަންގައި، މާލީ ކަންކަމާ ގުޅޭ އަމަލީ މަޢުލޫމާތުތައް ހިއްސާކޮށް، ޒުވާން އުމުރުގައި ރަނގަޅު މާލީ އާދަތައް އަށަގަންނެވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ސެޝަންގައި މާލީ ހޭލުންތެރިކަމުގެ އަސާސްތަކަށް އަލިއަޅުވާލައި، ފައިސާ ބެލެހެއްޓުމާއި، ފައިސާ ރައްކާކުރުމުގެ އިތުރުން މުސްތަޤުބަލަށް ރޭވުންތެރިކަމާއެކު ޕްލޭންކުރާން ބޭނުންވާނެ މަޢުލޫމާތާއި އަމަލީ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ. އަދި ދުވަހުން ދުވަހަށް ނިންމާ މާލީ ނިންމުންތަކާ މެދު ވިސްނުންތެރިވުމަށާއި، ޒިންމާދާރުކަމާއެކު ފައިސާ ޚަރަދުކުރުމަށާއި، ދުރު ރާސްތާގައި ފައިދާކުރާނެ ފަދަ ރަނގަޅު އާދަތައް މިހާރު ގެންގުޅުމަށް ދަރިވަރުންނަށް ބާރުއަޅާފައިވެއެވެ.
ޒުވާނުންނަށް ފަސޭހައިން ދޭހަވާނެހެން އަދި ޝައުޤުވެރިވާނެ ގޮތަކަށް ފަރުމާކޮށްފައިވާ "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމަކީ، އުފާވެރި މާހައުލެއްގައި މަޝްވަރާއާއި އަމަލީ ޙަރަކާތްތަކުގެ ތެރެއިން މާލީ އަސާސްތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. މި ސެޝަންގެ ތެރެއިން ބައިވެރިންނަށް ޑޯނަޓް ވެސް ލިބިގެންގޮސްފައިވާއިރު، މިއީ އުނގެނުމުގެ މާހައުލު ދަރިވަރުންނަށް އިތުރަށް ޝައުގުވެރި މާހައުލަކަށް ހެދުމަށް ކުރެވުނު ކަމެކެވެ.
ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ޕެންޝަން އޮފީހުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. ޑޯނަޓްސް އެންޑް ފައިނޭންސް ފަދަ ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް ހަރުދަނާ މާލީ ނިންމުންތައް ނިންމަން ދަސްކޮށްދިނުމާއި، ދުޅަހެޔޮ މާލީ އާދަތައް އަށަގެންނެވުމުގެ އިތުރުން، އަމިއްލަ މާލީ މުސްތަޤުބަލު ރޭވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ އެކަންތައްތަކަށް ހިތްވަރުދިނުމެވެ.
މި ޕްރޮގްރާމަކީ މުޖުތަމަޢުގެ ތެރޭގައިި ހިމެނޭ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ދިމާވާ މާލީ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
