ޕެންޝަން އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް "ޑޯނަޓްސް އެންޑް ފައިނޭންސް" ގެ 2026 ވަނަ އަހަރުގެ ތިންވަނަ ސެޝަން ބާއްވައިފިއެވެ. 30 އަށް ވުރެ ގިނަ ބައިވެރިންނާއިއެކު ކުރިއަށް ދިޔަ މި ސެޝަން ބާއްވާފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުނިސެފުން ކުރިއަށް ގެންދާ އުދުހިލަން ކެމްޕޭނާއި ގުޅިގެންނެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން މެއި 11 ވަނަ ދުވަހު ބޭއްވި މި އިވެންޓުގައި ތަފާތު ހަރަކާތްތަކާއި، ކުޅިވަރާއި، މަޝްވަރާގެ ތެރެއިން ސެޝަންގެ ބައިވެރިންނަށް ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އެގޮތުން މާލީ މިނިވަންކަމާއި، މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އިންވެސްޓްކުރުން ފަދަ މުހިންމު މައުޟޫއުތަކަށް އަލި އަޅުވާލާފައިވެއެވެ.
މި ޕްރޮގްރާމަކީ މާލީ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.
