ޕެންޝަން އޮފީހުގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން މަސައްކަތާއި ރިޓަޔަރމަންޓުގެ މުސްތަޤުބަލާއި ބެހޭ ޕެނަލް ޑިސްކަޝަން ސިލްސިލާއެއް ފަށައިފިއެވެ. މި ސިލްސިލާގެ މަޤްޞަދަކީ ވަޒީފާގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ރިޓަޔަރމަންޓް ޕްލޭނިންގ އަށް ކުރާނެ އަސަރުތަކާއި ބެހޭގޮތުން ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ސިލްސިލާގެ އިފްތިތާހުކުރުމުގެ ގޮތުން ފުރަތަމަ ޕެނަލް ޑިސްކަޝަން ވަނީ 20 ފެބްރުވަރީ 2025 ގައި ވިލާ ކޮލެޖުގައި ބާއްވާފައެވެ. ވިލާ ކޮލެޖުގެ 40 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށް ދިޔަ މި ޕެނަލް ޑިސްކަޝަންގައި މަސައްކަތުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، ރިޓަޔަރމަންޓަށް ތައްޔާރުވުމާއި، ދިވެހި ރާއްޖޭގެ ޕެންޝަން ނިޒާމާއި ބެހޭ މުހިންމު މައުލޫމާތުތަކަށް ވަނީ އަލި އަޅުވާލައިފައެވެ.
މި ޕެނަލް ޑިސްކަޝަން ސިލްސިލާ ހިމެނެނީ ޒުވާނުންގެ މެދުގައި މަސައްކަތު މާހައުލަށް އަންނަމުންދާ ބަދަލުތަކާއި ރިޓަޔަރމަންޓަށް ދުރާލާ ތައްޔާރުވުމަށް ބޭނުންވާ މައުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.