މައިގަނޑު މަޢުލޫމާތަށް ސީދާ ދިޔުމަށް
Media cover image

05-11-2026

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ މެންބަރުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ލިބޭގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

މި އިޞްލާޙު ގެނައުމުގެ ކުރިން، ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ. ނަމަވެސް، އަލަށް ގެނެވުނު އިޞްލާޙާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން، 65 އަހަރު ވުމުގެ ސަބަބުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު މި ފުރުޞަތުގެ ބޭނުން ހިފޭނެއެވެ.

މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އަދި ޙައްޖު ދަތުރުގެ އަގުގެ ބާކީ 80 އިންސައްތައަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. މި ފައިސާ ޙައްޖު ކޯޕަރޭޝަނާ ޙަވާލުކުރުމާ ހަމައަށް، ދާނީ އިންވެސްޓްކުރެވެމުންނެވެ.

މީގެއިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ.

ގަވާއިދު: https://gazette.gov.mv/gazette/7587