ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައި ޕެންޝަން ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 22 ސެޕްޓެންބަރު 2026 ވަނަ ދުވަހު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނުގައި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ބައިވެރިންނާ ޙިއްޞާކުރެވުނެވެ. އެގޮތުން، ކޮންޓްރިބިއުޝަން ޖަމާކުރެވޭ ގޮތްތަކާއި، ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަރމަންޓް ސޭވިންގްސް އިތުރުވަމުންދާ ގޮތުގެ އިތުރުން، ރިޓަޔަރ ކުރުމަށްފަހު މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގައި މި ސްކީމް އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލެވުނެވެ. މި ސެޝަނުގައި އެވްސެކޮމްގެ 20 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަވެ.
މި ސެޝަނަކީ ޕެންޝަން އޮފީހުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ ޕެންޝަން ސްކީމްތަކާއި، މި ސްކީމްތަކުގައި ބައިވެރިވާ
ފަރާތްތަކަށް ލިބިދޭ މަންފާތަކާ ގުޅޭ ޞައްޙަ އަދި ސާފު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
