Media cover image

04-05-2026

އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަނާއި (އިސާ) މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ބާއްވާ "އިސާ ޓެކްނިކަލް ސެމިނަރ އޮން ސްޓްރެންތެނިންގ ފައިނޭންޝަލް ސަސްޓެއިނަބިލިޓީ އެންޑް އިންސްޓިޓިއުޝަނަލް ކެޕޭސިޓީ" މެއި މަހުގެ 6 އިން 7 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ.

އިސާ އިން އިންތިޒާމުކުރާ މި ސެމިނަރގައި، އެ ޖަމިއްޔާގައި ހިމެނޭ އޭޝިއާ ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުގެ އިދާރާތަކުންނާއި މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި ސެމިނަރގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އާބާދީ މުސްކުޅިވަމުންދިއުމާއި، ވަޒީފާގެ ބާޒާރުގެ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދަށް ކުރިމަތިވާ އެކި ލޮޅުންތަކުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުންނެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަންދޫބުންގެ މެދުގައި ޚިޔާލު ބަދަލުކުރެވޭނެއެވެ.

މީގެއިތުރުން، މިއީ މާލީ ގޮތުން ނިޒާމުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ އެކި އިދާރާތަކުގެ މެދުގައި މައުލޫމާތާއި ހުނަރު ބަދަލުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުސަތެކެވެ.

މި ސެމިނަރ އަކީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ހަރަކާތެކެވެ.