Media cover image

07-05-2026

އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަނާއި (އިސާ) މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން "އިސާ ޓެކްނިކަލް ސެމިނަރ އޮން ސްޓްރެންތެނިންގ ފައިނޭންޝަލް ސަސްޓެއިނަބިލިޓީ އެންޑް އިންސްޓިޓިއުޝަނަލް ކެޕޭސިޓީ" ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

އިސާ އިން އިންތިޒާމުކުރި މި ސެމިނަރގައި، އެ ޖަމިއްޔާގައި ހިމެނޭ އޭޝިއާ ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުގެ އިދާރާތަކުންނާއި މަންދޫބުން ވަނީ ބައިވެރިވެފައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ސެމިނަރގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދުނިޔޭގެ އާބާދީ މުސްކުޅިވަމުންދިއުމާއި، ވަޒީފާގެ ބާޒާރުގެ އޮނިގަނޑަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދަށް ކުރިމަތިވާ އެކި ލޮޅުންތަކުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުންނެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަންދޫބުންގެ މެދުގައި ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވިފައިވެ.

މި ސެމިނަރ އަކީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ހަރަކާތެކެވެ.