Media cover image

09-07-2026

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕެންޝަން އޮފީސް ގުޅިގެން ތަރައްޤީކޮށްފައިވާ އިސްރަށްވެހިންގެ ޕާކު 2026 ޖުލައި 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.

ޕާކު ހުޅުވައިދެއްވާފައިވަނީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އަދި ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރްޔަމް ޝިއުނާއެވެ. މި ޕާކު ހުޅުވުމުގެ ގޮތުން، އިސްރަށްވެހިންނަށް ހާއްސަކޮށްގެން ސިއްހީ ސްކްރީނިންގް ހެދުމާއި، މުނިފޫހިފުލުވުމުގެ ހަރަކާތްތައް ހިމެނޭހެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕާކު ބިނާކޮށްފައިވަނީ އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެފަރާތްތަކުގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުސަދުގައެވެ. މި މަސައްކަތަކީ ހުރިހާ އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕެންޝަން އޮފީހުން ދޭ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެކެވެ.