މައިގަނޑު މަޢުލޫމާތަށް ސީދާ ދިޔުމަށް
Media cover image

11-10-2026

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން، 14 ނޮވެމްބަރު 2026 ގައި ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކުރާ މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުންނެވެ.

މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ދެކެއެވެ. މިކަމުގެ ސަބަބުން ގައުމުތަކާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާއި ގުޅޭ މާލީ ވަސީލަތްތަކާއި އަދި މާކެޓްގެ ހާލަތްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވޭނެއެވެ.

މި މަޝްވަރާތައް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ހިމެނެއެވެ. މިއީ އިތުބާރުހުރި ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކަށް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް މަގުފަހިކޮށްދޭ މުހިންމު އޮނިގަނޑެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރ އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެއެވެ. ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި، ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައްޗަށެވެ.

"ޕެންޝަން ފައިސާއަކީ އެތައް އަހަރަކަށް އަމާޒުކޮށް އިންވެސްޓްކުރެވޭ އެއްޗަކަށްވުމާއެކު، ކުރިއަށް އޮތް ވިއްސަކަށް ނުވަތަ ތިރީހަކަށް އަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ފުރުސަތުތަކަކީ އަޅުގަނޑުމެންގެ ބައިވެރިންނާ ސީދާ ގުޅުންހުރި ކަންކަން،" މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔަޒްމީދު މުހައްމަދު ވިދާޅުވިއެވެ. ސީއީއޯ އިތުރަށް ވިދާޅުވީ، "ގްރީން ފައިނޭންސްގެ އަސާސީ ބޭނުމަކީ އިތުރަށް ހަރުދަނާވެފައިވާ ވިލުންތެރި އިގްތިސާދަކަށް އިންވެސްޓްކުރުން. މި ފޯރަމަކީ އެ ފަލްސަފާ ރާއްޖޭގައި އަމަލީ ފުރުސަތުތަކަކަށް ބަދަލުކޮށްދެވޭނެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމަށް ކުރިއަށްގެންދާ ފޯރަމެއް"