ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގެ 13 ވަނަ ބައްދަލުވުން، ދުސިތް ޑީ2 ފޭދޫ މޯލްޑިވްސްގައި މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފޯރަމުން ދިން މައިގަނޑު މެސެޖަކީ، ގްރީން ފައިނޭންސަށް ބޭނުންވާ ސިޔާސަތުތަކާއި އެކު މިދާއިރާގެ ފުރުސަތުތައް ރާއްޖޭގައި އެބައޮތް ކަމާއި، މިހާރު ކުރަންޖެހޭ މަސައްކަތަކީ އެ ސިޔާސަތުތައް، އިންވެސްޓަރުންނަށް އިތުބާރާއެކު އިންވެސްޓްކުރެވޭ ފަދަ މަޝްރޫއުތަކަކަށް ބަދަލުކުރުން ކަމެވެ.
ޕެންޝަން އޮފީހާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރި މި ފޯރަމުގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތައް އަދި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭހެން 130 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ. މި އަހަރުގެ ފޯރަމުގެ ޝިއާރަކީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓާއި މާލީ ރައްކާތެރިކަން" އެވެ.
ފޯރަމުގެ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަލްފާޟިލް ހަސަން ޒަރީރު ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ އިޤްތިޞާދީ ނުރައްކަލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަންތައްތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ވިލުންވެރި އިޤްތިސާދެއް ގާއިމްކުރަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އިންވެސްޓްމަންޓްތައް ބިނާވެފައިވަނީ އިތުބާރުގެ މައްޗަށް ކަމަށާއި، އެ އިތުބާރު ހަރުދަނާވަނީ ގަވާއިދުތަކާއި، އިތުބާރުކުރެވޭ މައުލޫމާތާއި، ގަބޫލުކުރެވޭ އިންވެސްޓްމަންޓް ފުރުސަތުތަކުން ކަމަށެވެ. ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފޯރަމް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޔަޒްމީދު މުޙައްމަދު ވިދާޅުވީ، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދަންވާނީ ޕެންޝަން އޮފީހުގެ ފިޑިއުޝަރީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ.
"ގްރީން އިންވެސްޓްމަންޓްގެ މާނައަކީ މާލީ އިންޒިބާތު ދޫކޮށްލުމެއް ނޫން،" ޔަޒްމީދު ވިދާޅުވިއެވެ. "ކޮންމެ އިންވެސްޓްމަންޓަކީވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" އޭނާ ވިދާޅުވިއެވެ. އަދި "އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށް" ކަމަށްވެސް ޔަޒްމީދު ވިދާޅުވިއެވެ.
ޔަޒްމީދު ވިދާޅުވީ، މޫސުމީ ފައިނޭންސިންގ ހިމެނޭހެން ތިމާވެއްޓާއި، އިޖުތިމާއީ ކަންކަމާއި، ގަވަރނަންސްއާ ގުޅޭ މަސައްކަތްތަކަށް އެހީތެރިވެވޭނެ ފުރުސަތުތައް ޕެންޝަން އޮފީހުން ހޯދަމުންދާ ކަމަށެވެ.
"ގްރީން އިންވެސްޓްމަންޓްގެ މާނައަކީ ފައިނޭޝަލް ޑިސިޕްލިންއަށް އުނިކަން ގެނައުމެއް ނޫން. އަޅުގަނޑުމެންގެ މެންބަރުންގެ ރިޓަޔަރމަންޓްގެ މާލީ ރައްކާތެރިކަމަކީ އެންމެ އިސްކަން ދޭންޖެހޭ ކަންތައްތައް" ޔަޒްމީދު ވިދާޅުވިއެވެ.
އޮނިގަނޑުތަކުން ފައިނޭންސިންގއާ ހަމައަށް
ފޯރަމް ހުޅުވުމުގެ ގޮތުން ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އިކޮނޮމިސްޓް ޝުހާދު އިބްރާހީމް ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި، މޫސުމީ ބަދަލުތަކުން ގޭބިސީތަކަށާއި ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް އަސަރުކުރާގޮތާއި، ދެމެހެއްޓެނިވި ފައިނޭންސްގެ ދާއިރާއިން ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލެއްވިއެވެ.
ހެނދުނުގެ ދަންފަޅީގައި ކުރިއަށްދިޔަ "އުސޫލުތަކުން އަމަލީ މާހައުލަށް" މި މަޝްވަރާ ބައްދަލުވުމުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ މަންދޫބުން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ބޭނުންވާ އިދާރީ އޮނިގަނޑުތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. މި ބައްދަލުވުމުގައި، ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ރިޕޯޓިންގ ހަރުދަނާކުރުމާއި، މޫސުމީ ކަންކަމަށް ކުރެވޭ ހޭދަ މޮނިޓަރކުރުމާއި، މާލީ ނިންމުންތައް ހޭދައާއި މަސައްކަތުގެ ފެންވަރާ ގުޅޭ މައުލޫމާތުގެ މައްޗަށް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މެންދުރުފަހުގެ ދަންފަޅީގައި ޔޫ.އެން.ޑީ.ޕީގެ އެސް.ޑީ.ޖީ ފައިނޭންސް ޕޮލިސީ އެޑްވައިޒަރ ޗާލްސް ޔޫ، ކުދި ޖަޒީރާ ގައުމުތަކުގައި ދެމެހެއްޓެނިވި ފައިނޭންސް ބޭނުންކުރަމުންދާ ގޮތުގެ ބައިނަލްއަގުވާމީ ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އެގޮތުން "ގްރީން އެންޑް ބްލޫ ބޮންޑް"، "ބްލެންޑަޑް ފައިނޭންސް" އަދި "ކޮންސެޝަނަލް ފައިނޭންސިންގ" ފަދަ މާލީ ވަސީލަތްތައް ރާއްޖެ ފަދަ ގައުމުތަކުގައި ބޭނުންކުރެވިދާނެ ގޮތްތައް އޭނާ ބަޔާންކުރެއްވިއެވެ.
ފޯރަމްގެ ފަހު ޕެނަލް މަޝްވަރާ ކަމުގައިވާ "ސްޓްރެޓެޖީއެއްގެ ގޮތުގައި ދެމެހެއްޓެނިވިކަން: މޫސުމީ ނާޒުކުކަން ވިޔަފާރީގެ ފުރުސަތަކަށް ބަދަލުކުރުން" މި ސެޝަންގައި، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތައް އުފެއްދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ޚާއްސަ އިގްތިސާދީ ސަރަހައްދުތަކާއި، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތަކުން މާލީ އެހީ ހޯދުމުގެ އިތުރުން، ރާއްޖޭގެ މާލީ ބާޒާރަށް ދެމެހެއްޓެނިވި ލޯނާއި ލީސިންގ ފަދަ ވަސީލަތްތައް ތައާރަފުކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.
މި ފޯރަމްގެ މައިގަނޑު އަމާޒަކަށްވީ، އެކުލަވައިލެވިފައިވާ ސިޔާސަތުތަކާއި އުސޫލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ބޮޑެތި ރައުސްމާލު ހޯދޭނެ ގޮތްތައް ދެނެގަތުމެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ހަރުދަނާ އިގްތިސާދެއް ބިނާކުރުމަށްޓަކައި، ސަރުކާރާއި، ރެގިއުލޭޓަރީ އިދާރާތަކާއި، މާލީ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން މި ފޯރަމުން ވަނީ ހާމަވެގެން ގޮސްފައެވެ.
