ރާއްޖޭގެ ކެޕިޓަލް މާކެޓާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ޕެންޝަން އޮފީހާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި (އެމް.އޯ.ޔޫ) ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ މަގްސަދަކީ، ގުޅިގެން ހިންގާ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ޒަރީއާއިން، ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ކެޕިޓަލް މާކެޓުގައި ހުރި ފުރުޞަތުތަކާ، މާލީ ބަޒާރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ތިން މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ފަހުމުނާމާގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އައުޝަން ލަތީފެވެ.
މި މަސައްކަތަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ ކެޕިޓަލް މާކެޓެއް ރާއްޖޭގައި ގާއިމުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
