ޕެންޝަން އޮފީހުގެ ފަރާތުން، އައިއޯއެސް ޑިވައިސްތަކަށް ޕެންޝަން މޯބައިލް އެޕްގެ އާ ވަރޝަންއެއް ލޯންޗްކޮށްފިއެވެ.
މި އެޕް ފަރުމާކޮށްފައިވަނީ މެންބަރުންނަށް ފަސޭހަކަމާއެކު ޕެންޝަނާ ގުޅޭ މަޢުލޫމާތާއި ޚިދުމަތްތައް ހޯދޭނެ ގޮތަށެވެ. އެގޮތުން، މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރު.އެސް.އޭ) ބެލެންސް ބަލައިލުމާއި، ކޮންޓްރިބިއުޝަންގެ ތަފުސީލު ހޯދުމުގެ އިތުރުން، އެހެނިހެން މުހިންމު ޚިދުމަތްތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނު މެދުވެރިކޮށް ހޯދޭނެއެވެ.
މިއީ ޕެންޝަން އޮފީހުގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، މެންބަރުންނަށް ބޭނުންވާ މަޢުލޫމާތު އިތުބާރާއެކު، އަވަސް އަދި ފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އާ ޕެންޝަން މޮބައިލް އެޕް މިހާރު އެޕަލް އެޕް ސްޓޯރ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިހާރުގެ އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާ ފަރާތްތަކަށް އެޕް އަޕްޑޭޓް ކޮށްލެވޭނެއެވެ.
