އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ހިންގާ ފަރާތްތަކާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ މާލީ ހޭލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ޚާއްޞަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
"މާލީ އަސާސްތަކާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ދެނެގަތުން" މި ނަމުގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރި ބިނާކުރުމުގެ ބޭނުމާއި، އަމިއްލަ ޒާތާއި ވިޔަފާރީގެ ޤާނޫނީ ޝަޚްޞު ވަކިކުރުމުގެ މުހިންމުކަމުގެ އިތުރުން، ވިޔަފާރި ޤާނޫނީގޮތުން ރަޖިސްޓަރީކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
މީގެއިތުރުން، އެކައުންޓިންގ މިންގަނޑުތަކާ އެއްގޮތަށް މާލީ ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. އެގޮތުން، ޑަބަލް އެންޓްރީ އުޞޫލާއި، ބެލެންސް ޝީޓާއި، އިންކަމް ސްޓޭޓްމަންޓް އަދި ކޭޝް ފްލޯ ސްޓޭޓްމަންޓް ފަދަ މާލީ ބަޔާންތައް އެކުލަވާލާނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިސާބުތައް ބެލެހެއްޓޭނެ ނިޒާމުތައް ބައިވެރިންނާ ޙިއްޞާކުރެވުނެވެ.
ހަމައެއާއެކު، މި ސެޝަންގައި ޕެންޝަނާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. ވަކިން ޚާއްޞަކޮށް، އަމިއްލަ ވިޔަފާރިވެރިންނަކީ ދާއިމީ މުވައްޒަފުން ނުގެންގުޅުނު ނަމަވެސް، އަމިއްލައަށް އިސްނަގައިގެން ޕެންޝަނަށް ފައިސާ ޖަމާކުރެވޭނެ ބައެއްކަން ފާހަގަކުރިއެވެ. އަދި ރިޓަޔަރމަންޓް ޢުމުރު ކަމުގައިވާ 65 އަހަރު ފުރުމަށްފަހު، ހަމައެކަނި ދައުލަތުގެ އަސާސީ ޕެންޝަނަށް ބަރޯސާނުވެ، އަމިއްލަ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދެވުނެވެ.
މި ސެޝަނުގެ މައިގަނޑު އަމާޒަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވިޔަފާރި ރައްކާތެރިކަމާއެކު ފުޅާކުރުމުގެ ހުނަރުތައް އުނގަންނައިދިނުމާއި، ދިގު މުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގެންނެވުމެވެ.
