މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި މަސައްކަތްތެރިން ބައިވެރިވާ މިންވަރު ފުޅާކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރި އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޚާއްޞަކޮށްގެން "ވިމެންސް ފައިނޭންޝަލް އެމްޕަވަރމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް" (ޑަބްލިއު.އީ.ޕީ.އާރް) ގެ ސެޝަނެއް 23 ނޮވެމްބަރު 2026 ވަނަ ދުވަހު ބާއްވައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ފަންކްޝަން ފައިވްގައި ކުރިއަށްދިޔަ މި ސެޝަންގެ މައިގަނޑު އަމާޒަކީ ވިޔަފާރީގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހުނަރުތައް އިތުރަށް ހަރުދަނާކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން އަންގައިދިނުމެވެ.
މި ސެޝަންގައި ވިޔަފާރީގެ އައު ފުރުޞަތުތައް ދެނެގަތުމާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން، ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، މާލީ ރަނގަޅު އާދަތައް އަށަގަންނުވައި، ބަޖެޓު އެކުލަވާލުމާއި، ވިޔަފާރި ކުރިއެރުވުމަށާއި ދިގު މުއްދަތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުރާލާ މާލީ ކަންކަން ރޭވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލާފައެވެ.
ހަމައެއާއެކު، އެމް.އާރް.ޕީ.އެސްއާ ގުޅޭ މަޢުލޫމާތާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގެ ތަފްސީލު ބަލައި، ޕެންޝަން އޮފީހުގެ ޚިދުމަތްތައް ހޯދާނެ ގޮަތްތަކާ ބެހޭ މަޢުލޫމާތުވެސް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން، ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގައާއި ޕެންޝަން ސްކީމުގައި ބައިވެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.
މި ސެޝަންގައި 20 ފަރާތަކުން ބައިވެރިވެފައިވާއިރު، މިއީ އަންހެން ވިޔަފާރިވެރިން މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ރިޓަޔަރމަންޓަށް ތައްޔާރުވުމަށް ދޭ ޚާއްޞަ އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.
މި ޕްރޮގްރާމަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމަށް ބާރުއެޅުމުގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
