އަންނަ އަހަރުން ފެށިގެން އެމް.އާރް.ޕީ.އެސްގެ އިދާރީ ފީ ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފި

25 ޑިސެމްބަރު 2023

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި އެކަން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށްފި އެވެ.

އެމް.އާރް.ޕީ.އެސް ހިންގުމަށް އިދާރީ ފީ ނަގަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު (8/2009) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މިހާތަނަށް ޕްރީ ރިޓަޔަރމަންޓް ފަންޑުންނާއި, ޕޯސްޓް ރިޓަޔަރމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަނީ 0.6 އިން ސައްތަ އެވެ. އަލަށް ގެނައި ބަދަލާ އެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ.

އެގޮތުން ޕްރީ ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން ނަގާނީ އަހަރަކު 0.5 އިން ސައްތަ އެވެ. އަދި ޕޯސްޓް ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ 0.3 އިން ސައްތަ އެވެ.

ޕްރީ ރިޓަޔަރމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

ޕޯސްޓް ރިޓަޔަރމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

އިދާރީ ފީ ނެގުމުގެ މަގުސަދަކީ، އެމް.އާރް.ޕީ.އެސް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު, އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެ އެވެ.

އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދު ވީހާ ވެސް ކުޑަކުރުމަކީ ޕެންޝަން އޮފީހުން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެކެވެ. އެގޮތުން މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ކުޑަކުރީ 2015، 2017 އަދި 2018 ގަ އެވެ.

އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދުގެ ތަފްސީލު މެމްބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން ހުންނާނެ އެވެ. ސްޓޭޓްމަންޓާއި, އެކައުންޓުގައި ހުރި ފައިސާގެ އެހެން ތަފްސީލުތައް ކޮޝާރު އެޕްލިކޭޝަނުންނާއި, ވެބްސައިޓުން ފެންނާނެ އެވެ.

ރިޓަޔަރ ކުރުމަށް ފަހު އެހެން މީހަކަށް ބަރޯސާނުވެ އަބުރުވެރިކަމާ އެކު އުޅެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި، 65 އަހަރާ ދެމެދުގެ ދިވެހިން ގާނޫނުން މަޖުބޫރުކަމެކެވެ. އަމިއްލަ މަސައްކަތްކުރާ މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިން އަމިއްލަ އިހުތިޔާރުގައި އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

އެމް.އާރް.ޕީ.އެސް އަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ 7 އިން ސައްތަ އެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެ އެވެ. މާނައަކީ ކޮންމެ މަހަކު ވެސް އެ މުވައްޒަފެއްގެ ނަމުގައި އެމް.އާރް.ޕީ.އެސް އަށް އަސާސީ މުސާރައިގެ 14 އިން ސައްތަ ޖަމާވަމުން ދިއުމެވެ. އަމިއްލަ އިހުތިޔާރުގައި، މިއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ ފުރުސަތު ވެސް ގާނޫނުން ވަނީ ފަހިކޮށްދީފަ އެވެ.

އެމް.އާރް.ޕީ.އެސްގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔަރވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔަރމަންޓް ނެގިދާނެ އެވެ.

ރިޓަޔަރކުރުމުގެ ކުރިން އެ ފައިސާ ބޭނުންކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ފަރުޟު ހައްޖުއަދާކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާ އެކު އެވެ.